އދ. މަޖިލިސް (މޭ 14) : އދ. އާއި އަރަބި ލީގުން ސޫރިޔާއަށް ކަނޑައަޅާފައިވާ މަންދޫބު އަލްއަޚްޟަރުލްއިބްރާހީމީ އެމަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

އުމުރުން 80 އަހަރުވެފައިވާ އަލްއިބްރާހީމީ ވިދާޅުވީ ސޫރިޔާގައި ހިނގާ ލޭއޮހޮރުވުން ބޮޑު ދާޚިލީ ހަނގުރާމަ ހުއްޓުވުމުގައި ނާކާމިޔާބު ވުމުގެ ސަބަބުން މާޔޫސްވެ ވަޑައިގެންފައިވާ ކަމަށާ އެހެންކަމުން މަގާމުން އިސްތިއުފާ ދެއްވުމަށް ނިންމެވީ ކަމުގައެވެ. އިސްތިއުފާ ދެއްވިކަން އދ.ގެ ސަލާމަތީ މަޖިލީހަށް އަންގަވާނެ ކަމަށް ވެސް އަލްއިބްރާހީމީ ވިދާޅުވި އެވެ. އދ.ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫންވަނީ ސޫރިޔާގެ މައްސަލަ ހައްލުކުރުމަށް ފާއިތުވި ދެއަހަރު އިބްރާހީމީ ކުރެއްވި ބުރަ މަސައްކަތް ފާހަގަ ކުރައްވައި އެމަސައްކަތްތަކަށް ތާރީފު ކުރައްވާފަ އެވެ.

އދ. އާއި އަރަބި ލީގުން ސޫރިޔާއަށް ކަނޑައަޅާފައިވާ މަންދޫބު ކަމުގެ މަގާމަށް އަލްއިބްރާހީމީ އައްޔަން ކުރެވުނީ އެމަގާމުގައި ކުރިން ހުންނެވި އދ.ގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ކޯފީ އަނާން 2012 ވަނައަހަރު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ރިޕޯޓްތައް ބުނާ ގޮތުން އަލްއިބްރާހީމީ މަގާމުން އިސްތިއުފާ ދެއްވީ ސޫރިޔާގެ ހަނގުރާމަވެރިންގެ ތެރޭގައި ހިމެނޭ ބައެއް ޖަމާއަތްތަކުގެ މެދުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އެމީހުން ބަލިކަށިވެ ސޫރިޔާ ސިފައިންނަށް ކާމިޔާބު ލިބެންފެށުމާ ގުޅިގެންނާއި ރައީސް ބައްޝާރުލް އަސަދު ރިޔާސީ އިތުރު ދައުރަކަށް ކުރިމަތިލެއްވުމަށް ނިންމެވުމާގުޅިގެން ސޫރިޔާގެ މައްސަލަ އަށް ސުލްހަވެރި ހައްލެއް އަންނާނެ ކަމުގެ ހުރިހާ އުންމީދުތަކެއް ގެއްލުމާ ގުޅިގެންނެވެ.
ސޫރިޔާގެ ހަނގުރާމަވެރިންގެ ތެރޭގައި ހިމެނޭ ދެޖަމާއަތެއް ކަމަށްވާ އައްނުސްރާ ޖަމާއަތާއި ދި އިސްލާމިކް ސްޓޭޓް އޮފް އިރާގް އެންޑް ލެވެންޓް ޖަމާއަތާ ދެމެދު ހިނގަމުންދާ ލޭއޮހޮރުވުން ބޮޑު ހަނގުރާމައާ ގުޅިގެން ސޫރިޔާގެ ހަނގުރާމަވެރިންނަށް ވަނީ އެމީހުންގެ މައިމަރުކަޒުގެ ގޮތުގައި އޮތް ޙިމްސް ވެސް ގެއްލިގެން ގޮސްފަ އެވެ. ސޫރިޔާ ސިފައިންގެ ކޮންޓްރޯލްގެ ދަށަށް މިހާރު ޙިމްސް ގޮސްފައިވާ އިރު އެސިޓީ ވަނީ މުޅިން ފުނޑުފުނޑުގެ ބިމާ ހަމަވެ ވީރާނާވެފަ އެވެ. ނަމަވެސް ހިމްސް ގެއްލުމާ އެކު އިދިކޮޅު ހަނގުރާމަވެރިންވަނީ ސޫރިޔާގެ އުތުރުގެ އެންމެ ދެސަރަހައްދެއްގައި ހިސާރުވެފަ އެވެ. މިހާލަތުން ސަލާމަތް ވުމަށްޓަކައި ސޫރިޔާގެ އިދިކޮޅު އިއްތިޙާދުގެ ލީޑަރު އަހްމަދުލްޖަރްބާ ގެންދަވަނީ އެމެރިކާ އަށް ވަޑައިގެން އެމެރިކާއިން ހަތިޔާރު ލިބޭތޯ މަސައްކަތް ކުރައްވަމުންނެވެ.

ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންނަށް ސިއްރިޔާތުގައި ހަތިޔާރާއި ފައިސާ ފޯރުކޮށްދިނުމަށް ސައޫދީ އަރަބިޔާ އިން ހިންގާ ޕްރޮގްރާމުގެ އިސްވެރިއަކަށް ހުންނެވި އެގައުމުގެ ޖާސޫސީ އިދާރާގެ ވެރިޔާ އަލްއަމީރު ބަންދަރު ބިން ސުލްތާން ވެސް ދާދިފަހުންވަނީ މަގާމުން ދުރުކޮށްފަ އެވެ. ބަންދަރު މަގާމުން ދުރުކުރުމަށް ސައޫދީ ރަސްގެފާނު ނިންމެވީ ސޫރިޔާގެ ހަނގުރާމަވެރިންނަށް އެހިތެރިވެގެން ސައުދީން ހާސިލް ކުރަންބޭނުންވި މަގްސަދްތައް ހާސިލް ނުވާތީ މާޔޫސްވެ ވަޑައިގެން ބަންދަރު އިސްތިއުފާ އަށް ހުށަހެޅުއްވުމުގެ ސަބަބުން ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެފައިވެ އެވެ.

އދ. އާއި އަރަބި ލީގުން ސޫރިޔާއަށް ކަނޑައަޅާފައިވާ މަންދޫބު އަލްއަޚްޟަރުލް އިބްރާހީމީ އަކީ އަލްޖަޒާއިރުގެ ޚާރިޖީ ވަޒީރުކަމާއި އދ. ގެ ވަރަށް މަތީ މަގާމްތަކެއް ފުރުއްވާފައިވާ ތަޖްރިބާކާރު ޑިޕްލޮމޭޓެކެވެ. (ނޫސްއެޖެންސީތައް)