14 May 2014, 16:21
އަންކަރާ (މެއި 14) : ތުރުކީގެ ހުޅަނގުގެސޫމާ ސަރަހައްދުގައިވާބޯޓުދެލި ނަގާ ވަޅެއް (މައިނެއް) ގޮވުމުގެ ސަބަބުން 200 އަށް ވުރެ ގިނަ މީހުން މަރުވި ހާދިސާއާ ގުޅިގެން ތުރުކީ ސަރުކާރުން ތިން ދުވަހުގެ މުއްދަތަށް ގައުމީ ހިތާމަ އިޢުލާންކޮށްފި އެވެ.
ތުރުކީގެ ބޮޑުވަޒީރު ރަޖަބް ތައްޔިބު އުރުދުޣާންގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިއްޔެ ހިނގި މިހާދިސާއާ ގުޅިގެން ތިން ދުވަހުގެ މުއްދަތަށް ގައުމީ ފެންވަރުގައި ހިތާމަ އިޢުލާންކޮށް ތުރުކީގެ ހުރިހާ ކަންކޮޅުތަކެއްގައި އެގައުމުގެ ދިދަ ބައިދަނޑިއަށް ތިރިކޮށްފައިވާނެ ކަމުގަ އެވެ. ތުރުކީގެ ބޮޑުވަޒީރުރަޖަބް ތައްޔިބް އުރުދުޣާން ވަނީ، އަލްބޭނިއާއަށް ކުރެއްވި ދަތުރުފުޅުމިކަމާ ގުޅިގެން ކުރުކޮށްލެއްވުމަށް ފަހު ރޭ ގައުމަށް އެނބުރި ވަޑައިގެންފަ އެވެ.
އިއްޔެ ހިނގި މި ހާދިސާގައި 200 މީހުންމަރުވެފައިވާކަން މިހާތަނަށް ކަށަވަރު ވެފައިވާ އިރު އަދިވެސް 200 އަށްވުރެ ގިނަ މީހުން ބޯޓުދެލިވަޅު ތެރޭގައި ތާށިވެފައިވާ ކަމަށް ތުރުކީގެ ހަކަތައާބެހޭ ވަޒީރު ތަނާރް ޔިލްދީޒް ވިދާޅުވި އެވެ. ޔިލްދީޒް ވިދާޅުވީ މި ވަޅަކީ ދެ ކިލޯމީޓަރަށް ވުރެ ވެސް ފުން ވަޅެއް (މައިނެއް) ކަމަށާ ގޮވާފައި ވަނީ އެވަޅުގައި ހިމެނޭ ހަކަތައާބެހޭ ޔުނިޓް ކަމުގައެވެ. އެޔުނިޓްގައި އަލިފާންރޯވީ އިލެކްޓްރިކް ޓްރާންސްފޯމަރެއް ގޮވުމުގެ ސަބަބުން ކަމަށާ ރޯވި އަލިފާންގަނޑު އަދިވެސް ނުނިވި އަނދަމުންދާތީ ވަޅުތަރޭގައި ތާށިވެފައިވާ 200 އަށް ވުރެ ގިނަ މީހުން ސަލާމަތް ކުރެވޭނެކަމުގެ އުންމީދު ކުޑަ ކަމަށް ޔިލްދީޒް ވިދާޅުވި އެވެ. މިހާދިސާގައި މަރުވި 201 މީހުން މަރުވީ ކާބަން މޮނޮކްސައިޑްގެ ސަބަބުން ކަމަށްވެސް ޔިލްދީޒް ވިދާޅުވި އެވެ.
ތުރުކީގައިވާ ބޯޓުދެލިނަގާ ވަޅުތަކުގައި މަސައްކަތްކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި އެވަޅުތަކުގައި ގާއިމްކޮށްފައިވާ ސަލާމަތީ ނިޒާމުތަކާއި އެކަމުގެ ވަސީލަތްތަކަކީ ސިނާޢީގޮތުން ކުރިއަރާފައިވާ ގައުމުތަކުގެ މިފަދަ ވަޅުތަކުގައި ބޭނުންކުރާ ފެންވަރަށްވުރެ މާދަށްފެންވަރުގެ ނިޒާމުތަކާއި ވަސީލަތްތަކެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ތުރުކީގެ ސޫމާގެ ބޯޓުދެލި ނަގާ ވަޅު އިއްޔެ ގޮވިއިރު އެވަޅުގެ އަޑީގައި 787 މީހުން ތިބިކަމަށްވެ އެވެ. އެވަޅުގައި ހިމެނޭ ހަކަތައާ ބެހޭ ޔުނިޓް ގޮވުމާއެކު ވަޅުތެރޭގައި ތިބި މީހުން ސަލާމަތް ކުރުމުގެ މަސައްކަތްފަށާފައިވާއިރު އެމަސައްކަތުން 360 އަށް ވުރެ ގިނަމީހުން ސަލާމަތް ކުރެވިފައިވެ އެވެ. ނަމަވެސް ސަލާމަތް ކުރެވުނު ބައެއް މީހުންވަނީ ފުރާނައަށް ނުރައްކާވާ ހާލަތުގައި ކަމަށް ތުރުކީ ސަރުކާރުން ބުނެ އެވެ. ބޯޓޫދެލި ވަޅުގެ އަޑީގައި ބާކީތިބި 200 ވަރަކަށް މީހުން ސަލާމަތް ކުރުމުގެ އުންމީދު ގެއްލިފައިވީ ނަމަވެސް އެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ.
މިއީ 1992 ވަނަ އަހަރަށް ފަހު ތުރުކީގެ ބޯޓުދެލިވަޅެއްގައި ހިނގި މިބާވަތުގެ އެންމެ ނުރައްކާތެރި ހާދިސާ އެވެ. 1992ގައި ތުރުކީގައި ހިނގި ބޯޓުދެލިވަޅެއް ގޮވުމުގެ ހާދިސާގައި 270 މީހުން މަރުވެފައިވެ އެވެ. އިއްޔެ ގޮވި ސޫމާގެ ބޯޓުދެލިވަޅުގެ ސަލާމަތީކަންކަން މިދިޔަ މާޗް މަހުގެ 17 ވަނަ ދުވަހު ކަމާބެހޭ ފަންނީ މީހުން ބަލައި ޗެކްކުރި އިރު އެވަޅުގެ ސަލާމަތީ ކަންތައްތައް ހުރީތުރުކީގައި ގެންގުޅޭ މިކަމުގެ މިންގަނޑުތަކަށް ފެތޭފެންވަރުގައި ކަމަށް އެގައުމުގެ މަސައްކަތްތެރިންނާ ބެހޭ ވުޒާރާ އިން ބުނެފައިވެ އެވެ. ނަމަވެސް އެވަޅުގައި މަސައްކަތްކުރާ ބައެއް މީހުން މިކާރިސާއަށް ފަހު ވަނީ އެވަޅުގެ ސަލާމަތީކަންކަމުގެ ފެންވަރު ވަރަށް ބޮޑަށް ދަށުގައިވާ ކަމަށްބުނެ ބަޔާންތައް ދީފައެވެ. (ރޮއިޓާސް)