އަންނަ ހޯމަ ދުވަހު ރާއްޖޭގައި ފަށާ އޭއެފްސީ ޗެލެންޖް ކަޕްގައި ވާދަކުރާ ޓީމްތައް މާލެއައުމަށް ހަމަޖެހިފައިވާ ދުވަސްތައް އެފްއޭއެމް އިން އިއުލާން ކޮށްފި އެވެ.

މުބާރާތުގައި ވާދަކުރާ ގައުމުތަކުގެ ތެރެއިން އެންމެ ފުރަތަމަ ރާއްޖެ އައިސްފައި ވަނީ މުބާރާތުގެ ގްރޫޕް ބީފަޅިން ވާދަކުރާ ލާއޮސްގެ ޓީމެވެ.

މުބާރާތުގައި ވާދަކުރުމަށް އަންނަ ހުކުރު ދުވަހު މާލެ އައުމަށް ހަމަޖެހިފައިވާ ދެ ޓީމަކީ ގްރޫޕް އޭފަޅިން ވާދަކުރާ މިޔަންމާ އާއި ގްރޫޕް ބީ ފަޅީގެ އަފްޣާނިސްތާނެވެ.

ހޮނިހިރު ދުވަހު މާލެ އައުމަށް ހަމަޖެހިފައި ވަނީ ތިން ގައުމެކެވެ. އެއީ މުބާރާތުގެ ގްރޫޕް އޭ ފަޅިން ވާދަކުރާ ކިޒްކިސްތާނާއި މުބާރާތުގެ ގްރޫޕް ބީގެ ދެ ޓީމް ކަމުގައިވާ ފިލިޕީސް އާއި ތުރުކުމަނިސްތާނެވެ.

ގްރޫޕް އޭފަޅިން ނުކުންނަ ފަލަސްތީން މާލެ އަންނާނެ ދުވަސް އަދި މުޅިން ފައިނަލް ވެފައި ނުވާކަމަށް އެފްއޭއެމް އިން ވަނީ ބުނެފަ އެވެ.

ޗެލެންޖް ކަޕްގެ ގްރޫޕް އޭގައި ރާއްޖެއާ ވާދަކުރާނީ ފަލަސްތީނާއި މިޔަންމާ އަދި ކިޒްގިސްތާނެވެ. މި ގްރޫޕުގައި ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައި ވަނީ ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގަ އެވެ.

ޗެލެންޖް ކަޕް ހުޅުވާ މެޗުގައި އަންނަ ހޯމަ ދުވަހުގެ ރޭ 9:00 ގައި ކުޅޭ ދެ ޓީމަކީ ރާއްޖެ އާއި މިޔަންމާ އެވެ. އަދި އެދުވަހުގެ ހަވީރު 4:00 ގައި ކުޅޭނީ ފަލަސްތީނާއި ކިޒްކިސްތާނެވެ. މުބާރާތުގައި ރާއްޖެ ވާދަކުރާ ދެ ވަނަ މެޗުގައި މިމަހުގެ 21 ވަނަ ދުވަހުގެ ރޭ 9:00 ގައި ކުޅޭނީ ކިޒްގިސްތާނާ ދެކޮޅަށެވެ. އަދި ގްރޫޕް ސްޓޭޖްގައި ރާއްޖެ ކުޅޭ ފަހު މެޗުގައި މިމަހު 23 ވަނަ ދުވަހުގެ ރޭ 9:00 ގައި ކުޅެން ހަމަޖެހިފައި ވަނީ ފަލަސްތީނާ ދެކޮޅަށެވެ.

ޗެލެންޖް ކަޕްގެ ގްރޫޕް ބީގެ ޓީމްތައް ތިބެން ހަމަޖެހިފައިވަނީ ހެރެތެރެ އައިލެންޑު ރިސޯޓުގައެވެ. ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މިމުބާރާތުގެ ގްރޫޕްބީގެ މެޗުތައް އައްޑޫ ޒޯން ސްޓޭޑިއަމްގައި ކުޅެން ހަމަޖެހިފައިވާ އިރު އެ ގްރޫޕްގައި ހިމެނެނީ، ތުރުކުމަނިސްތާނާއި ފިލިޕިންސް އާއި އަފްޣާނިސްތާނުގެ އިތުރުން ލާއޯސް އެވެ.