14 May 2014, 18:17
މި މަހުގެ 19 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ކުރިޔަށްދާ ޗެލެންޖުކަޕަށް ހާއްސަ އެއް ސަން އޮންލައިނުން ތައާރަފުކޮށްފި އެވެ. ސަން މީޑިއާގައި މިއަދު ހަވީރު މިކަމަށް ޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ސަފުހާ ތައާރަފުކޮށްދެއްވީ ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލެވެ.
މި ސަފުހާ ތަޢާރަފުކޮށްދެއްވުމަށް ފަހު ދެއްކެވި ވާހަކަފުޅުގައި، ޗެލެންޖުކަޕަށް ޚާއްސަ މިފަދަ ވެބް ސޮފުހާއެއް ރައްޔިތުންނާ ހަމަޔަށް ގެނެސްދެއްވީތީ ސަންގެ މެނޭޖްމެންޓަށާއި ސަން ޓީމަށް ޔޫތު މިނިސްޓްރީގެ ނަމުގަ އާއި ސަރުކާރުގެ ނަމުގައި މަލީހު ޝުކުރުއަދާކުރެއްވި އެވެ. އަދި ރާއްޖޭގެ ކުޅިވަރުގެ ޚަބަރުތައް ގެނެސްދިނުމުގައި ސަންއިން އަދާކުރަނީ ވަރަށް މުހިންމު ދައުރެއްކަން ފާހަގަކުރައްވައި އެ ގޮތުގެ މަތީގައި ކުރިޔަށް އޮތް ތަނުގައި ވެސް ދެމިތިބުމަށް އެދިވަޑައިގެންނެވި އެވެ.
މި ރަސްމިއްޔާތުގައި މަލީހު ވިދާޅުވީ ޗެލެންޖުކަޕުގެ މަސައްކަތަކީ ވަރަށް ވެސް ޗެލެންޖިން މަސައްކަތެއް ކަމަށާއި މި ކަމުގައި ހުރިހާ ރައްޔިތުންގެ އެއްބާރުލުމާއި ސަޕޯޓު ގައުމީ ޓީމަށް ބޭނުންވާ ކަމަށެވެ.
މި ރަސްމިއްޔާތުގައި ސަންގެ ޗީފް އެޑިޓަރު އަހުމަދު ޒާހިރު (ހިރިގާ) ވިދާޅުވީ ޗެލެންޖު ކަޕަކީ ސަން އިން ގަބޫލު ކުރާ ގޮތުގައި ގައުމީ ކަމެއް ކަމަށެވެ. އެހެން ކަމުން ގައުމީ ޓީމު ވާދަކުރާ މި މުބާރާތުގެ އެންމެ ފަހުގެ ޚަބަރާއި މައުލޫމާތުތައް ވީހާވެސް ތާޒާ ކަމާއެކު ފުޅާ ދާއިރާއެއްގައި ގެނެސްދިނުމަށް ސަން ޓީމުން މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރާއްޖޭގެ ލީޑިން ނިއުސް މީޑިއާގެ ހައިސިއްޔަތުން މި މަސައްކަތަށް އިސްނެގުމަކީ ލިބޭ އުފަލެއް ކަމަށް ވެސް ހިރިގާ ވިދާޅުވި އެވެ.
"މިހާރު މުޅި ގައުމުގެ ވިސްނުން މި އޮތީ މި މުބާރާތަށް ހުއްޓިފައި. މި ވަގުތަކީ އަޅުގަނޑުމެންގެ ހުރިހާ ރައްޔިތުން ގައުމީ ޓީމާއެކު ވާންވީ ވަގުތު. ސަޕޯޓުދޭންވީ ވަގުތު. ސަން ޓީމު މި އޮތީ ގައުމީ ޓީމާ އެކުގައި. މުބާރާތުގެ މައުލޫމާތުތައް ތާޒާކަމާ އެކު ގެނެސްދިނުމަށް އަޅުގަނޑުމެން މަސައްކަތްކުރާނަން،" ހިރިގާ ވިދާޅުވި އެވެ.
ޗެލެންޖުކަޕުގެ ޚާއްސަ ސޮފުހާ ތައާރަފުކޮށްދެއްވުމަށް ފަހު، އެ ޕޭޖަށް އެންމެ ފުރަތަމަ ފޭސްބުކް ކޮމެންޓް ކުރެއްވީ ވެސް މަލީހެވެ.
ސަން އިން މި ތައާރަފުކުރި ޕޭޖުގެ ބައިތައް ހިމެނޭ ތައާރަފު ޔޫތު މިނިސްޓަރަށް ދެއްވީ ސަންގެ ކްރިއޭޓިވް ޑައިރެކްޓަރު އިސްމާއީލް ޒާހީ ޒާހިދު (ޒާހީ) އެވެ.
މި ގައި ޗެލެންޖު ކަޕާ ބެހޭ އެންމެ މުހިންމު މައުލޫމާތުތައް ހިމަނާފައިވެ އެވެ. އެ ގޮތުން ދެ ގުރޫޕަށް ޓީމުތައް ބެހިފައިވާ ގޮތާއި ޓީމުތަކުގެ ޕްރޮފައިލް އާއި މެޗުތައް އޮންނަ ތާރީޚު ތަކާއި ގަޑި ތަކާއި ސްޓޭޑިއަމް ތަކުގެ އިތުރުން މުބާރާތާ ގުޅޭ ޚަބަރުތައް އަދި ފޮޓޯ އަލްބަމްތައް ވެސް ހިމަނާފައިވެ އެވެ.
މި ޕޭޖަށް ވަދެވޭނެ ލިންކެއް ސަންއޮންލައިންގެ ހޯމް ޕޭޖުގައި ވަނީ ތައާރަފުކޮށްފަ އެވެ. ސީދާ ވަދެވޭނެ ލިންކަކީ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ސަން މީޑިއާގެ މުވައްޒަފުންނާއި މެނޭޖްމެންޓުން ބައިވެރިވި އެވެ.