ދައުލަތުގެ މުސާރަ ކަނޑައެޅުމާއި މުސާރައިގެ ކުރިއެރުން ދިނުމާއި އިނާޔަތްތައް ދެވޭނެ މިންގަނޑުތައް ކަނޑައެޅުމަށް ނެޝަނަލް ޕޭ ކޮމިޝަން (އެންޕީސީ) އުފެއްދުމަށް ބަޔާންކުރާ ބިލާއި މީހުން ދިރިއުޅުމަށް ބިމެއް ހިއްކައިދީފި ނަމަ އެ ބިމުގެ 50 ޕަސެންޓް، އެ ބިން ހިއްކައިދިން ފަރާތަކަށް އަމިއްލަވާ ގޮތަށް ބިމާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާޙު ރައީސް އަބްދުﷲ ޔާމީން ތަސްދީގު ނުކުރައްވައި ރައްޔިތުންގެ މަޖިލީހުން އަލުން ވިސްނުމަށް ފޮނުވާލި ސަބަބު މިއަދު ހާމަކުރައްވައިފި އެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްކޮންފަރެއްސެއްގައި ރައީސްގެ ތަރުޖަމާނު އިބްރާހީމް މުއާޒު އަލީ ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރަ ކަނޑައެޅުމަކީ އެ ކުންފުނިތަކުގެ އަމިއްލަ މަސްއޫލިއްޔަތަކަށް ވާތީ އާއި ޕޭ ކޮމިޝަންގެ ނިންމުންތައް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ފާސްކުރަން ޖެހޭތީ އާއި އެ ބިލްގައިވާ ގޮތުން އެ ކޮމިޝަނަކީ ތަންފީޒީ އިދާރާ އަކަށް ނުވާތީ ބިލް އަނބުރާ ފޮނުވާލެއްވީ ކަމަށެވެ.

ރައީސް ޔާމިން އެ ބިލު އަނބުރާ މަޖިލީހަށް ފޮނުއްވާލެއްވި ސަބަބެއް ކަމަށް ރައީސް އޮފީހުން ބުނީ އެ ބިލު އިސްލާހު ގެންނަންޖެހޭ ކަމަށް އެޓާނީ ޖެނަރަލް (އޭޖީ) ލަފާ ދެއްވާފައިވާ ކަމަށާއި އޭޖީގެ ލަފާގެ މަތިން ތަސްދީގު ނުކުރެއްވީ ކަމަށެވެ.

"މި ބިލާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ‏‏ޢަބްދުﷲ ޝާހިދަށް ފޮނުއްވި ސިޓީފުޅުގައި، މި ބިލަށް އެޓާނީ ޖެނެރަލްގެ ގާނޫނީ ލަފާ ހޯއްދެވުމަށް ‏‏ފޮނުއްވުމުން، ބިލާ ގުޅޭގޮތުން އެޓަރނީޖެނެރަލް ފާހަގަކުރެއްވި މައްސަލަތަކަށް ތަފްޞީލުކޮށް ‏‏ބައްލަވާލައްވާފައިވެ އެވެ. އަދި އެޓާނީ ޖެނެރަލް ފާހަގަކުރައްވާފައިވާ މައްސަލަތަކަށް ރިޢާޔަތް ‏‏ކުރައްވައި، މި ބިލަށް އިޞްލާޙު ގެންނަވަން ފެނިވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ‏‏ވިދާޅުވެފައިވެ އެވެ،" ރައީސް އޮފީހުގެ ވެބްސައިޓުގައިވެ އެވެ.

ބިމެއް ހިއްކައިދީފި ނަމަ އެ ބިމުގެ 50 ޕަސެންޓު، އެ ބިން ހިއްކައިދިން ފަރާތަށް އަމިއްލަވާ ގޮތަށް ބިމާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާޙުގެ ބިލް ރައީސް ތަސްދީގް ނުކުރައްވައި ފޮނުވާލި ސބަބާ ބެހޭ ގޮތުން ރައީސްގެ ތަރުޖަމާން ވިދާޅުވީ އެ ބިލް ރައީސް ތަސްދީގު ނުކުރައްވައި ފޮނުއްވާލެއްވީ އެ ބިލް ތަސްދީގު ކުރައްވައިފި ނަމަ މުޖުތަމަޢުގެ ތެރޭގައި މަސްލަޙަތު ގެއްލިދާނެ ކަމަށް ރައީސް އަށް ގަބޫލުފުޅު ކުރެއްވޭތީ ކމަށެވެ.

މުއާޒް ވިދާޅުވީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު ވުޖޫދަށް އައުމުގެ ކުރިން ހިއްކާފައިވާ އެފަދަ ބިންތައް ބިމާ ބެހޭ ގާނޫނަށް ގެނައި އިސްލާހާ އެއްގޮތަށް އަމަލު ކުރުމަށް ބިލްގައި ބުނެފައި ތޮތުމަކީ ވެސް އެ ބިލް ތަސްދީގު ނުކުރެއްވި ސަބަބެއް ކަމަށް މުއާޒް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެކަމަކީ ކުރެވިދާނެ ކަމެއް ކަމަށް ރައީސް ދެކެވަޑައިނުގަންނަވާ ކަމަށެވެ.