14 May 2014, 09:41
އެއިރު އެޒަމާނުގައި މިކަމަކީ ވަރަށް ހުތުރު އެހާމެދެރަ، އަދި ނުބައިކަމެއް ކަމުގައި އޮންނަނީ ފާހުގަ ކުރެވިފަ އެވެ.
މިކަންކުރާމީހުންނަކީ ޚިޔާނާތްތެރިން ކަމުގައިވެ އެކަހަލަ މީހުންގެ އެއްވެސް އިތުބާރެއް އަގެއް މީހުންގެ ތެރެއަކު ނުހުރެއެވެ. މިބައިމީހުންނަކީ ވައްކަންކުރާ ވަގުންކަމުގައި އޮންނަނީ މަޝްހޫރުކޮށް ނިންމައިފަ އެވެ. ކޮންބައެއް ކަމަށް ހެއްޔެވެ. އަމިއްލަ ބާލީހަށް ބަންޑާރަ ކަފަ ގަންނަވާ މީހުންނެވެ. އެހެން އިބާރާތަކުން ނަމަ ކަރަޕުޝަނާއި ފަސާދައިގެ ބާރުގައި އަމިއްލަ ޖީބަށް ގިނަކޮށް ބައްކުރާ މީހުންނެވެ.
ބަންޑާރަ އަކީ ސަރުކާރެވެ. ބަންޑާރަ ތަކެއްޗަކީ ސަރުކާރުގެ މުދަލެވެ. އެއީ އެކި ވަކި މީސްމީހުންގެ އަމިއްލަ ގެދޮރަށް ގެންގޮސް އެތަކެތީގެ ބޭނުން ކުރެވޭނެ ތަކެއްޗެއް ނޫނެވެ. ކޮށްގެންވާނެ އެއްޗިއްސެއްވެސް ނޫނެވެ. ކުރެވޭނެ މަގެއް ނުވެސް އޮވެ އެވެ. އެކަމަކު މިފަހަކަށް އައިސް މަޑުމަޑުން މިދަނީ އެގޮތްބަދަލު ވަމުން ބަދަލި ކުރަމުންނެވެ. އެއީ ވެރިކަމަށް އައުދެވޭ މީހުން ނުވަތަ މަގާމުތަކަށް ވެރިވެވޭ މީހުން އެމީހުންގެ އަމިއްލަ ބޭނުމުގައި ހަދަމުންގެންދާ ގޮތެކެވެ. އެމީހަކުގެ އަތުޖެހޭ ހިސާބުގައި ހުންނާނީ އެމީހެއްގެ ތަކެތިކަމުގައި ދެކެން ފެށުނީ ކޮންއިރަކު ކޮންޒަމާނެއްގައިކަން އެނގޭކަށް އޮތެކޭ ހީއެއް ނުވެ އެވެ. އެނގޭ ކަމަކީ ކުރީގައި އިހުޒަމާނު ގައި އެނޫން ދުވަސްތަކެއް (މުޅި ދުނިޔެ ވެސް )ދެކެފައިވާކަމެވެ. މިގޮތަށް މިބަދަލެއް މިއައީ ފަހުންކަމެވެ. އެކި ހިސާބުގެ އެކިގައުމުތަކުގައި އެކި ދުވަސްވަރުގައި ކަމަށް ވެދާނެ އެވެ. ކޮންމެއަކަސް މިއަދު ގާތްގަނޑަކަށް މުޅި ދުނިޔޭގައި ވެސް މިއޮތީ މިގޮތެވެ. އަތުގައިހޭކެންޏާ ދަތުގައި ހާކާ އުސޫލެވެ.
މިއަދު އަމިއްލަ ބާލީހެއް އޮތިއްޔާ ލައްވާލަން އެއްމެ އެކަށީގެންވަނީ ބަންޑާރަ ކަފަ އެވެ. އެހާފަސޭހަ އިންލިބޭ އަގުދައްކަން ނުޖެހޭ ފެންވަރުރަނގަޅު ކަފަ ކަމުގައިވާތީ އެވެ. އެކަފަ އަމިއްލަ ބާލީހަށް ގެންނެވުމަކުން މީހާގެ އަގުވެއްޓި އަބުރުގެއްލި ނުދާތީ އެވެ. މިއީ ފިސާރިތެދެއްކަން ނޫސްމަޖައްލާ ތަކާއި ރޭޑިއޯ ޓީވީ ތަކުން އަބަދާއި އަބަދު އެހުންނަނީ ސާބިތުވޭވެ އެވެ. ދަތުރަކު ދިޔައްޔާ އެދަތުރުގައި ކުއްލި ޚަރަދަށް ލިބޭ ހުރިހާ ފައިސާ އެއް ހޭދަކޮށްލުމަކީ މިއަދުގެ އާދައެކެވެ. ފޯނެއް "ދެއްވާފައި" އޮންނަންޏާއި އެފޯނަކުން އަނބިދަރިން ރައްޓެހިންނަށް ފައިސާ ބަދަލުކުރުމަކީ އުފާއުފަލުން ކުރާ ކަމަކަށް މިއޮތީ ހެދިފަ އެވެ. އިމާރާތެއް ހައްދުވަން ހަވާލު ކޮށްފިއްޔާ އެ އިމާރާތަކާއި އެކުގައި އަމިއްލަގެ ވެސް އިމާރާތްކޮށް ނިންމާލުމަކީ ފެންނަން ހުރި ފުރިހަމަ ހެކިތަކުން ނޫނެކޭ ނުބުނެވޭވަރުގެ ކަންކަމެވެ.
އެއްމެ އަޅައިގަނެވޭ ކަމަކީ މިފަދަ އެއްވެސްކަމަކީ އެކަންކަމާއި ބެހި ވާނުވާބަލައި ތަހުގީގު ކުރެވި ޝަރީއަތާއި ހަމައަށް ވެސް ގިނަފަހަރަށް ނުދާ ކަންކަންކަމުގައި ނިމިފައިވާތީ އެވެ. ކުރީގެ މެނޭޖަރުންނާއި އިހަށްދުވަހުގެ މެނޭޖަރާއި އަދި މިއަދުގެ ސޭޓުވެސް މިގޮޅިއަށް އެތިބެނީ ފިސާރި ފެތިލައިގެންނެވެ. ދެންތިބީންގެ ތެރެއިން އެފަދަ ކަންކަމާއި މެދުވިސްނައި ކެރިގެން ކުރިމަތިލައި އަމިއްލަ ބާލީސް ގަނޑަށް ބަންޑާރަ ކަފަ ގަންނަވާލަން އުޅޭމީހުންނަށް މިމަގު ފަހިވެފައި އޮންނަނީ މިހެންވެގެންނޭ ބުނެލުމަކީ ދޮގަކަށް ވާނެއެކޭ ބުނާނެ ޖާގައެއް ދެން މިހާރަކު ނެތެއްނޫން ހެއްޔެވެ. ކުރިއާއި ތަފާތުކޮށް މިކަމަކީ މިހާރު މޮޅުމީހުން ކުރާ ހުނަރުވެރި މޮޅުކަމެއްގެ ގޮތުގައި ހުކުމްކުރާކަށް ދެން މާގިނަ ދުވަހެއް ނުވާނެ އެވެ. މިވެސް ދުވަހެކެވެ. ނިމުނީ*