އޭއެފްސީ ޗެލެންޖް ކަޕަށް ތައްޔާރުވުމުގެ ގޮތުން މިރޭ ލާއޮސްއާ ދެކޮޅަށް ކުޅުނު މެޗުގައި ބޮޑު ތަފާތަކުން، ފަސޭހަކަމާއެކު ރާއްޖެ މޮޅުވެދާނެ ކަމަށް ގަބޫލުކުރެވިފައި ނުވެދާނެ އެވެ. ނަމަވެސް ހަގީގަތަކީ ދަނޑުމަތީގައި ކުޅެން އަރައި 11 ކުޅުންތެރިންނާއި 12 ވަނަ ކުޅުންތެރިޔާއާ އެކު ކޮންމެ ޓީމަކަށް ވެސް ކާމިޔާބު ލިބޭނެ ކަމެވެ.

މިއަދު ރާއްޖޭގެ ގައުމީ ޓީމު ލާއޮސް އަތުން 7-1 ލަނޑުން މޮޅުވުމަކީ ދިވެހިން ފަހުރުވެރިވާން ޖެހޭ ވަރުގެ ނަތީޖާއެކެވެ. ނަމަވެސް ކުރިއަށް އޮތް ބޮޑު މުބާރާތާ މެދު އަޅުގަނޑުމެން އެއްގޮތަކަށް ވެސް ހަނދާން ނައްތާލަކަށް ނުޖެހެ އެވެ. އެއީ ޗެލެންޖް ކަޕެވެ. އެއީ ތަފާތު ފެންވަރުގެ ޓީމުތަކާއި ދެކޮޅަށް ނުކުންނަން ޖެހޭ މުބާރާތެކެވެ. އެ މުބާރާތް ރާއްޖެ ކާމިޔާބުކުރުމުން ދިވެހިންގެ ރަތް ގިރުވާން ކޮޅަށް ޖަހާލައި "މިއީ ޗެމްޕިއަނުން" ނޭ ބުނެވިދާނެ އެވެ.

މެއި 13، 2014: އޭއެފްސީ ޗެލެންޖު ކަޕަށް ތައްޔާރުވުމުގެ ގޮތުން މުބާރާތުގައި ވާދަ ކުރާ ލާއޮސްއާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގައުމީ ސަލާމަށްފަހު، ރެފްރީގެ ކަށިގަނޑުގެ އަޑާއެކު ފެށި މެޗުގެ ވަށައިގެން ބަލައިލާއިރު، ފެންނަނީ އެއް ޖާޒީ އެކެވެ. އެއް ކުލައެކެވެ. އެއް އަޑެކެވެ. އެއީ ގައުމީ ރޫހެވެ. އެއީ ދިވެހި ސަޕޯޓަރުންގެ އަޑެވެ.

މެޗުގެ ފަސް މިނެޓަށް ފަހު، ރާއްޖެއަށް 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުވި "ރަން ލަނޑު" ނުވަތަ "ރަން ފައިގެ" ކުޅުންތެރިޔާ މުހްތާރު ނަސީރު (ޓޫކިލޯ) ގައުމީ ޓީމަށް ކުޅުނު ފަހު މެޗުގައި ރާއްޖެ ތަމްސީލުކޮށްލުމަށް ފަހު، ޝަރަފުވެރި ކަމާއެކު ފޭބުމުން ދިވެހި ސަޕޯޓަރުންގެ ފަރާތުން އޭނާ އަށް ބޮޑު ތަރުހީބެއް ދިނެވެ. ޝަރަފުވެރިކަމާއެކު ޓޫކިލޯ ދަނޑުން ފޭބުމުން ކުޅިވަރާބެހޭ ވަޒީރު މުހައްމަދު މަލީހު އަދި ފުޓްބޯޅަ އެސޯސިއޭޝަނު އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް އިލްހާމް އަހްމަދު އަދި ދައުލަތުގެ އިސްވެރިން އޭނާ އާއި ސަލާމް ކުރި އެވެ.
މެއި 13، 2014: އޭއެފްސީ ޗެލެންޖު ކަޕަށް ތައްޔާރުވުމުގެ ގޮތުން މުބާރާތުގައި ވާދަ ކުރާ ލާއޮސްއާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒު މޫސާ

މެޗުގެ ފުރަތަމަ ލަނޑާއެކު ފޯރީގައި ތިބި ދިވެހި ސަޕޯޓަރުންގެ އަޑު މުޅި ދަނޑު ތެރޭގައި އުތުރިގެން ދިޔައީ މުހައްމަދު އުމެއިރުގެ ބޯޅައަކުން އަހްމަދު ފާސިރު (ސެންޓޭ) ކާމިޔާބުކުރި ލަނޑާއެކު އެވެ. މި ލަނޑުތަކާ އެކު ލާއޮސް ޓީމުން އިތުރަށް މަސައްކަތްކުރަން މަޖުބޫރުވި ނަމަވެސް ފުރަތަމަ ހާފުގައި އެ ޓީމަށް ދިވެހިންގެ ބަންދުވެފައިވާ ގޯލު ހުޅުވާލެވިފައެއް ނުވެ އެވެ.

މެޗުގެ ދެވަނަ ހާފުގައި ރާއްޖެ ޓީމު ހަމަނުޖެހި އުޅެނިކޮށް، ލާއޮސް ޓީމުން ނަތީޖާ ހަމަހަމަކުރި ނަމަވެސް ދިވެހި ސަޕޯޓަރުންގެ ހިތްވަރާ އެކު އޭގެ މިނެޓެއް ފަހުން ރާއްޖެ އިން ލަނޑެއް ޖެހި އެވެ. ލާއޮސް ގޯލްކީޕަރުގެ ބޯ މަތިން ފޮނުވާލި ރީތި ލަނޑު ދިވެހިންނަށް ކާމިޔާބުކޮށްދިނީ ހުސައިން ނިޔާޒު (ބޮކުރީ) އެވެ.

ގައުމީ ކެޕްޓަން، އަޝްފާގު އާންމުކޮށް ހުއްޓުވަން ޖެހެނީ ފައުލެއް ކޮށްގެންނެވެ. މި މެޗުގައި ވެސް ލާއޮސް ޓީމުން ދަގަނޑޭ ހިފަހައްޓަން ޖެހުނީ ފައުލްތަކެއް ކޮށްގެންނެވެ. ގައުމީ ކެޕްޓަން ހުއްޓުވަން އުޅުމުގެ ތެރޭގައި ލާއޮސް ކީޕަރަށް ލިބުނީ ލަނޑެކެވެ. ނަތީޖާއެއްގެ ގޮތުން ރާއްޖެއަށް ޕެނަލްޓީއެއް ލިބިގެންދިޔަ އެވެ. ގާތްގަނޑަކަށް 11،000 ސަޕޯޓަރުންގެ ކުރިމަތީގައި ކާމިޔާބުކުރި ޕެނަލްޓީއާއެކު ދިވެހި ކެޕްޓަނަށް ލިބުނީ އާ ހިތްވަރެކެވެ.

ދިވެހިންގެ ސަޕޯޓަރުންގެ މެދުގައި އޮތް އެއްބައިވަންތަކަން އިތުރުކޮށްދިނީ އެ މީހުންގެ ހިތުތެރޭގައި ރަސްކަން ކުރަމުން އަންނަ ކެޕްޓަން ދަގަނޑޭ އެވެ. ތަޖުރިބާކާރު މިޑްފީލްޑަރު ޝަމްވީލް ގާސިމް (ބޮންޑާ)ގެ ރީތި ހުރަހާއެކު ދަގަނޑޭގެ ފަރާތުން ފެނުނީ އެހާމެ ރީތި ލަނޑެކެވެ.

ވަރުބަލި ކަމެއް ނެތި ކުޅެމުންދިޔަ ރާއްޖެ ޓީމުގެ ފަސްވަނަ ލަނޑު މެޗުގެ 66 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ބޮންޑާ އެވެ. މި ލަނޑު ކާމިޔާބު ކުރީ ދަގަނޑޭގެ ރީތި ހުރަހަކާއެކު ބޮންޑާގެ ހަލުވި ކަމާއެކުގަ އެވެ. ބޮންޑާގެ ލަނޑާއެކު އުފަލުގައި ތިބި ދިވެހިންގެ އުފާވެރިކަން އިތުރުކޮށްދިނީ އިބްރާހިމް ފަޒީލް (އޮއްޕޮ) ގެ ހުރަހުން ހަސަން އަދުހަމް (ސަޑޭ) ގެ ލަނޑުންނެވެ.

ލާއޮސް ޓީމުން އޭއެފްސީ ކަޕުގައި ރަނގަޅު ކުޅުމެއް ދައްކަން ޖެހޭކަމުގެ އިންޒާރެއް ލިބުނީ ރާއްޖޭގެ ހަތް ވަނަ ލަނޑުންނެވެ. މި ލަނޑު ރާއްޖެ އަށް ކާމިޔާބުކޮށްދީ، ދިވެހި ޓީމަށް އޮތް ޔަގީންކަން އިތުރުކޮށްދިނީ ސެންޓޭ އެވެ.

މި ނަތީޖާގެ ސަބަބުން މިއަދު ހުރިހާ ތައުރީފެއް ހައްގު ވަނީ ދިވެހިންނަށެވެ. ދިވެހި ކުޅުންތެރިންނަށެވެ. މެޗުން ރާއްޖެ މޮޅުވީ ކުޅުންތެރިންގެ ހިތްވަރުންނެވެ. ސަޕޯޓަރުންގެ ތަރުހީބުންނެވެ. ނަސީބުގަދަ ގައުމީ ކުލަތަކުންނެވެ.
މެއި 13، 2014: އޭއެފްސީ ޗެލެންޖު ކަޕަށް ތައްޔާރުވުމުގެ ގޮތުން މުބާރާތުގައި ވާދަ ކުރާ ލާއޮސްއާ ދެކޮޅަށް ރާއްޖެ ނުކުތުމުގެ ކުރިން ކުޅުންތެރިން ފޮޓޯއަކަށް ހުއްޓިގެން-- ސަން ފޮޓޯ/ ފަޔާޒު މޫސާ