14 May 2014, 14:28
ރ. އުނގޫފާރު އިންޖީނުގޭގެ ފައިސާ އަށް ޚިޔާނާތްތެރިވުމުގެ ކުށުގައި އެ ދާއިރާގެ މެމްބަރު އިބްރާހީމް އަމީން ހަތަރު އަހަރާއި ހަ މަސް ދުވަހަށް އަރުވާލަން ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
ކްރިމިނަލް ކޯޓުން އެ ހުކުމް ކޮށްފައި ވަނީ 2004 ވަނަ އަހަރުގެ މެއި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 2006 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް އަމީން އުނގޫފާރު އޮފީހުގެ ފައިސާއާ ބެހޭ ކަންތައްތަކާ ހަވާލުވެ ހުންނެވި ދުވަސްވަރު، އިންޖީނުގެއިން ރަށު އޮފީހަށް ދެއްކި ފައިސާގެ ތެރެއިން އޭނާ ސޮއިކޮށް ހަވާލުވި ފައިސާގެ ތެރެއިން 36818ރ. އަށް ޚިޔާނާތްތެރިވެފައިވާކަން ޝަރީއަތަށް ސާބިތުވުމުންނެވެ.
ދައުލަތުން ކުރި އެ ދައުވާ އަށް އިންކާރު ކުރައްވައި އަމީން ވިދާޅުވެފައި ވަނީ އެ މައްސަލަ ތަހުގީގު ކުރި އިރު އެންޓި ކޮރަޕްޝަން ކޮމިޝަނުން ކޮށްފައިވާ އޮޑިޓަކީ ސައްޚަ އޮޑިޓެއް ނޫން ކަމަށެވެ.
އަމީން ހަވާލުވި އެ ފައިސާއަށް ވީނުވީއެއް ބުނެދޭން އެނގިވަޑައިނުގަންނަވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަންގެ ތަހުގީގުގައްޔާއި ޝަރީއަތުގެ މަޖިލީހުގައި އަމީން ވިދާޅުވެފައިވާ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ. އަދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ކޮށްފައިވާ އޮޑިޓަކީ ސައްޚަ އެއްޗެއް ނޫން ކަމަށް އަމީން ވިދާޅުވިނަމަވެސް އެކަން އޭނާ އަށް ޝަރީއަތަށް ސާބިތުކޮށްދެވިފައިނުވާ ކަމަށް ވެސް އެ ހުކުމް ގައި ވަނީ ބުނެފަ އެވެ.
އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފައި ވަނީ އަމިއްލައަށް ހަވާލުވި ފައިސާ އަށް ވީނުވީގޮތެއް ނޭނގޭ ކަމަށް ވިދާޅުވެފައިވާތީ، އެއީ އިއުތިރާފެއް ކަމަށް ކަނޑައެޅުމަށްފަހު އެވެ.
އަމީން ޚިޔާނާތްތެރިވި ފައިސާ މިއަދުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކައި ޚަލާސްކުރުމަށް ވެސް އެ ހުކުމްގައި އޭނާ އަށް ވަނީ އަންގާފަ އެވެ.
އަމީނަކީ މިހާރު ހިނގާ 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ގޮނޑި ފުރުއްވި އަފްރާޝީމް އަލީ އަވަހާރަކޮށްލުމުން އެ ގޮނޑިއަށް ބައި އިލެކްޝަނަކުން އިންތިހާބު ކުރި މެންބަރެކެވެ. މި މަހު ފަހުކޮޅު ހުވާ ކުރާ 18 ވަނަ ރައްޔިތުންގެ މަޖިލީހަށް އަމީން ވާދައެއް ނުކުރައްވަ އެވެ.