ގައުމީ ޖާޒީ ބޭލިޔަސް، ދިވެހި ފުޓްބޯޅަ ކުރިއެރުވުމުގައި އަބަދުވެސް ދެމިހުންނާނަން ކަމަށް ރާއްޖޭގެ ގައުމީ ޓީމަށް މިހާތަނަށް ރަން މެޑަލް ލިބުނު ހަމަ އެކަނި މުބާރާތް ކަމަށްވާ، ސާފް ޗެމްޕިއަންޝިޕް 2008 ވަނަ އަހަރުގެ ތަށި ރާއްޖެއަށް އުފުލާލުމުގެ އުފާވެރި ވަގުތުކޮޅު ގެނެސްދިން ތާރީޚީ ލަނޑު އިންޑިއާ ކޮޅަށް ޖަހައިދިން ކުޅުންތެރިޔާ މުހުތާރު ނަސީރު (ޓޫކިލޯ) ބުނެފި އެވެ.

ޓޫކިލޯ މިރޭ ގައުމީ ޓީމަށް ކުޅުން ހުއްޓާލި އިރު، އޭނާ އަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ދޭ އެންމެ މަތީ ޝަރަފް ކަމަށްވާ ރަން ފިލާ ވަނީ ދީފަ އެވެ. އަދި މިރޭ ޓޫކިލޯ ދަނޑުން ފައިބައިން އާ ވަގުތު، ދަނޑަށް ވަދެ ތި އެތަކެއް ހާސް ދިވެހި ރައްޔިތުން ޓޫކިލޯއަށް ވަނީ ވަރަށް ހޫނު ތަރުހީބެއް ދީފަ އެވެ. އަދި ޓޫކިލޯ ވަނީ އޭނާ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި އިންޑިއާ ކޮޅަށް ލަނޑު ޖެހިއިރު، އޭނާ ލައިގެން ހުރި 23 ނަމްބަރު ޖާޒީ އެފްއޭއެމްގެ ރައީސްއާ ހަވާލުކޮށްފަ އެވެ.

ޗެލެންޖް ކަޕަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ގައުމީ ޓީމް މިރޭ ލާއޮސްއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ޓޫކިލޯ ބުނީ، މިއަދަކީ ތާރީހީ ދުވަހެއް ކަމަށާއި މިއަދުގެ ހަނދާންތައް ދުވަހަކު ވެސް ހިތުން ނުފިލާނެ ކަމަށެވެ. އަދި ގައުމީ ޖާޒީ މިރޭ ބޭލި ކަމުގައި ވިޔަސް ކުރިއަށް އޮތް ޗެލެންޖް ކަޕުގައި ދިވެހި ޓީމަށް ކާމިޔާބު ހޯދާދިނުމަށާއި ޓީމަށް ހިތް ވަރު ދިނުމުގެ ގޮތުން، ޓީމުގެ 12 ވަނަ ކުޅުންތެރިއާ ގޮތުގައި ދެމިހުންނާނެ ކަމަށް ވެސް ޓޫކިލޯ ބުންޏެވެ.

"ގައުމީ ޓީމަށް ކުޅޭ އެންމެ ފަހު މެޗުގައި ފަސް މިނިޓު ކުޅެލުމަށް ލިބުމުން ވެސް ވަރަށް އުފާވެއްޖެ. ގާއުމީ ޖާޒީ ބޭލުމުން ވަރަށް ދެރަވޭ. އެކަމަކު ހާލަތު ނިޔާކުރާ ގޮތުން މިއަދު ޖެހުނީ ގައުމީ ޖާޒީ ބާލަން. ގާއުމީ ޖާޒީ ބޭލި ކަމުގައި ވިޔަސް، ދިވެހި ފުޓްބޯޅަ ކުރިއެރުވުމުގައި ދެމިހުންނާން،" ޓޫކިލޯ ބުންޏެވެ.

ޓޫކިލޯ ބުނީ، ފުޓްބޯޅައިގެ ހަޔާތުގައި އޭނާއަށް ސަޕޯޓް ކޮށްދިން ދިވެހި އެންމެހާ ރަތްޔިތުންނަށާއި ހާއްސަކޮށް ދިވެހި ގައުމީ ޓީމުގެ އެންމެހާ ކުޅުންތެރިންނަށް ޝުކުރު އަދާ ކުރާ ކަމަށެވެ. އަދި އެފްއޭއެމްގެ އިސްވެރިންނަށް ނުހަނު އިހްލާސްތެރި ކަމާއެކު ފާއިތުވި އަހަރުތަކުގައި ދެއްވި އެއްބާރުލުމަށް، އެ އިދާރާގެ އެންމެހާ ވެރިންނަށް ވެސް ޝުކުރު ދަންނަވާ ކަމަށް ޓޫކިލޯ ބުންޏެވެ.

ގައުމީ ޓީމަށް ޓޫކިލޯ ކުޅުނު އެންމެ ފަހު މެޗުގައި އޭނާ ދަނޑުން ފޭބުމުން ކުޅިވަރާބެހޭ ވަޒީ މުހައްމަދު މަލީހު ޖަމާލް އާއި އެފްއޭއެމްގެ ރައީސް އިލްހާމްގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހިމާއެކު ދައުލަތުގެ އިސް ވެރިން ވަނީ ޓޫކިލޯއަށް މަރުހާބާ ދަންނަވައި އޭނާއަށް ޝުކުރު އަދާކޮށްފަ އެވެ.