ޔުވެންޓަސް އަށް ކާލޮސް ޓެވޭޒް މި ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި ނަމަވެސް، ވޯލްޑް ކަޕަށް ނަގާ އާޖެންޓީނާގެ 30 ކުޅުންތެރިންގެ ސްކޮޑުން އޭނާ އަށް ޖާގަ އެއް ނުލިބުނެވެ.

މި ސީޒަނުގައި އިޓަލީ ލީގު ކާމިޔާބުކޮށް ދިނުމަށް ޓެވޭޒް ވަނީ ޔުވެންޓަސް އަށް ކުޅުނު 64 މެޗުން 19 ލަނޑު ކާމިޔާބުކޮށްދީފަ އެވެ. ނަމަވެސް އާޖެންޓީނާގެ ކޯޗު އެލެޖެންޑްރޯ ސަބެއްލާގެ ސްކޮޑުން ޓެވޭޒް އަށް ޖާގަ ދީފައެއް ނުވެ އެވެ.

ޓެވޭޒް އަކީ ސައުތު އެފްރިކާގައި 2010 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕުގައި އާޖެންޓީނާ ގައުމީ ޓީމަށް ކުޅެފައި ވެއެވެ. އެންމެ ފަހުން އާޖެންޓީނާ ސްކޮޑުން ޓެވޭޒް އަށް ޖާގައެއް ލިބުނީ 2011 ވަނަ އަހަރުގެ ކޮޕާ އެމެރިކާގަ އެވެ. އެ މުބާރާތުގެ ކުއާޓާ ފައިނަލުގެ ޕެނަލްޓީ ޝޫޓް އައުޓްގައި ޓެވޭޒް ޖެހި ޕެނަލްޓީ ވަނީ ނާމިޔާބުވެފަ އެވެ.

އެންމެ ފަހުން އާޖެންޓީނާ އަށް ވޯލްޑް ކަޕެއް ކާމިޔާބު ކުރެވުނީ 1986 ވަނަ އަހަރު އެވެ. އަންނަ މަހު ބްރެޒިލްގައި ފަށާ ވޯލްޑް ކަޕުގައި އާޖެންޓީނާ ހިމެނިފައި ވަނީ ގްރޫޕް އެފްގަ އެވެ. ގްރޫޕް ސްޓޭޖުގައި އާޖެންޓީނާ ނުކުންނަން ޖެހޭނީ އެފްރިކަން ނޭޝަންސް ކަޕުގެ ޗެމްޕިއަން ނައިޖީރިއާ، އަލަށް މުބާރާތަށް ކޮލިފައިވި ބޮސްނިއާ-ހެރެޒެގޮވީނާ އަދި އީރާނާއި ދެކޮޅަށެވެ.

ސަބެއްލާގެ 30 ކުޅުންތެރިންގެ ސްކޮޑު އަންނަ މަހު ދެވަނަ ދުވަހުގެ ކުރިން 23 ކުޅުންތެރިންނަށް މަދު ކުރަން ޖެހޭ އިރު، މިހާރު އޮތް ސޮކޮޑުގައި އެންމެ ވަރުގަދަކަމަށް ފާހަގަކޮށްލެވޭ ޑިޕާޓްމަންޓަކީ އެ ޓީމުގެ ފޯވަޑް ލައިނެވެ.

އާޖެންޓީނާގެ 30 ކުޅުންތެރިންގެ ސްކޮޑް:

ގޯލްކީޕަރުން: މާރިއާނާ އަންޑުޖަރު (ކަޓަނިއާ)، ސާޖިއޯ ރޮމޭރޯ (މޮނާކޯ)، އަގުސްޓިން އޯރިއޮން (ބޮކާ ޖޫނިއާސް)

ޑިފެންޑަރުން: ލިސާންޑްރޯ ލޯޕޭޒް (ގެޓަފޭ)، ހޫގޯ ކަމްޕެގްނަރޯ (އިންޓަ މިލާން)، ފެޑެރިކޯ ފެނާންޑޭޒް (ނަޕޯލީ)، ޕަބްލޯ ޒަބަލެޓާ (މެންޗެސްޓާ ސިޓީ)، އެޒެކުއީލް ގެރޭ (ބެންފީކާ)، މާކޮސް ރޮޖޯ (ސްޕޯޓިންގް ލިސްބަން)، ހޯޒޭ ބަސަންޓާ (މޮންޓެރޭ)، ނިކޮލަސް އޮޓަމެންޑި (އެތުލެޓިކޯ މިނޭރޯ)، މާޓިން ޑިމިޝޭލިސް (މެންޗެސްޓާ ސިޓީ)، ގެބްރިއަލް މާކޭޑޯ (ރިވާ ޕްލޭޓް)

މިޑްފީލްޑަރުން: ހާވިއާ މަޝަރާނޯ (ބާސެލޯނާ)، ހޯޒޭ ސޮސާ (އެތުލެޓިކޯ މެޑްރިޑް)، އޮގަސްޓޯ ފެނާންޑޭޒް (ސެލްޓަ ވިގޯ)، ރިކީ އަލްވަރޭޒް (އިންޓަ މިލާން)، ލޫކަސް ބިގްލިިއާ (ލާޒިއޯ)، އެވާ ބަނޭގާ (ނެވެލްސް އޯލްޑް ބޯއީސް)، ފެނާންޑޯ ގާގޯ (ބޮކާ ޖޫނިއާސް) މެކްސީ ރޮޑްރިގޭޒް (ނެވެލްސް އޯލްޑް ބޯއީސް)، އެންޒޯ ޕެރޭޒް (ބެންފީކާ)، ފަބިއަން ރިނައުޑޯ (ކަޓަނިއާ)

ފޯވަޑުން: ލިއޮނެލް މެސީ (ބާސެލޯނާ)، އެންޖެލް ޑި މަރިއާ (ރެއާލް މެޑްރިޑް)، ރޮޑްރިގޯ ޕަލާސިއޯ (އިންޓަ މިލާން)، ގޮންޒާލޯ ހިގައިން (ނަޕޯލީ)، ސާޖިއޯ އަގުއެރޯ (މެންޗެސްޓާ ސިޓީ)، އެޒެކުއީލް ލަވޭޒީ (ޕެރިސް ސެއިންޓް ޖާމެން)، ފްރޭންކޯ ޑި ސަންޓޯ (ވާޑާ ބްރެމަން)