އަންނަ ހޯމަ ދުވަހު މާލެއާއި އައްޑޫ ސިޓީގައި ފަށާ އޭއެފްސީ ޗެލެންޖް ކަޕްގައި އައްޑޫ ސިޓީގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ހަރަކާތްތެރިވާ ފުލުހުން މިއަދު ހެނދުނު އައްޑޫ ސިޓީއަށް ފުރައިފި އެވެ.

އޭއެފްސީ ޗެލެންޖް ކަޕްގެ ގްރޫޕް ބީގެ މެޗުތައް އައްޑޫ ސިޓީގައި ކުޅޭއިރު އައްޑޫ ސިޓީގެ ޒޯން ސްޓޭޑިއަމާއި ޓީމްތައް ތިބުމަށް ހަމަޖެހިފައިވާ ދެ ރިސޯޓްގެ އިތުރުން ޓީމްތަތައް ދަތުރުކުރާ މަގުތަކާއި ކޮންމެ ޓީމެއްގެ ސަލާމަތީ ކަންކަން ބެލެހެއްޓުމާއި ޓީމްތައް ޕްރެކްޓިސް ކުރުމަށް ހަމަޖެހިފައިވާ ދެ ދަނޑުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ފުލުުހުން ހަރަކާތްތެރިވާނެ އެވެ.

އޭއެފްސީ ޗެލެންޖް ކަޕްް ސަލާމަތާއި ރައްކާތެރިކަމާއެކު ކުރިއަށް ގެންދެވޭނެ މާހައުލެއް ގާއިމްކޮށްދިނުމުގެ ގޮތުން ފުލުހުން ވަނީ ޚާއްސަ އޮޕަރޭޝަނެއް ވެސް ފަށައިފަ އެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ ޗެލެންޖް ކަޕްގެ ގްރޫޕްބީގެ މެޗުތައް އައްޑޫ ޒޯން ސްޓޭޑިއަމްގައި ކުޅެން ހަމަޖެހިފައިވާ އިރު އެ ގްރޫޕްގައި ހިމެނެނީ، ތުރުކުމަނިސްތާނާއި ފިލިޕިންސް އާއި އަފްގާނިސްތާނުގެ އިތުރުން ލާއޯސް އެވެ.

މުބާރާތުގެ ގްރޫޕް ބީގައި އައްޑޫ ސްޓޭޑިއަމްގައި ކުޅޭ ފުރަތަމަ މެޗުގައި މިމަހުގެ 20 ވަނަ ދުވަހު ހަވީރު 4:00 ގައި ބައްދަލުކުރާނީ ތުރުކުމަނިސްތާނާއި ލާއޯސް އެވެ. ދެ ވަނަ މެޗުގައި 20 ވަނަ ދުވަހުގެ ރޭ 9:00 ގައި ބައްދަލުކުރާނީ ޕިލިޕިންސްއާއި އަފްޣާނިސްތާނެވެ.