14 May 2014, 11:52
އަންނަ މަހު ބްރެޒިލްގައި ބާއްވާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީ ފަޅިން ވާދަކުރާ ސްޕެއިންގެ ސްކޮޑް 30 ކުޅުންތެރިންނާއެކު އިއުލާންކޮށްފި އެވެ.
މުބާރާތުގައި ސްޕެއިންނާއެކު ގްރޫޕް ބީގައި ދެން ވާދަކުރާ އަނެއް ތިން ގައުމަކީ ނެދަލެންޑްސް އާއި ޗިލީ އަދި އޮސްޓްރޭލިއާ އެވެ.
ސްޕެއިންގެ ގައުމީ ޓީމުގެ ކޯޗު ވިސެންޓޭ ޑެލްބޮސްކޭ ބުނީ، މިވަގުތައް 30 ކުޅުންތެރިން ސްކޮޑަށް ނެގި ކަމުގައި ވިޔަސް މިމަހުގެ 25 ވަނަ ދުވަހު 23 ކުޅުންތެރިންނަށް ސްކޮޑް މަދުކުރާނެ ކަމަށެވެ. އަދި ފައިނަލް ސްކޮޑް އެކުލަވައިލާއިރު، އެއްވެސް ކަހަލަ އަނިޔާގެ މައްސަލައެއް އުޅޭ ކުޅުންތެރިއެއް ނަމަ، އެކުޅުންތެރިއަކަށް ފުރުސަތު ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ވެސް ޑެލްބޮސްކޭ ބުންޏެވެ.
އެންމެ ފަހުގެ ވޯލްޑްކަޕްގެ ޗެމްޕިއަން އަދި ޔޫރޯގެ ވެސް ޗެމްޕިއަން ކަމަށްވާ ސްޕެއިން އިން މިފަހަރުގެ ވޯލްޑްކަޕަށް ނެގި 30 ކުޅުންތެރިންގެ ސްކޮޑުގައި ހިމެނެނީ ތިން ކީޕަރުންނާއި އަށް ޑިފެންޑަރުންނާއި 14 މިޑްފީލްޑަރުން އަދި ފަސް ފޯވާޑުންނެވެ.
ސްޕެއިންގެ ސްކޮޑަށް ނެގި ކީޕަރުންނަކީ ރެއާލް މެޑްރިޑްގެ އިކާ ކަސިޔަސް އާއި ނަޕޯލީގެ ޕެޕޭ ރެއިނާ އަދި މެންޗެސްޓާ ޔުނައިޓެޑްގެ ޑޭވިޑް ޑެހެއާ އެވެ.
ސްޕެއިންގެ ސްކޮޑަށް ނެގި ޑިފެންޑަރުން ނަކީ ޗެލްސީގެ ސެޒާ އަޒްޕްލިކުއެޓާ އާއި ބާސާގެ ޖަރާޑް ޕީކޭ އާއި ރެއާލްގެ ސާޖިއޯ ރާމޯސް އާއި ބާސާގެ އަލްބާ އާއި ސެވިއްޔާގެ އަލްބާޓޯ އާއި ބަޔާންގެ މާޓިނޭޒް އާއި ނަޕޯލީގެ ރައުލް އަލްބިއޯލް އާއި އެތުލެޓިކޯގެ ހުއާން ފާރަން އަދި ރެއާލްގެ ޑެނިއަލް އެވެ.
ސްޕެއިން ސްކޮޑަށް ނެގި މިޑްފީލްޑަރުން ނަކީ ބާސާގެ ސާޖިއޯ ބުސްކެޓްސް އާއި ރެއާލްގެ ޒަބީ އޮލޮންސޯ އާއި އެތުލެޓިކޯ މެޑްރިޑްގެ ކޮކޭ އާއި އެތުލެޓިކް ބިލްބާއޯގެ އަންދުރޭ އާއި ބާސާގެ ޒަވީ ހަނާންޑޭޒް އާއި ބާސާގެ އަންދްރޭސް އިނިއެސްޓާ އާއި އާސެނަލްގެ ސެންޓި ކަޒޯލާ އާއި ބާސާގެ ފެބްރިގާސް އާއި ބަޔާންގެ ތިއާގޯ އާއި މެންޗެސްޓާ ޔުނައިޓެޑުގެ މާޓާ އާއި މެންޗެސްޓާ ސިޓީގެ ސިލްވާ އަދި މެންޗެސްޓާ ސިޓީގެ ނަވާސް އެވެ.
ސްޕެއިންގެ ސްކޮޑަށް ނެގި ފޯވާޑުންނަކީ އެތުލެޓިކޯ މެޑްރިޑްގެ ޑިއޭގޯ ކޯސްޓާ އާއި އެތުލެޓިކޯ މެޑްރިޑްގެ ޑޭވިޑް ވިޔާ އާއި ޗެލްސީގެ ފެނާންޑޯ ޓޮރޭސް އާއި މެންޗެސްޓާ ސިޓީގެ އަލްވާރޯ އަދި ޔުވެންޓަސްގެ ފެނާންޑޯ ލޮރެންޓޭ އެވެ.
މުބާރާތުގައި ސްޕެއިން ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހުގެ 14 ވަނަ ދުވަހު ރާއްޖެ 12:00ގައި ނުކުންނާނީ ނެދަލެންޑްސްއާ ދެކޮޅަށެވެ.