13 May 2014, 22:58
އަމިއްލަ ފަރުދުންގެ ވިޔަފާރި ބިލާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ބިލުގެ އިތުރުން ރާއްޖޭގެ ބިމާ ބެހޭ ގާނޫނަށް ތިން ވަނަ އިސްލާޙު ގެނައުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީގު ކުރައްވައިފި އެވެ.
މިދިޔަ އޭޕްރީލް މަހުގެ 27ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ އަށް ވަނަ ޖަލްސާ އިން ފާސްކުރެއްވި "އަމިއްލަ ފަރުދުންގެ ވިޔަފާރި ބިލު" އާއި، "ވިޔަފާރި ރަޖިސްޓަރީކުރުމުގެ ބިލު" އާއި، ދިވެހި ރާއްޖޭގެ ބިމާބެހޭ ޤާނޫނަށް ތިން ވަނަ އިސްލާޙު ގެނައުމުގެ ބިލު ރައީސް ޔާމީން މިއަދު ތަސްދީގު ކުރެއްވުމާ ގުޅިގެން، އެ ތިން ގާނޫނު، ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިރުކޮށްފައިވެ އެވެ.
އަމިއްލަ ފަރުދުންގެ ވިޔަފާރި ގާނޫނަކީ، ދިވެހި ރާއްޖޭގައި ހިންގާ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީކުރުމާއި ކަމާގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ.
ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނަކީ، ދިވެހިރާއްޖޭގައި ވިޔަފާރި ހިންގޭނީ، އެ ގާނޫނުގައި ބަޔާންކުރާ ވިޔަފާރި ތަންތަނުގެ ތެރެއިން ތަނެއްގެ ގޮތުގައި ރަޖިސްޓަރީކޮށްގެން ކަމުގައި ކަނޑައަޅައި އެތަންތަނުގެ ދަށުން ހިންގާ ވިޔަފާރިތައް ރަޖިސްޓަރީކުރުން ލާޒިމުކޮށް، ކަމާގުޅޭ އެންމެހައި އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ.
ބިމާ ބެހޭ ގާނޫނަށް އިސްލާޙު ގެނައުމުގެ ދެވަނަ ބިލެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައި، ތަސްދީގު ކުރެއްވުމަށް ރައީސްގެ އަރިހަށް ފޮނުއްވާފައިވެ އެވެ. އޭގެ ތެރެއިން އެއް ބިލު މިއަދު ރައީސް ތަސްދީގު ކުރެއްވުމަށް ފަހު އަނެއް ބިލުވަނީ ތަސްދީގު ނުކުރައްވައި، އަލުން މަޖިލީހަށް އަނބުރާ ފޮނުއްވާލާފަ އެވެ.