14 May 2014, 16:27
ކައުންސިލަރުން އިންތިޚާބު ކުރެވިފައިނުވާތީ ރަށުގެ ތަރައްގީގެ މަސައްކަތްތައް ހުއްޓިފައިވާ ކަމަށް ގއ. ކޮނޑޭ ކައުންސިލް އިދާރާއިން ބުނެފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ކޮނޑޭ ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރު މުހައްމަދު ޒުހައިރު ވިދާޅުވީ އެރަށު ކައުންސިލަށް އިންތިޚާބު ކުރަންޖެހޭ ކައުންސިލަރުން އިންތިޚާބުކޮށްފައި ނުވާތީ ރަށުގެ ތަރައްގީ އަށް އެއްވެސް ކަމެއް ނުކުރެވޭ ކަމަށާއި އެކަމާ ރައްޔިތުން ޝަކުވާ ކުރަމުން އަންނަ ކަމަށެވެ.
"ކައުންސިލަރުން ނެތުމުން ރަށުގެ ތަރައްގީ އަށް އެއްވެސް ކަމެއް ނުކުރެވޭ. އެކަމާ ގުޅިގެން ރައްޔިތުން ވަރަށް ބޮޑަށް ޝަކުވާ ކުރޭ. އަޅުގަނޑުމެން ވާނީ އެކަން ލޯކަލް ގަވާމެންޓް އޮތޯރިޓީ އަށް ހުށަހަޅާފައި،" ޒުހައިރު ވިދާޅުވި އެވެ.
އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ކޮނޑޭ ކައުންސިލްގެ އިންތިޚާބުގެ ވޯޓުލުން ވެސް ބާއްވާފައިވެއެވެ. ނަމަވެސް އެ އިންތިޚާބާ ގުޅިގެން ހައިކޯޓަށް ހުށަހެޅި މައްސަލައެއް ބެލުމަށްފަހު އެ ކޯޓުން ވަނީ އެންމެ ފަހުން ބޭއްވި ކޮނޑޭ ކައުންސިލްގެ އިންތިޚާބު ބާތިލްކޮށް، އަލުން އެ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރުކޮށްފަ އެވެ.
ހައިކޯޓުގެ އެ ހުކުމް އިލެކްޝަންސް ކޮމިޝަނުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. ނަމަވެސް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅިތާ ގިނަ ދުވަސްތަކެއް ވެގެންދިޔައިރު، މިހާތަނަށް އެ މައްސަލައިގެ ޝަރީއަތް ފަށާފައެއް ނުވެއެވެ.
ޒުހައިރު ވިދާޅުވީ ސުޕްރީމް ކޯޓުން މައްސަލަ ނުނިންމާ ގިނަ ދުވަސްތަކެއްވާތީ ކައުންސިލް އިދާރާއިން އެކަމާ ކަންބޮޑުވާ ކަމަށެވެ.
"ސުޕްރީމް ކޯޓުން އެ މައްސަލަ ނުނިމި ލަސްވާތީ ކައުންސިލް އިދާރާއިން ކަންބޮޑުވޭ. އެ މައްސަލަ އަވަހަށް ނިންމައިދިނުމަށް ކައުންސިލް އިދާރާގެ ފަރާތުން ސުޕްރީމް ކޯޓުގެ މައްޗަށް އަމުރެއް ނުކުރެވޭނެ ނޫންތޯ،" ޒުހައިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޯޓު އަމުރަކާ ގުޅިގެން ކައުންސިލް އިދާރާގެ އެކައުންޓް ފްރީޒުކޮށްފައިވާތީ، ފާއިތުވި ދެ މަސް ދުވަހު މުވައްޒަފުންނަށް މުސާރަ ނުދެވޭ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާ އަށް އަލަށް އިންތިޚާބުވެފައިވާ މެމްބަރު ޖަމީލް އުސްމާން ވިދާޅުވީ ކޮނޑޭ ކައުންސިލްގެ އިންތިޚާބު ނުބޭއްވި ގިނަ ދުވަސްތަކެއްވާތީ އެކަމާ ކަންބޮޑުވެލައްވާ ކަމަށެވެ.
ކައުންސިލަރުން ނެތުމުން ކޮނޑޭގެ ތަރައްގީގެ މަސައްކަތްތައް ހުއްޓިފައިވާތީ، ޚާއްސަ ސަމާލުކަމެއް ދީގެން ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލަ އަވަސްކުރުމަށް ސަރުކާރުން މަސައްކަތް ކުރަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.