ދ. މީދޫ ފަރުން ރެނދެއް ފެނުމާ ގުޅިގެން އެ މައްސަލަ ބަލަން މިއަދު އެ ރަށަށް ޓީމެއް ފޮނުވަން މަސައްކަތް ކުރަމުން އަންނަ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މީދޫ ފަރުން ފެނިގެން އުޅޭ ރެނދަކީ އެ ރަށުގެ ބިން ހިއްކުމާ ގުޅިގެން ލާފައިވާ ރެނދެއް ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ. އެ ރެނދު ފެނިގެން އުޅޭ ހިސާބަށް ބަލާ އިރު އެ ސަރަހައްދުން ހިއްކާފައި ވަނީ އީއައިއޭ ރިޕޯޓުގައި ފާހަގަކޮށްފައިވާ ހިސާބަށް ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"ހަގީގަތުގަ އީއައިއޭގައި ނުހުރޭ މި ކަހަލަ ކަންކަން އެހާ ތަފްސީލުކޮށް ބަޔާންކޮށްފައެއް. މިސާލަކަށް ހިއްކުމަށްޓަކައި ވެލިއެޅުމުން އެ އަންނަ ބަރުމިނެއްގެ ސަބަބުން ވެދާނެ ކަމެއް ކަމެއް އެނގޭކަށް ނުހުރޭ. އެ ރެނދު ހުރިކަމަށް ބުނާ ތަނުން ހިއްކާފައި ވަނީ ވެސް އީއައިއޭ ލައިނާ ހިސާބަށް. އެހެން ނަމަވެސް މިކަން އަޅުގަނޑުމެން ވަރަށް ސީރިއަސްކޮށް ބަލާނަން،" ހައުސިން މިނިސްޓަރު ވިދާޅުވި އެވެ.

ޑރ. މުއިއްޒު އިތުރަށް ވިދާޅުވީ އެ ރެނދަކީ ކުރީން ވެސް ހުރި ރެނދެއްކަން ނުވަތަ ފްރެޝް ރެނދެއްކަން އެނގޭނީ ޑައިވަރުންނާއި ކަމާ ގުޅޭ ފަންނީ މީހުން އެތަން ބަލައި ދިރާސާކުރުމުން ކަމަށެވެ. އެހެން ނަމަވެސް މީގެ ކުރީން ވެސް ބިން ހިއްކުމުގެ ވަރަށް ގިނަ އަދި ބިޔަ މަޝްރޫއުތައް ކުރިޔަށް ގެންގޮސްފައިވާ އިރު ބިން ހިއްކައިގެން ފަރު ކަނޑައިގެން ދިޔަކަން އެނގިފައިނުވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އެ ގޮތުން ހުޅުމާލެ ހިއްކުން ފަދަ ބިޔަ މަޝްރޫއުތައް އޭނާ ފާހަގަ ކުރެއްވި އެވެ.

ދ. މީދޫ ކައުންސިލަރަކު މިއަދު ސަން އަށް ވިދާޅުވީ ރެނދު ފެނިފައި ވަނީ މީދޫގެ ދެކުނު ފަރާތު ފަރުގެ ބޭރު ކައިރިން ކަމަށެވެ. އެގޮތުން އެ ރެނދުގެ ފުޅާމިނުގައި ހަތަރު އިންޗި ހުރި އިރު ފަރުގެ އުރަދަށުން 13 ވަރަކަށް މީޓަރު ފުނަށްދާންދެން އެ ރެނދު ފެންނާން ހުރެފައި އެއަށް ވުރެ ތިރިން ފެންނާން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެތަން ފެނުނު ވާހަކަ އެނގުމުން އަޅުގަނޑު އަމިއްލައަށް ގޮސް އެތަނަށް ފީނައި ބެލިން. އެކަން ވީ ކިހިނެއްކަން އެނގޭނީ ކަމާ ބެހޭ ބޭފުޅުން ބެއްލެވުމުން. މިއަދު ޑައިވަރުން އަންނާނޭ ކަމަށް އަޅުގަނޑުމެންނަށް އެނގިފައި ވަނީ،" ކައުންސިލަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީދޫ ބިންހިއްކުމަށް ޓަކައި ވެލި ނަގާފައި ވަނީ ރަށާ ވަރަށް ދުރު ސަރަހައްދަކުން ކަނޑުތެރެއިން ކަމަށެވެ. އެ ގޮތުން ވެލި ނެގި ހިސާބުން ބާޖަށް މީދޫއާ ހަމައަށް އާދެވޭނީ ގާތްގަނޑަކަށް ބައިގަޑިއެހާ އިރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ހަމަ އެހެންމެ ބިން ހިއްކި އިރު ބާޖު ރަށުގެ ފަރާ އެހާ ބޮޑަށް ގާތް ވެސް ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.