ޖެނީވާ (މޭ 13) : ބަނގުރާ ބުއިމުގެ ސަބަބުން އެވްރެޖްކޮށް އަހަރަކު 3.3 މިލިއަން މީހުން ދުނިޔޭގައި މަރުވާ ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާ (ޑަބްލިޔޫއެޗްއޯ) އިން ބުނެފި އެވެ.

ޑަބްލިޔުއެޗްއޯ އިންނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ އެ ޖަމްއިއްޔާ އަށް ލިބިފައިވާ އެކިގައުމުތަކުގެ މަރާބެހޭ ތަފާސް ހިސާބުތަކަށްބަލާ އިރު ރަލުގެ ސަބަބުން 2012 ވަނަ އަހަރު ދުނިޔޭގައި 3.3 މިލިއަން މީހުން މަރުވެފައިވާކަން ހާމަވާ ކަމުގަ އެވެ. މިއީ ނުރައްކާތެރި ދެބަލި ކަމަށްވާ އެއިޑްސް ބައްޔާއި ކެއްސުންބައްޔާ އަދިބައެއް ގައުމުތަކުގައި ހިނގަމުންދާ ދާޚިލީ ހަމަނުޖެހުންތަކުގައި މަރުވާ މީހުންނާ ގާތްގަނޑަކަށް އެއްވަރުގެ އަދަދެއް ކަމަށް ވެސް އެ ޖަމްއިއްޔާ އިން ބުނެ އެވެ.
ބަނގުރަލުގެ ސަބަބުން ޖެހުނު ބަލިތަކުގައި 2012 ވަނަ އަހަރު 3.3 މިލިޔަން މަރުވެފައިވާ އިރު މިއީ އެ އަހަރު އެކިބަލިތަކުގައި ދުނިޔެ އިން މަރުވި މީހުންގެ 5.9 އިންސައްތަ އެވެ. ދުނިޔޭގެ ހިސާބުތަކަށް ބަލާ އިރު އެއިޑްސް ޖެހިގެން 2012 ވަނަ އަހަރު މަރުވި މީހުންގެ ނިސްބަތަކީ 2.8 އިންސައްތަ އެވެ. ކެއްސުންބަލީގައި މަރުވި މީހުންގެ ނިސްބަތަކީ 1.7 އިންސައްތަ އެވެ. އަދި ދާޚިލީ ހަމަނުޖެހުންތަކުގައި އެ އަހަރު މަރުވި މީހުންގެ ނިސްބަތަކީ 0.9 އިންސައްތަ ކަމަށް ޑަބްލިޔުއެޗްއޯ އިން ނެރެފައިވާ ރިޕޯޓެއްގައިވެ އެވެ.

ޑަބްލިޔުއެޗްއޯގެ އިސްވެރިއެއް ކަމަށްވާ ޝަހާރް ޝަޒީނާ ވިދާޅުވީ މުޅި ދުނިޔެއަށްބަލާ އިރު ބަނގުރާ ބުއިމުގެ ސަބަބުން ސީދާ ގޮތެއްގައި ޖެހޭ ބަލިތަކާއި ނުސީދާ ގޮތެއްގައި ޖެހޭ ބަލިތަކުން މަރުވާ މީހުންނާއި މަސްތުވެފައިވާ ޙާލުގައި ހިންގާ ޖަރީމާތަކުގައި މަރުވާ މީހުންނާއި އެކަމުގެ ސަބަބުން ހިނގާ އެކްސިޑެންޓްތަކުގެ ސަބަބުން މަރުވާމީހުންނަށް ބަލާއިރު ކޮންމެ ދިހަ ސިކުންތަކުން މީހަކު މަރުވާކަމަށް މިކަމާގުޅުންހުރި ތަފާސްހިސާބުތަކުގެ ތަހުލީލުތަކުން ހާމަވަކަމުގަ އެވެ.

ބަނގުރަލުގެ ސަބަބުން އިންސާނުންގެ ސިއްޙަތަށާއި މުޖްތަމައަށް ލިބެމުންދާ ގެއްލުންތަކަކީ މިގެކުރިން އެއާމެދު މާބޮޑަށް އަޅާލާފައިވާ ކަމެއް ކަމަށް ނުވި ނަމަވެސް ހުޅަނގުގެ ގައުމުތަކުގައި ވެސް މިހާރުދަނީ ރަލުގެ ސަބަބުން ލިބޭ ގެއްލުންތައް ދެނެގަތުމުގެ ސިއްހީ އަދި އިޖްތިމާއީ ދިރާސާތައް ކުރަމުން ކަމަށް ކަމާ ބެހޭ އެހެން ރިޕޯޓްތައް ބުނެ އެވެ.

މިގޮތުން ދާދިފަހުން ފަރަންސޭސި ޑޮކްޓަރުންގެ ޓީމަކުން ވަނީ ބަނގުރަލަކީ ދުންފަތަށް ވުރެ ނުރައްކާތެރި އެއްޗެއް ކަމަށް ސިފަކޮށް ދުންފަތުން ލިބޭގެއްލުންތައް އާންމުންނަށް ބުނެދީ ދުންފަތާ ދެކޮޅަށް ހޭލުންތެރި ކުރުވާ ގޮތަށް ބަނގުރަލުގެ ނުރައްކާތައް ބުނެދީ ބަނގުރަލާ ދުރަށްދިޔުމުގެ ލިޔުންތަކާއި ބިލްބޯޑުތައް ފަރަންސޭސިވިލާތުގެ ކަންކޮޅުތަކުގައި ބަހައްޓައި ބަނގުރާ އިޝްތިހާރުކުރުން މަނާކުރުމަށް ފަރަންސޭސި ސަރުކާރަށް ގޮވާލާފަ އެވެ.

ބަނގުރާ ބުއިމުގެ ސަބަބުން ދުއިސައްތަ އަށް ވުރެ ގިނަ ސިއްހީ މައްސަލަތައްކުރިމަތިވާއިރު މީގެ ތެރޭގައި ޗިސްމޭ (ލިވާ) ހަލާކުވުމާއި ހިތާއި ނާރުތަކުގެ ބައްޔާއި އެކިބާވަތުގެ ކެންސަރުހިމެނޭކަމަށް ޑަބްލިޔޫއެޗްއޯގެ ރިޕޯޓް ބުނެ އެވެ. ނަމަވެސް ބަނގުރަލުގެ ސަބަބުން އިންސާނީ މުޖްތަމައަށް ކުރިމަތިވާ މާއްދީ އަދި އިޖްތިމާއީ ގެއްލުންތަކުގެ ތަފާސްހިސާބުތައް މި ރިޕޯޓްގައި ހިމަނާފައެއް ނުވެ އެވެ. (ނޫސްއެޖެންސީތައް)