ޅ. ނައިފަރު ރަށު ކައުންސިލަށް ކުރިމަތިލާފައިވާ ކެންޑިޑޭޓެއްގެ ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅައި އެ ކެންޑިޑޭޓަށް ލޯކަލް ކައުންސިލް އިންތިޚާބުގައި ބައިވެރިނުވެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައިފި އެވެ.


އިލެކްޝަނުން ބުނީ ޝަރުތު ފުރިހަމަ ނުވާ ކަމަށް އެ ކޮމިޝަނުން ނިންމި ކެނޑިޑޭޓަކީ ޅ. ނައިފަރު ރަށު ކައުންސިލަށް ކުރިމަތިލާފައިވާ ޅ. ނައިފަރު ދިރޭރަހަ މުހައްމަދު އަބުދުﷲ ކަމަށެވެ.


އިލެކްޝަނުން މިއަދު ނެރެފައިވާ އިޢުލާނެއްގައި ބުނެފައި ވަނީ ލޯކަލް ކައުންސިލްގެ އިންތިޚާބު 2011 އަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބުގެ ގާނޫނޫގެ 12 ވަނަ މާއްދާގައި ބުނެފައިވާ ޝަރުތު އޭނާގެ ފުރިހަމަވެފައި ނުވާ ކަމަށް ނޭޝަނަލް ކޮމްޕްލެއިންޓްސް ބިއުރޯއިން އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.


ނައިފަރުގެ މި ކެންޑިޑޭޓްގެ ނަން ބާތިލު ކުރުމުން ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލި ކެންޑިޑޭޓުންގެ ތެރެއިން ނަން ބާތިލު ކުރި ކެންޑިޑޭޓުންގެ އަދަދު އަށަކަށް އެރީ އެވެ. 


ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލައްވާފައި ވަނީ 2832 މީހެކެވެ.