ގައުމީ ސަލާމަތާ ބެހޭ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާ އަށް ލަފާ އެރުވުމަށް އުފައްދާފައިވާ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވައިފި އެވެ.

ޑިފެންސް މިނިސްޓްރީގައި މިއަދު ބޭއްވި އެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ.

އެ ބައްދަލުވުމުގައި ސަލާމަތީ ގޮތުން ރާއްޖެއަށް މިއަދު ދިމާވެފައިވާ ގިނަ ކަންތައްތަކަކާއި ބެހޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ.

އެ ބައްދަލުވުމުގައި، ސިފައިންގެ ޚިދުމަތް ހަރުދަނާ ކުރުމާއި ތަރައްގީ ކުރުމާ އަދި ގައުމީ ސަލާމަތާ ގުޅުން ހުރި އެކި ކަންކަމުގައި އެކުލަވާލަން ޖެހޭ ސިޔާސަތުތަކާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށް ވެސް ޑިފެންސް މިނިސްޓްރީން ބުންޏެވެ.

ގައުމީ ސަލާމަތާއިބެހޭ މަޖިލިސްގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ހިމެނިވަޑައިގަންނަވަނީ ނާއިބް ރައީސް އާއި ޑިފެންސް މިނިސްޓަރާއި ފޮރިން މިނިސްޓަރުގެ އިތުރުން އެޓަރނީ ޖެނެރަލް އާއި ޗީފް އޮފް ޑިފެންސް ފޯސްއެވެ.