14 May 2014, 10:39
ވިރިހުސްވެއްޖެ ނަމަ ކަނޑުގެ ލޮނުގަނޑު ހަތަރު ފޫޓަށް އުފުލޭހާ ގަނޑުފެން ކަނޑަށް ދޫވަމުންދާ ކަމަށް އެމެރިކާގެ ނެޝަނަލް އެރޮނޯޓިކްސް އެންޑް ސްޕޭސް އެޑްމިނިސްޓްރޭޝަން ( ނާސާ)އިން ބުނެފި އެވެ.
ނާސާއިން ބުނީ، ދެކުނު ތަނޑީގައިވާ އެންޓާކްޓިކާގެ ހުޅަނގުން ގިނަ އަދަދެއްގެ ގަނޑުފެނުގެ ބޮޑުބައެއް ވަރަށް ހަލުވިކަމާއެކު ވިރެމުންދާކަން އެއިދާރާއާ ޔުނިވަސިޓީ އޮފް ކެލިފޯނިއާއާ ގުޅިގެން ކުރި ދިރާސާއަކުން އެނގިފައިވާ ކަމަށެވެ.
"... ކަނޑުގެ ލޮނުގަނޑު އުފުލުމުގައި މިހާރުވެސް އެ ގްލޭސިއާ ތައް އަންނަނީ ފާހަގަ ކުރެވޭ ވަރުގެ ދައުރެއް އަދާކުރަމުންނެވެ. އެގޮތުން ގްރީންލޭންޑްގައިވާ ގަނޑުފެން ޝީޓެކޭ އެއްވަރުގެ ގަނޑުފެންގަނޑުތައް ކޮންމެ އަހަރަކުވެސް ކަނޑަށް ބޭރުވެ އެވެ. ( ވިރި ހުސްވުމުން) ދުނިޔޭގެ ކަނޑުގެ ލޮނުގަނޑު ހަތަރު ފޫޓަށް އުފުލޭހާ ފެން އެތަކެތީގައި އެކުލެވިފައި ވެއެވެ. ގިނަ ސައިންސްވެރިން ލަފާކުރި ވަރަށް ވުރެ ބާރަށް އެގަނޑުފެންތައް ދަނީ ވިރެމުންނެވެ،" ނާސާގެ ވެބްސައިޓްގައި ބުނެފައި ވެއެވެ.
ދިރާސާގައި ހެކީގެ ގޮތުގައި ފާއިތުވި 40 އަހަރު ދުވަހު ހުޅަނގު އެންޓާކްޓިކާގެ ގަނޑުފެންޝީޓްތަކަށް އައި ބަދަލުތައް ހިމަނާފައިވާނެ ކަމަށް އެ އިދާރާއިން ބުނެފައި ވެއެވެ. ދިރާސާގައި އިސްކޮށް އުޅުއްވި ޔުނިވަސިޓީ އޮފް ކެލިފޯނިއާގެ ގްލޭސިއޮލޮޖިސްޓް އެރިކް ރިގްނޯޓް ވިދާޅުވެފައި ވަނީ ހުޅަނގު އެންޓާކްޓިކާގެ ގަނޑުފެންތައް ވިރެމުން ދަނީ އިއާދަނުވާ ވަރަށް ކަމަށެވެ.
އޭނާ ވިދާޅުވެފައި ވަނީ ކަނޑު ލޮނުގަނޑު އުފުލުމުގެ އެންމެ ބޮޑު އެއް ސަބަބަކަށް ކުރިއަށް އޮތް އަހަރުތަކުގައި ވާނީ އެންޓާކްޓިކާގެ ގަނޑުފެންތައް ވިރުން ކަމަށެވެ.
" ... ކުރިއަށް އޮތް އަހަރުތަކާއި ގަރުނުތަކުގައި ކަނޑުގެ ލޮނުގަނޑު އުފުލުމުގައި ބޮޑު ދައުރެއް އަދާކުރާ ދާއިރާއަކަށް މިދާއިރާ ވާނެ،"ރިގްނޯޓް ވިދާޅުވެފައި ވެއެވެ.