14 May 2014, 09:58
ރަހުމަތްތެރި ކަމުގެ މެޗުން ލާއޮސް އަތުން 7-1 ލަނޑުން، ދިވެހި ގައުމީ ޓީމް ރޭ ހޯދި ފުރިހަމަ ކާމިޔާބީގެ ހަގީގަތަކީ ދަނޑަށް ވަދެ، ގައުމީ ޓީމަށް ސަޕޯޓްކުރި އެތައް ހާސް ދިވެހި ސަޕޯޓަރުން ކަމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ރައީސް އިލްހާމް އަހުމަދު ވިދާޅުވެއްޖެ އެވެ.
އަންނަ ހޯމަ ދުވަހު ފަށާ އޭއެފްސީ ޗެލެންޖް ކަޕަށް ތައްޔާރުވުމުގެ ގޮތުން ރޭ ލާއޮސް އަތުން ގައުމީ ޓީމް މޮޅުވި މެޗަށް ފަހު ސަން އަށް ދެއްވި އިންޓަވިއުއެއްގައި އިލްހާމް ވިދާޅުވީ، ގައުމީ ޓީމަށް ސަޕޯޓްކޮށްދިނުމުގައި ދަނޑަށް ވަދެތިބި، އެތައް ހާސް ދިވެހި ރައްޔިތުންގެ ފަރާތުން ފެނިގެން ދިޔައީ ވަރަށް ހިތްގައިމު މަންޒަރެއް ކަމަށާއި މެޗް ނިމެންދެން ގައުމީ ޓީމަށް ހިތްވަރުދިނުމަށް ޓަކައި 12 ވަނަ ކުޅުންތެރިއާގެ ގޮތުގައި ދެއްވި ސަޕޯޓަށް ފަށްފަށުން ޝުކުރު ދަންނަވާ ކަމަށެވެ.
"ދިވެހި ޓީމުން ހޯދި ފުރިހަމަ ކާމިޔާބީއާ މެދު ވަރަށް ހިތްހަމަޖެހޭ. އަސްލު ކާމިޔާބީގެ ރިއަލިޓީ އަކީ ދިވެހި ސަޕޯޓަރުން. ރެފްރީގެ އެންމެ ފަހު ކަށިގަނޑު ގޮއްވާލުމާ ހަމައަށް ދިވެހި ސަޕޯޓަރުން ހުއްޓުމެއް ނެތި އެދެއްވި ސަޕޯޓަށް ޝުކުރު އަދާކުރަން." އިލްހާމް ވިދާޅުވި އެވެ.
އިލްހާމް ވިދާޅުވީ، ކުރިއަށް އޮތީ އަސްލު ހަގީގީ ނަތީޖާ ހޯދުމުގެ މެޗްތައް ކަމަށާއި އެ މެޗްތަކުގައި ގައުމީ ޓީމަށް ސަޕޯޓް ކޮށްދެއްވުމަކީ އެފްއޭއެމް އާއި ގައުމީ ޓީމުގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. އަދި އެމެޗްތަކަށް މުޅިދަނޑު ރަތް ކުލައިން ޒީނަތް ކޮށްލައި، ހުރިހާ ސަޕޯޓަރުން ވެސް ރަތް ވާންޖެހޭނެ ކަމަށް އިލްހާމް ވިދާޅުވި އެވެ. ކުޅިވަރުގެ ރޫހާ އެއްގޮތަށް ސަޕޯޓް ކޮށްދިނުމުގައި އެންމެހާ ސަޕޯޓަރުން ދެމިތިބުމަށް އިލްހާމް އެދިވަޑައިގެންނެވި އެވެ.
"ކުރިއަށް މިއޮތް ދުވަސްތަކުގައި ޓީމަށް ހިތްވަރު ދިނުމުގެ ގޮތުން ތަފާތު ހަރަކާތްތައް ރޭވުމަށް އެފްއޭއެމް އިން ވަނީ ނިންމާފައި. އެހަރަކާތްތަކުގައި ވީހާ ވެސް ގިނަ ރައްޔިތުން ބައިވެރިވުން ވަރަށް މުހިންމު. އަދި ގައުމީ ޖާޒީ އަތް ފޯރާ ފަށުގައި ގަންނަން ލިބޭނެ ގޮތެއް ހޯދައިދިނުމަށް އެފްއޭއެމް އިން މިހާރު ދަނީ އެޖާޒީ ވިއްކާ ފަރާތްތަކާ އެކު މަޝްވަރާތަކެއް ކުރެވެމުން. އެފްއޭއެމް އާއި ގައުމީ ޓީމުން ބޭނުން ވަނީ މެޗް ކުޅޭ ދުވަސް ވަރު މުޅި ރާއްޖެ ރަތް ކޮށްލުން" އިލް ހާމް ވިދާޅުވި އެވެ.
ރޭ ލާއޮސް ކޮޅަށް ގައުމީ ޓީމުން ޖެހި ލަނޑުތައް ކާމިޔާބު ކޮށްދިން ކުޅުންތެރިންނަށާއި މުޅިޓީމަށް ވެސް އިލްހާމް ވަނީ މަރުހަބާ ކިޔައިފަ އެވެ.
ލާއޮސް ކޮޅަށް ރޭ ރާއްޖޭގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އާއި އަލީ ފާސިރު (ސެންޓޭ) ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖެހި އިރު، އަނެއް ތިން ލަނޑު ކާމިޔާބުކޮށްދިން ކުޅުންތެރިންނަކީ ޝަމްވީލް ގާސިމް (ބޮންޑާ) އާއި މުހައްމަދު ހުސެއިން ނިޔާޒް (ބޮކުރީ) އަދި ހަސަން އަދުހަމް (ސަޑޭ) އެވެ.
އޭއެފްސީ ޗެލެންޖް ކަޕް ރަސްމީކޮށް ހުޅުވާ މެޗުގައި އަންނަ ހޯމަ ދުވަހުގެ ރޭ 9:00 ގައި ބައްދަލުކުރާ ދެ ޓީމަކީ ރާއްޖެ އާއި މިޔަންމާ އެވެ. މުބާރާތުގައި ރާއްޖެ ވާދަކުރާ ދެ ވަނަ މެޗުގައި މިމަހުގެ 21 ވަނަ ދުވަހުގެ ރޭ 9:00 ގައި ރާއްޖެ ނުކުންނާނީ ކިޒްގިސްތާނާ ދެކޮޅަށެވެ. އަދި ގްރޫޕް ސްޓޭޖްގައި ރާއްޖެ ކުޅޭ ފަހު މެޗުގައި މިމަހު 23 ވަނަ ދުވަހުގެ ރޭ 9:00 ގައި ނުކުންނާނީ ފަލަސްތީނާ ދެކޮޅަށެވެ.