14 May 2014, 13:22
ޓީވީ ކޮށީގައި އިމާރާތްކުރާ ފްލެޓު އިމާރާތުގެ މަސައްކަތް އަންނަ ޖުލައި މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް އެފްޑަބްލިއު ކޮންސްޓްރަކްޝަނުން ބުނެފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން އެފްޑަބްލިއު ކޮންސްޓްރަކްޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ވަހީދު ވިދާޅުވީ ފްލެޓު އިމާރާތުގެ 96 ޕަސެންޓުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ޖުލައި މަހުގެ ނިޔަލަށް ހުރިހާ މަސައްކަތެއް ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މުޅި މަސައްކަތް ނިންމާލެވޭނެ ކަމަށް ލަފާކުރެވެނީ މިއަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހާ ހަމައަށް،" އިބްރާހީމް ވަހީދު ވިދާޅުވި އެވެ.
ޓީވީ ކޮށީގައި 36 ފްލެޓު އިމާރާތް ކުރުމަށް އެފްޑަބްލިއު ކޮންސްޓްރަކްޝަނާ ހަވާލުކުރީ 2011 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 28 ވަނަ ދުވަހު އެވެ. އަމަލީ މަސައްކަތް ފެށީ 2012 ވަނަ އަހަރުގެ މާޗް 10 ވަނަ ދުވަހު އެވެ.
ޓީވީ ކޮށީގައި ފްލެޓު އިމާރާތް ކުރުމަށް ސަރުކާރުން އެކުންފުންޏާ ހަވާލުކޮށްފައި ވަނީ 18 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ. އެމުއްދަތު މިހާރު ވަނީ ފަހަނަ އަޅައި ގޮސްފައެވެ.
އިބްރާހީމް ވަހީދު ވިދާޅުވީ ކަނޑައެޅިފައިވާ މުއްދަތުގައި މަސައްކަތް ނުނިމުނީ މައިގަނޑު ތިން ސަބަބަކާ ހެދި ކަމަށެވެ. އެއް ސަބަބަކީ ޕްރޮޖެކްޓަށް ބޭނުންވާ 60 މިލިއަން ރުފިޔާ ހޯދުމުގެ ކަންތައް ހަމަނުޖެހި ލަސްވެގެން ދިއުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ އަނެއް ސަބަބަކީ ހިލަޔާއި ހިލަވެލި ލިބުން ދަތިވުން ކަމަށެވެ. އޭގެ އިތުރުން ސަރުކާރުން ދޭންޖެހޭ ބައެއް ހުއްދަތައް ލިބުމުގައި ލަސްވުމަކީ ވެސް މަސައްކަތް ލަސްވި ސަބަބެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ޕްރޮޖެކްޓަކީ އެފްޑަބްލިއު ކޮންސްޓްރަކްޝަނުގެ އަމިއްލަ ހަރަދުގައި ކުރިއަށްގެންދާ ގޮތަށް ސަރުކާރުން ހަވާލުކުރި ޕްރޮކެކްޓެކެވެ. ޕްރޮޖެކްޓުގެ ދަށުން އިމާރާތްކުރާ ފްލެޓުތަކުގެ 30 ޕަސެންޓް ފްލެޓު ސަރުކާރަށް ވިއްކަންޖެހޭއިރު، އަނެއް 70 ޕަސެންޓް ފްލެޓު ވިއްކާނީ އެ ކުންފުނިންނެވެ.
ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެކަމުގައި ސަރުކާރުން ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދީފައި ވާނެ ކަމަށެވެ. މަސައްކަތް ނިންމަން ކުންފުނިން އެކި ފަހަރުމަތިން ތާރީޚު ދިން ކަމަށް ވެސް އެނާ ވިދާޅުވިއެވެ.