14 May 2014, 09:23
މޮސްކޯ (މޭ 14): ޔުކްރޭންގެ މައްސަލައާ ގުޅިގެން އެމެރިކާގެ ހައިޓެކް ޓެކްނޮލޮޖީ ޢަސްކަރީ ކަންކަމުގައި ބޭނުންކުރުން ރަޝިޔާ އަށް މަނާކޮށްފައި ވާތީ ރަޝިޔާގެ މަތީފެންވަރުގެ ޓެކްނޮލޮޖީގެ ޢަސްކަރީ ކަންކަމުގައި ބޭނުންކުރުން އެމެރިކާއަށް ވެސް މަނާކުރުމަށް ނިންމައި އެކަންރަޝިޔާ އިން އިއުލާންކޮށްފި އެވެ.
މިކަން އިއުލާން ކުރައްވަމުން ރަޝިޔާގެ ބޮޑުވަޒީރުގެ ނައިބު ޑިމިޓްރީ ރޮގޮޒިން ވިދާޅުވީ އެމެރިކާ އަށް ބޭނުންހިފުން މަނާކުރުމަށް ނިންމި ރަޝިޔާގެ މަތީފެންވަރުގެ ޓެކްނޮލޮޖީގެ ތެރޭގައި ސެޓަލައިޓްތައް ޖައްވަށް ފޮނުވުމަށް ފުޅާދާއިރާއެއްގައި ބޭނުންކުރާ ރަޝިޔާގެ ހައިޓެކް ރޮކެޓް ހިމެނޭ ކަމުގަ އެވެ. ސެޓަލައިޓްތައް ޖައްވަށް ފޮނުވުމަށް ރަޝިޔާ އިން އުފައްދާފައިވާ ހައިޓެކް ޕްރޮޓޮން ރޮކެޓަކީ ޢަސްކަރީ އަދި މަދަނީ ސެޓަލައިޓްތައް ޖައްވަށް ފޮނުވުމަށް މިހާތަނަށް ދުނިޔޭގައި އުފައްދާފައިވާ އެންމެ އަގުހެޔޮ އަދި ސަލާމަތީގޮތުން އެންމެ ރައްކާތެރި ރޮކެޓްކަމަށް އެމެރިކާގެ ސައެންސްވެރިންވެސް ގަބޫލުކުރެ އެވެ.
ރަޝިޔާގެ ޕްރޮޓޮން ރޮކެޓަކީ އޭގެ އަގުހެޔޮވުމުގެ ސަބަބުންނާއި އޭގައި ބޭނުންކޮށްފައިވާ ޓެކްނޮލޮޖީގެ ފެންވަރުމަތިވުމުގެ ސަބަބުން ޢަސްކަރީ އަދި މަދަނީ ސެޓަލައިޓްތައް ޖައްވަށް ފޮނުވުމަށް އެމެރިކާ ވެސް ވަރަށް ބޮޑަށް ބޭނުންކުރާ ރޮކެޓެކެވެ. މިރޮކެޓް ޢަސްކަރީ ސެޓަލައިޓްތައް ފޮނުވުމަށް (ޢަސްކަރީ ކަންކަމުގައި) ބޭނުންކުރުން އެމެރިކާ އަށް މިހާރު މަނާކޮށްފައިވާ އިރު ފަޒާގެ ޓެކްނޮލޮޖީގައި އެމެރިކާ އާއި ރަޝިޔާގެ އެއްބާރުލުމުގެ ރަމްޒެއްގެ ގޮތުގައި ބެލެވިފައިވާ އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) ބޭނުންކުރާ މުއްދަތު 2020ވަނަ އަހަރަށް ފަހު އިތުރުކުރުމުގެ ގޮތުން އެސްޓޭޝަން މަރާމާތުކޮށް އޭގެ މަސައްކަތު އުމުރު ދިގުކުރުމަށް ދެގައުމު ގުޅިގެން މަސައްކަތް ކުރުމަށް އެމެރިކާ ހުށަހަޅާފައިވާ ހުށަހެޅުމަށް އިޖާބަ ނުދިނުމަށް ވެސް ރަޝިޔާ ވަނީ ނިންމާފަ އެވެ.
ރަޝިޔާގެ ބޮޑުވަޒީރުގެ ނައިބު ވިދާޅުވީ ޔުކްރޭންގެ މައްސަލާގައި އެމެރިކާގެ ހައިޓެކް ބައެއް ޓެކްނޮލޮޖީގެ ބޭނުންކުރުން އެގައުމުން ރަޝިޔާ އަށް މަނާކޮށްފައި ވާތީ 2020 އަހަރަށް ފަހު އައިއެސްއެސްގެ މުސްތަގްބަލް ކަނޑައެޅުމުގައި އެމެރިކާ އަށް ފަންނީ އެއްބާރުލުން ނުދިނުމަށާ އެމެރިކާއާ ގުޅިގެން މަސައްކަތް ނުކުރުމަށް ވެސް ރަޝިޔާ އިން ނިންމާފައިވާ ކަމުގައެވެ. ރޮކެޓް ޓެކްނޮލޮޖީއާއި ފަޒާގެ ޓެކްނޮލޮޖީއާއި ނިއުކްލިޔަރ ޓެކްނޮލޮޖީއަކީ ރަޝިޔާ އެންމެ ބޮޑަށް ތަރައްގީކޮށްފައިވާ ސައެންސާއި ހައިޓެކް ޓެކްނޮލޮޖީގެ ދާއިރާތަކެވެ. މިދާއިރާތަކުގެ ސައެންސްގެ ބައެއް ދިރާސާތަކުގައި އެމެރިކާއަށް ވުރެ ވެސް ބޮޑަށް ރަޝިޔާ ކުރިއަރާފައިވާ ކަމަށް ކަމާބެހޭ އިލްމީ ރިޕޯޓްތައް ބުނެ އެވެ.
ދުނިޔޭގެ ވަށައިގެން ދަތުރުކުރާ އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) އަކީ ފަޒާގެ ދިރާސާތައް ކުރުމަށްޓަކައި އެމެރިކާއާއި ރަޝިޔާ ގުޅިގެން ބިނާކޮށްފައިވާ ބިޔަ ސްޓޭޝަނެކެވެ. ސަތޭކަ ބިލިޔަން އެމެރިކާ ޑޮލަރުގެ އަގުހުރި މިސްޓޭޝަން އެމެރިކާއާއި ރަޝިޔާ ގުޅިގެން ޖައްވުގައި ބިނާކޮށްފައިވީ ނަމަވެސް މިމަޝްރޫޢުގައި އެކި ގޮތްގޮތުން ދުނިޔޭގެ 13 ގައުމެއް ބައިވެރިވެފައިވެ އެވެ. އައިއެސްއެސް އަށް އެސްޓްރޮނޯޓުންނާއި ކާބޯތަކެއްޗާއި ސާމާނާއި އެހެނިހެން ވަސީލަތްތައް ފޮނުވުމަށް މިހާރު ބޭނުންކުރާ ހަމައެކަނި ޖައްވީ އުޅަދަކީ ރަޝިޔާ އުފައްދާފައިވާ "ސެޔޯޒް" ޖައްވީ އުޅަނދެވެ.
އެމެރިކާ ބޭނުންކުރަމުންގެންދިޔަ ޖައްވީ ހުރިހާ އުޅަނދުތަކެއް ބާވެ ހަލާކުވެފައިވާތާ އެތަށް އަހަރެއް ވެފައި ޖައްވީ އެއްވެސް އުޅަނދެއް މިހާރު އެމެރިކާގައި ނެތުމުން އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) އަށް އެސްޓްރޮނޯޓުންނާއި ތަކެތި ފޮނުވުމަށް އެމެރިކާ ވެސް މިހާރު ބޭނުންކުރަމުން ގެންދާ ހަމައެކަނި އުޅަނދަކީ ރަޝިޔާގެ "ސެޔޯޒް" ޖައްވީ އުޅަނދެވެ.
ޔުކްރޭންގެ މައްސަލާގައި ރަޝިޔާއާ ދެކޮޅަށް އެމެރިކާ އެޅި ފިޔަވަޅުތަކުގެ ތެރޭގައި ރަޝިޔާގެ އިގްތިސާދަށް ލޮޅުންއަރާވަރުގެ ހަރުކަށި ފިޔަވަޅުތައް ހިމެނިފައިނުވާތީ ރަޝިޔާގެ ޖައްވީ އުޅަނދު "ސެޔޯޒް"ގެ ބޭނުން ހިފުން އެމެރިކާ އަށް މަނާކުރުމަށް ރަޝިޔާ ނިންމާފައެއްނުވެ އެވެ.
އަނެއްކޮޅުން ރަޝިޔާގެ ބޮޑުވަޒީރުގެ ނައިބު ވިދާޅުވީ ޖޯގްރަފިކަލް ގޮތުން ދުނިޔޭގެ ތަންތަން ދެނެގަތުމަށް ބޭނުންކުރާ އެމެރިކާގެ "ޖީޕީއެސް" ނިޒާމުގެބަދަލުގައި ރަޝިޔާ އިން ގާއިމްކުރަމުންދާ މިފަދަ އެހެން ނިޒާމެއް ކަމަށްވާ "ގްލޮނާސް" ނިޒާމުގެ ސެޓަލައިޓް ތަކަށް ބޭނުންވާ ބިމުގެ ފަސޭހަތައް އެމެރިކާގެ އެތެރެއިން ހޯދުމާބެހޭ ވާހަކަތައް ވަރަށް އަވަހަށް އެމެރިކާ ސަރުކާރާއެކު ފަށާނެ ކަމުގަ އެވެ. މިކަމުގައި އެއްބާރުލުން ދިނުމަށް އެމެރިކާ ދެކޮޅު ހަދައިފިނަމަ އެމެރިކާގެ "ޖީޕީއެސް" ނިޒާމުގެ ސެޓަލައިޓްތަކަށް ބޭނުންވެގެން ރަޝިޔާގެ ތެރެއިން ދީފައިވާ ދާއިމީ ލޮކޭޝަންތަކާއި ފަސޭހަތަކުގެ ބޭނުން އެމެރިކާއަށް ނުހިފޭގޮތް ހަދަންޖެހިދާނެ ކަމުގެ އިންޒާރުރަޝިޔާގެ މަސްއޫލުވެރިޔާ ދެއްވިއެވެ. "ޖީޕީއެސް"ބަދަލުގައި ރަޝިޔާއިން ގާއިމްކުރުމަށް މަސައްކަތްކުރާ "ގްލޮނާސް" ނިޒާމަކީވެސް ގްލޯބަލް ޕޮޒިޝަނިންގް ސިސްޓަމެކެވެ. މިނިޒާމަށް ބޭނުންވާ 15 ސެޓަލައިޓް ރަޝިޔާއިން މިހާރުވަނީ ޖައްވަށް ފޮނުވާފައިވާއިރު އަންނަ ޖޫންމަހުން ފެށިގެން މިނިޒާމުގެ ބޭނުން ހިފަންފަށާނެކަން ރަޝިޔާގެ ފަޒާއާބެހޭ އިދާރާއިން ވަނީ އިއުލާންކޮށްފައެވެ. ރަޝިޔާއާއި އެމެރިކާގެ އިތުރުން ޗައިނާވެސް ގެންދަނީ އެގައުމުގެ އަމިއްލަ ގްލޯބަލް ޕޮޒިޝަނިންގް ސިސްޓަމެއް އެހެން ނަމެއްގައި ގާއިމް ކުރުމަށް މަސައްކަތް ކުރަމުންނެވެ. މިނިޒާމަށް ބޭނުންވާ ސެޓަލައިޓްތައް ޗައިނާ ތައްޔާރުކުރަމުން ގެންދާކަމަށް މައުލޫމާތު ލިބެއެވެ. (ނޫސްއެޖެންސީތައް)