ސްރީލަންކާގައި މި މަހު އޮތް އިންޓަނޭޝަނަލް ކަރާޓޭ އެންޑް ކޮބްޑޫ ޗެމްޕިއަންޝިޕް މުބާރާތުގައި ބައިވެރިވެ މއ. ޕެޓްރާ އަހުމަދު ރިޒްވީ،44، އެއް ވަނަ ހޯދައިފި އެވެ.

މި މަހު 9- 10 އަކަށް ލަންކާގައި އޮތް އެ މުބާރާތުން އެއް ވަނަ ހޯދި ރިޒްވީ އަކީީ ބައިނަލް އަގުވާމީ ގިނަ ކަރޭޓޭ މުބާރާތްތަކެއްގައި ބައިވެރިވެ މިހާތަނަށް ގިނަ ކާމިޔާބީތަކެއް ހޯދައިފައިވާ މީހެކެވެ. އޭނާ އަށް ވަނީ ބްލެކް ބެލްޓް ވެސް ލިބިފަ އެވެ. އޭނާގެ އުއްމީދަކީ އޭނާ އަށް ލިބިފައިވާ ހުނަރު ގިނަ ބަޔަކަށް ދަސްކޮށްދިނުން ކަމަށް އޭނާ މިއަދު ސަން އަށް ބުންޏެވެ.

ކަރާޓޭ އަށް ޝައުގުވެރިކަން އުފެދުނު ގޮތް ކިޔައިދެމުން ރިޒްވީ ބުނީ އެކަމުގެ ތެރެއަށް އޭނާ އަށް ވަދެވުނީ ކަރޭޓޭ ފިލްމްތަކުގެ ރަސްގެފާނު، ބުރުސްލީގެ ފިލްމްތަކުން ކަމަށެވެ.

"ވަރަށް ކުޑައިރު ވެސް ބުރުސްލީގެ ފިލްމްތައް ބަލަން. އެގޮތުން އެކަމަށް ޝައުގުވެރިކަން އުފެދުނީ،" ކަރާޓޭ އަށް ޝައުގުވެރިކަން އުފެދި، އެކަމުގެ ތެރެއަަށް ވަދެވުން ގޮތް ކިޔައިދެމުން ރިޒްވީ ބުންޏެވެ.

އޭނާ ބްލެކް ބެލްޓް ހޯދުމުގެ މަސައްކަތް ފެށީ 2009 ވަނަ އަހަރު، ލަންކާގައި ހުންނަ މާޝަލް އާޓްސް ސްކޫލް، ފެޑަރޭޝަން އޮކިނާވާ ކަރާ ސޮރިންރިއު ސޮރިންކަން ސައުތު އޭސިއާ (އެފްއޯކޭއެސްއެސްއޭ) އިން ކުރިއަށް ގެންދިޔަ ކޯހެއްގައި ބައިވެރިވެގެންނެވެ. އޭނާ އަށް އެ ކޯހުގައި ބައިވެރިވެ 2012ގެ ނޮވެމްބަރު މަހު ބްލެކް ބެލްޓް ވަނީ ލިބިފަ އެވެ.

ނޭޕާލްގައި 2010 ވަނަ އަހަރު ބޭއްވި ކަރާޓޭ މުރާބާރެއްގައި ބައިވެރިވެ ރިޒްވީ އަށް އޭނާ ބައިވެރިވި ކެޓަގަރީއަކުން އެއް ވަނަ ލިބިފައިވާ އިރު 2013 ވަނަ އަހަރު ސްރީލަންކާގައި ބޭއްވި މުބާރާތަކުން ވެސް ވަނީ ބައިވެރިވި ކެޓަގަރީއަކުން ދެ ވަނަ ލިބިފަ އެވެ. އަދި އެއަށް ފަހު މިމަހު ލަންކާގައި ބޭއްވި މުބާރާތަކުން ވަނީ އެއްވަނަ ލިބިފަ އެވެ.

ލިންކް ސާވްގެ ހެޑް އޮފް ސޭލްސް އެންޑް މާކެޓިންގެ މަގާމު އަދާކުރަމުން އަންނަ ރިޒުވީ ބުނީ އޭނާ ކަރާޓޭ އަށް ޝައުގު އުފެދުނީއްސުރެ ކަރާޓޭ ދަސްކުރުމުގެ މަސައްކަތް ފެށި ކަމަށެވެ. އަދި މިހާރު އޭނާ ބޭނުންވަނީ އޭނާ އަށް ލިބިފައިވާ ހުނަރު ވީހާ ވެސް ގިނަ ބަޔަކަށް ދަސްކޮށްދިނުން ކަމަށެވެ.

"އަހަރެންނާ އެކު ލަންކާގައި ކަރާޓޭ ކްލާސްތަކުގައި ބައިވެރިވި އިންޑިއާ އަދި ލަންކާގެ މާޝަލް އާޓްސް އިންސްރަކްޓަރުން ވަރަށް ބޭނުންވޭ ރާއްޖެ އައިސް އެކަންތައްތައް ދަސްކޮށްދޭން. ބޭނުމަކީ ސެލްފް ޑިފެންސް ގިނަ ބަޔަކަށް ދަސްކޮށްދޭން. އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި އެފަދަ ކޭމްޕެއް ބޭއްވުމަށް މަސައްކަތް ކުރަމުން މިދަނީ،" ރިޒްވީ ބުންޏެވެ.

ރިޒްވީ ބުނީ މާޝަލް އާޓްސްގެ ހުނަރުތައް ދަސްކޮށްދިނުމުގެ ބޭނުމަކީ ގިނަ ބަޔަކަށް ސެލްފްޑިފެންސްގެ ހުނަރު ދަސްކޮށްދިނުން ކަމަށެވެ. އަދި އެފަދަ ކޭންޕެއް އިންތިޒާމްކުރާނީ އެ ކޭމްޕްގައި އުމުރުން ފަސް އަަހަރުން މަތީގެ ކުދިން ފެށިގެން ބޮޑެތި މީހުންނަށް ވެސް ބައިވެރިވެވޭ ގޮތަށް ކަމަށް ވެސް އޭނާ ބުންޏެވެ.