ޖަޕާނުގެ އިންޓަނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ (ޖައިކާ) އިން މާލޭގެ ބައެއް އިމާރާތްތަކުގައި ސޯލާޕެނަލް ހަރުކޮށްދިނުމަށް 2011 ވަނަ އަހަރު ފެށި ޕްރޮޖެކްޓް ނިންމާލައިފި އެވެ.

ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން "ޕްރޮޖެކްޓް ފޯ ކްލީން އެނާޖީ ޕްރޮމޯޝަން"ގެ ނަމުގައި ތިން ފިޔަވަށްސަކަށް ބަހާލައިގެން ކުރިޔަށް ގެންދިޔަ އެ ޕްރޮޖެކްޓްގައި މާލޭގެ އެކި އިމާރާތްތަކުގައި ހަރުކުރި ސޯލާ ޕްނަލްތަކުން ޖުމްލަ 740 ކިލޯ ވޯޓްގެ ކަރަންޓް ލިބެ އެވެ.

އެގޮތުން ފުރަތަމަ ފިޔަވަހީގެ ދަށުން ރައީސް އޮފީހުގައި 20 ކިލޯ ވޯޓްގެ ސޯލާ ޕެނަލް އަކާއި ހިރިޔާ ސްކޫލްގައި 100 ކިލޯވޯޓްގެ ސޯލާ ޕެނަލްއަކާއި ސްޓެލްކޯގައި 45 ކިލޯވޯޓްގެ ސޯލާ ޕެނަލްއެއްގެ އިތުރުން ސޯޝަލް ސެންޓަރުގައި 100 ކިލޯ ވޯޓްގެ ސޯލާ ޕެނަލްއެއް ހަރުކޮށްފައިވާ އިރު ތާޖުއްދީން ސްކޫލްގައި ވަނީ 130 ކިލޯ ވޯޓްގެ ސޯލާ ޕެނަލްއެއް ހަރުކޮށްފަ އެވެ.

ދެވަނަ ފިޔަވަހީގެ ދަށުން ބާ ޖަމާލުއްދީންގައި ހުންނަ ޔުނިވާސިޓީގެ އިމާރާތުގައި 40 ކިލޯ ވޯޓްގެ ސޯލާ ޕެނަލްއަކާއި ކަލާފާނު ސްކޫލްގައި 85 ކިލޯވޯޓްގެ ސޯލާ ޕެނަލްއަކާއި ފެކަލްޓީ އޮފް ހެލްތު އެންޑް ސައިންސްގައި 35 ކިލޯ ވޯޓްގެ ސޯލާ ޕެނަލްއެއްގެ އިތުރުން ގިޔާސުންދީން ސްކޫލްގައި 80 ކިލޯ ވޯޓްގެ ސޯލާ ޕެނަލްއެއް ހަރުކޮށްފައިވާ އިރު ވެލާނާގޭގައި ވަނީ 40 ކިލޯ ވޯޓްގެ ސޯލާ ޕެނަލްއެއް ހަރުކޮށްފަ އެވެ. އަދި ތިން ވަނަ ފިޔަވަހީގެ ދަށުން ފިނޭންސް މިނިސްޓްރީގެ އިމާރާތުގައި 30 ކިލޯ ވޯޓްގެ ސޯލާ ޕެނަލްއެއް ހަރުކޮށްފައިވާ އިރު ހުޅުމާލެ ހޮސްޕިޓަލްގައި 35 ކިލޯ ވޯޓްގެ ސޯލާއެއް ހަރުކޮށްފައިވެ އެވެ.

އެ ޕްރޮޖެކްޓް ނިންމާލުމަށް މިއަދު ފިނޭންސް މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އޮފް އެންވަޔަރަންމަންޓް އެންޑް އެނާޖީ ތޯރިގް އިބްރާހިމް ވިދާޅުވީ ރާއްޖޭގެ ޖީޑީޕީގެ 30 ޕަސެންޓް ރާއްޖެ އަށް ތެޔޮ ފަދަ ތަކެތި އެތެރެކުރުމަށް ހަރަދުވާ ކަމަށެވެ. އެހެންކަމުން އެއީ ރާއްޖޭގެ އިކޮނޮމީ އަށް ހުރަސްއެޅޭ ކަމެއް ކަމަށާއި އެކަމަށް އެއީ ގާތްގަނޑަކަށް 487 މިލިއަން ޑޮލަރު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެކަންކަން ހައްލު ކުރުމަށް އޮތް އެންމެ ފަސޭހަ ފިޔަވަޅަކީ ތެޔޮ ހަރަދު ކުޑަކޮށް، އެހެން ގޮތަކުން ހަކަތަ އުފެއްދުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޖަޕާނުން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަ އެމްބެސެޑަރު މރ.ނަބޫހިޓޯ ހޯބޯ ވިދާޅުވީ ރާއްޖެއަކީ ޖަޒީރާ ރަށްތަކަކަށް ބެހިފައި އޮތް ފަސްގަނޑު ތިރި ގައުމެއް ކަމަށެވެ. އެހެންކަމުން މޫސުމަށް އަންނަ ބަދަލުތަކުން ލިބިދާނެ ގެއްލުމަކަށް ހުރިހާ ފަރާތްތަކުން ވެސް ހޭލަން ޖެހޭ ކަމަށާއި ތެޔޮ އަންދާ މިންވަރު މަދުކުރަން ޖެހޭކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ކުރިޔަށް އޮތް ތާގައި ވެސް ރާއްޖެ އަށް މިފަދަ ޕްރޮޖެކްޓްތަކުގައި އެހީ ވެދޭނެކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޖުމްލަ 141.5 މިލިއަން ރުފިޔާގެ އެ ޕްރޮޖެކްޓްގެ ދަށުން މާލެ އާއި ހުޅުމާލޭގެ ޖުމްލަ 12 އިމާރާތެއްގައި ވަނީ ސޯލާ ޕެނަލް ހަރުކޮށްފަ އެވެ.