އެކުވެރިކަމުގެ މެޗުގައި ލާއޮސް އަތުން 7-1 ދިވެހި ޓީމް ހޯދި ބޮޑު ކާމިޔާބީއާ މެދު ހިތް ހަމަޖެހޭ ކަމަށާއި އެ ކާމިޔާބީގެ ސަބަބުން މުބާރާތަށް ޓީމް ނުކުންނައިރު މުޅިން އާ ހިތްވަރެއް ލިބިއްޖެ ކަމަށް ގައުމީ ޓީމުގެ ކޯޗު ޑްރާގޯ މަމިޗް ބުނެފި އެވެ.

މެޗަށްފަހު ދެއްވި އިންޓަވިއުގައި ގައުމީ ކޯޗް ބުނީ، ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަނގަޑޭ) މިއަދު ދެއްކި ކުޅުމާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށާއި މިއަދު ފެނިގެން ދިޔަ ނަތީޖާގެ ސަބަބުން އަންނަ ހޯމަ ދުވަހު ފަށާ ޗެލެންޖް ކަޕަށް މުޅިން އާ ހިތްވަރެއް ލިބިއްޖެ ކަމަށެވެ.

"މިއީ ރަނގަޅު ނަތީޖާއެއް. އަދި ޓީމަށް ލިބުނު އާ ހިތްވަރެއްކަން ފާހަގަަ ކުރަން. މުޅި މެޗުގައި ވެސް އަހަރެންގެ ޓީމުން ދެއްކި ކުޅުމާމެދު ހިތް ހަމަޖެހޭ،" މަމިޗް ބުންޏެވެ.

މަމިޗް ބުނީ، މެޗުގެ ފުރަތަމަ ހާފުގައި ދިވެހި ޓީމުން ދެއްކި ކުޅުމަށްވުރެ، ދެ ވަނަ ހާފުގައި ދެއްކި ކުޅުން މާ ރަނގަޅު ކަމަށެވެ. އަދި ރާއްޖޭ ޓީމުގެ ކޮންމެ ކުޅުންތެރިއަކީ ވެސް ފުރަތަމަ އެގާރައިގައި ހިމެނޭ ކުޅުންތެރިއެއް ކަމަށާއި އެގޮތުން މިރޭ ކުޅެން ނުކުތް ހުރިހާ ކުޅުންތެރިންނާ މެދު ވެސް ހިތްހަމަޖެހޭ ކަމަށް ކޯޗު ބުންޏެވެ.

"ޓީމުގެ ކޮންމެ ކުޅުންތެރިއަކީ ވެސް ފުރަތަމަ 11 އިން ޖާގަ ލިބެނެ ކުޅުންތެރިއެއް. މިރޭ ފެނުނު ފުރަތަމަ 11 އަށް ކުރިއަށް އޮތް މެޗުގައި ބަދަލެއް އައުން ވަރަށް ކައިރި،" މަމިޗް ބުންޏެވެ.

ކޯޗް ބުނީ، އަލީ ފާސިރު ސެންޓޭއަށް މިރޭ ލިބުނު އަނިޔާއަކީ ސީރިއަށް އަނިޔާއެއް ނޫން ކަމަށާއި އަދި ޓީމުގެ ސީރިއަސް އަނިޔާއެއް ލިބިފައިވާ އެއްވެސް ކުޅުންތެރިއަކު ނެތް ކަމަށެވެ.

މިރޭ ލާއޮސް ކުޅުމަށް ރާއްޖޭގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އާއި އަލީ ފާސިރު (ސެންޓޭ) ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖެހިއިރު، އަނެއް ތިން ލަނޑު ކާމިޔާބުކޮށްދިން ކުޅުންތެރިންނަކީ ޝަމްވީލް ގާސިމް (ބޮންޑާ) އާއި މުހައްމަދު ހުސެއިން ނިޔާޒް (ބޮކުރީ) އަދި ހަސަން އަދުހަމް (ސަޑޭ) އެވެ.

އޭއެފްސީ ޗެލެންޖް ކަޕް ހުޅުވާ މެޗުގައި މި މަހުގެ 19 ވަނަ ދުވަހުގެ ރޭ 9:00 ގައި ބައްދަލުކުރާނީ ރާއްޖެ އާއި މިޔަންމާ އެވެ. އަދި އެ ދުވަހުގެ ހަވީރު 4:00 ގައި ބައްދަލުކުރާނީ ފަލަސްތީނާއި ކިރްކިސްތާނެވެ. މުބާރާތުގައި ރާއްޖެ ވާދަކުރާ ދެ ވަނަ މެޗުގައި މިމަހުގެ 21 ވަނަ ދުވަހުގެ ރޭ 9:00ގައި ނިކުންނާނީ، ކިރްގިސްތާނާ ދެކޮޅަށެވެ. އަދި ގްރޫޕް ސްޓޭޖްގައި ރާއްޖެ ކުޅޭ ފަހު މެޗުގައި މިމަހު 23 ވަނަ ދުވަހުގެ ރޭ 9:00 ގައި ނުކުންނާނީ ފަލަސްތީނާ ދެކޮޅަށެވެ.