14 May 2014, 16:12
ރާއްޖޭގެ މަސްވެރިކަމުން އަމިއްލަ އުފެއްދުންތަށް އުފައްދަން ޖެހޭ ކަމަށާއި މިއަދު މި ވަނީ މަސްވެރިކަމުގެ ސިނާއަތު އަނެއްކާވެސް އެހެން ގޮތަކަށް ބަދަލުކުރަން ޖެހިފައި ކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް ފިޝަމަންސް އެސޯސިއޭޝަނުން އިއްޔެ އިސްލާމީ މަރުކަޒުގެ ހޯލްގައި ބޭއްވި އެ އެސޯސިއޭޝަންގެ އަހަރީ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝައިނީ ވިދާޅުވީ މިއަދު މިވަނީ މަސްވެރިކަމުގެ ސިނާއަތު އަނެއްކާވެސް އެހެންގޮތަކަށް ބަދަލުކުރަން ޖެހިފައި ކަމަށާއި، އެގޮތުން ރޯމަސް ބޭރުކުރެވޭ އަދަދު މަދުކުރަން ޖެހިފައި ވާ ކަމަށެވެ. އަދި ދިވެހިން ބާނާ މަހުން ތަފާތު އުފެއްދުންތައް އުފައްދައިގެން ބޮޑު އަގު ލިބޭނެ ގޮތުގައި މަހުގެ އުފެއްދުންތަށް ރާއްޖެއިން ބޭރަށް އެކްސްޕޯޓް ކުރުމަށް ވިސްނަން ޖެހިފައި ވާ ކަމަށް ޝައިނީ ވިދާޅުވި އެވެ.
ޝައިނީ ވިދާޅުވީ ފިޝަމަންސް އެސޯސިއޭޝަންގެ މަސައްކަތް ތަކުގައި މިނިސްޓްރީގެ ފަރާތުން ދެވެން އޮތް އެއްބާރުލުމެއް އަބަދު ވެސް ދެއްވާނެ ކަމަށެވެ. އެގޮތުން މިނިސްޓްރީގެ ފަރާތުން މާލެ އަދި ވިލިނގިލީގައި ގާއިމްކޮށްފައިވާ ފިޝަރީޒް ޓްރޭނިން ސެންޓަރަކީ އެ އެސޯސިއޭޝަނުން ހިންގާ ތަނެއްގެ ގޮތުގައި ހަމަޖައްސަވައި މިނިސްޓްރީން ބޭނުންވާ ތަމްރީނުތައް ވެސް އެސޯސިއޭޝަން މެދުވެރިކޮށް ހިންގާނޭ ގޮތްތަކެއް ބައްލަވަމުން ގެންދަވާ ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ.
ފިޝަމަންސް އެސޯސިއޭޝަންގެ ފަރާތުން ހިންގަވަމުން ގެންދަވާ ހަރަކާތްތަށް މިނިސްޓްރީން ބަލައިގަންނަ ކަމަށް ވިދާޅުވެ އެ އެސޯސިއޭޝަނަށް މިނިސްޓަރު ޝުކުރު އަދާކުރެއްވިއެވެ.
ރާއްޖޭގެ މަހަށް ބޭރުގެ މާކެޓްތަށް ހޯދައިދީ ދިވެހިރާއްޖޭގެ މަސްވެރިކަން އިތުރަށް ފުޅާކޮށް ޕްރޮމޯޓް ކުރުމަށް ފިޝަރީޒް މިނިސްޓްރީންނާއި ފިޝަރީޒް ޕްރޮމޯޝަން ބޯޑުން ގެންދަނީ ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ.