މާލޭ ބާޒާރުގައި ފިޔައާއި އަލުވީގެ އަގު ވަރަށް ބޮޑަށް މަތީގައި ހުރުމަށްފަހު ކުޑަކޮށް ދަށަށް ހިނގައްޖެ އެވެ.

މިއަދު މާލޭ ބާޒާރުގެ އަގުތަކަށް ބަލާއިރު މީގެ ދެ ދުވަސް ކުރިން 45ރ. އަށް ވިއްކި ފިޔާ ކިލޯއެއްގެ އަގު ހުރީ 25ރ. އަށެވެ. ނަމަވެސް ގިނަ ފިހާރަތަކުގައި ފިޔާ ބަސްތާ ހުރިގޮތަށް ވިއްކާކަށް ނެތެވެ.

ބާޒާރު މަތީގައި ވިޔަފާރި ކުރާ ބައެއް ވިޔަފާރިވެރިން ބުނީ ފިޔާގެ އަގު ބޮޑުވެފައި ހުރުމަށްފަހު ކުއްލިއަކަށް ދަށަށް ދާން މެދުވެރިވި ސަބަބަކީ ރާއްޖެއިން ބޭރުން ފިޔާ ގެންނަ ބޯޓްތައް ރާއްޖެ އައުމުން ކަމަށެވެ. ބައެއް ވިޔަފާރި ވެރިން ބުނީ ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި ފިޔާ ގިނަ އަދަދަކަށް އެތެރެކުރެވި ފިޔާގެ އަގު ދަށް ކުރެވޭނެ ކަމަށެވެ.

ބާޒާރުގައި ކުރިން 10ރ. އަށް ކިލޯ ވިއްކަން ހުރި އަލުވި ކިލޯއެއްގެ މީގެ ދެދުވަސް ކުރިން ވިއްކަމުން ދިޔައީ 40ރ. އަށެވެ. މިއަދު އަލުވި ކިލޯއެއް ވިއްކަމުންދަނީ 32ރ. އަށެވެ. އަދި އަލުވި ބަސްތާއެއް މިއަދު ވިއްކަން ހުރީ 350ރ. އަށެވެ. މީގެ ދެދުވަސް ކުރިން އަލުވި ބަސްތާއެއް ވިއްކަމުން ދިޔައީ 470ރ. އާއި 500ރ. އާ ދޭތެރޭ އަގުތަކެއްގަ އެވެ.

މީގެ ކުރިން އާންމުގޮތެއްގައި އަލުވި ބަސްތާއެއް ވިއްކާފައި ވަނީ 190ރ. އަށެވެ.

ފިޔާ، އަލުވި އަދި ބިހުގެ އަގުތައް ބާޒާރުގައި ބޮޑުވެފައިވާ އިރު އެސްޓީއޯ އިން ބުނެފައި ވަނީ އެ ބާވަތްތައް އެސްޓީއޯ އިން އެތެރެކޮށް އަގު ހެޔޮ ކުރާނެ ކަމަށެވެ.