ގއ. ދެއްވަދޫ ބަނދަރާއި ގދ. ތިނަދޫ ބަނދަރުގައި ކުރަން ހުރި މަސައްކަތްތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ މިއަދު ހަވާލުކޮށްފި އެވެ.

ހައުސިން މިނިސްޓްރީން އެދެ ބަނދަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ އެކަމަށް ޓަކައި އެމިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ.

އެ ދެ ރަށުގެ ބަނދަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 3.5 (53.97 މިލިއަން ރުފިޔާ) މިލިޔަން ޑޮލަރުގެ އަގަކަށެވެ. އެ މަސަކަތްތަކަށް ހަރަދުކުރާނީ އޯޕެކް ފަންޑް ފޯ ނެޝެނަލް ޑިވެލޮޕްމަންޓް (އޮފިޑް)ގެ ލޯނަކާއި ސަރުކާރުގެ ބަޖެޓުން ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ. އެގޮތުން ސަރުކާރުން ހަރަދުކުރާނީ 23 ޕަސެންޓް ކަމަށް ވެސް ވިދާޅުވި އެވެ.


އެއްބަސްވުމުގެ ދަށުން އެމްޓީސީސީ އިން ކުރާނީ ދެއްވަދޫ ބަނދަރުގެ ބޭރު ތޮށިލުމާއި ތިނަދޫ ބަނދަރުގެ އެއްގަމު ތޮށިލުމުގެ މަސައްކަތެެވެ.

މިނިސްޓަރު ވިދާޅުވީ ދެއްވަދޫ ބަނދަރުގެ މަސައްކަތް މި އަހަރުގެ ނިޔަލަށް ނިންމާނެ ކަމަށެވެ. އަދި ތިނަދޫ ބަނދަރުގެ މަސައްކަތް އަންނަ އަހަރުގެ މޭ މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

"މި މަޝްރޫއުގެ ދަށުން ދެއްވަދޫ ބަނދަރު މަސައްކަތް ވަގުތުން ފެށިގެން ދާނެ. އަދި ތިނަދޫގެ މަސައްކަތް އީއައިއޭ ނިމުމުން އިރާދަކުރެއްވިއްޔާ ފެށޭނެ. މި މަޝްރޫއުގެ ދަށުން ތިނަދޫގައި 440 މީޓަރުގެ ކީވޯލް ޖަހައި ފަސް އަޅައި އެއްކޮށް ތަރައްގީ ކުރެވޭނެ،" މުއިއްޒު ވިދާޅުވި އެވެ.