މި އަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހު ޖުވެނައިލް ކޯޓަށް އެންމެ ގިނައިން ހުށަހެޅިފައި ވަނީ މަސްތުވަތަކެތީގެ މައްސަލަތައް ކަމަށް އެކޯޓުގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ޖުވެނައިލް ކޯޓުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ހުށަހެޅިފައި ވަނީ 38 މައްސަލަ އެވެ. އަދި މިދިޔަ އަހަރު ނިމުނު އިރު ނުނިމި ހުރި 24 މައްސަލައާއެކު ޖުމްލަ 62 މައްސަލައިގެ ޝަރީއަތް ހިންގާފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

މަސްތުވާތަކެތި ބޭނުންކުރުގެ މައްސަލަތަކާއި މަސްތުވާތަކެތީގެ ވިޔަފާރީގެ މައްސަލަތަކާއި މަސްތުވާތަކެތި އަތުގައި ބެހެއްޓުމުގެ 18 މައްސަލައެއް ހުށަހެޅިފައިވާއިރު، ކުޑަކަމުދާ ތަކެތި ދިނުމަށް އިންކާރުކުރުމުގެ ހަތަރު މައްސަލައެއް ހުށަހެޅިފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ. އަދި އަމުރަށް ނުކިޔަމަންތެރިވުމުގެގެ ދެ މައްސަލައެއްގެ ޝަރީއަތް ޖުވެނައިލް ކޯޓުން ހިންގާފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.

މިއަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް 35 މައްސަލައެއް އެ ކޯޓުން ނިންމާފައިވާއިރު، އޭގެތެރޭގައި ޓެރަރިޒަމްގެ ދެ މައްސަލަ އަކާއި މަސްތުވާތަކެތި ބޭނުންކުރުމާއި، މަސްތުވާތަކެތީގެ ވިޔަފާރީގެ މައްސަލަތަކާއި މަސްތުވާތަކެތި އަތުގައި ބެހެއްޓުމުގެ 20 މައްސަލައެއް ނިންމާފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ. އަދި ވައްކަމުގެ ދެ މައްސަލައަކާއި ކުޑަކަމުދާ ތަކެތި ދިނުމަށް އިންކާރުކުރުމުގެ ހަތަރު މައްސަލައަކާއި އަމުރަށް ނުކިޔަމަންތެރިވުމާއި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމުގެ ހަތަރު މައްސަލައެއް ނިންމާފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.

ޖުވެނައިލް ކޯޓުން ބުނީ މިހާރު ކޯޓުގައި ނުނިމި ހުރީ ޖުމްލަ 27 މައްސަލަ ކަމަށެވެ.

ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ ކުދިންގެ ބަންދާމެދު ގޮތެއްނިންމުމަށްޓަކައި ޖުވެނައިލް ކޯޓަށް ހުށަހެޅުނު މައްސަލަތަކުގެ ތަފާސްހި ސާބުތަކަށް ބަލައިލާއިރު، ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި 283 މައްސަލަ ވަނީ ހުށަހެޅިފަ އެވެ.

ކުށްކުރާ ކުޑަކުދިން އިސްލާޙުކޮށް އަނބުރާ މުޖުތަމައަށް ގެނައުމަށްޓަކައި ޖުވެނައިލް ކޯޓުން ކުރިއަށް ގެންދާ އިސްލާހީ ޕްރޮގްރާމުގައި ބައިވެރިވުމަށް ނުވަ ކުއްޖަކު މިއަހަރުގެ މިހާތަނަށް ހުށަހަޅާފައުވާ ކަމަށް އެ ކޯޓުން ބުންޏެވެ.

އޭގެތެރޭގައި މަސްތުވާތަކެއްޗާ ބަނގުރާއާއި ގުޅުންހުރި ދެ ކުއްޖަކާއި ބަދުއަޚްލާގީ މައްސަލައެއްގައި ހިމެނޭ އެއް ކުއްޖަކާއި ވައްކަންކުރުމުގެ ކުށުގެ މައްސަލައެއްގައި ހިމެނޭ ހަތަރު ކުއްޖަކާއި ޓެރަރިޒަމްގެ މައްސަލައެއްގައި ހިމެނޭ ދެ ކުއްޖަކު ހިމެނޭ ކަމަށް އެ ކޯޓުން ބުންޏެވެ.

ޖުވެނައިލް ކޯޓުން ބުނީ އިސްލާހީ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ދިނުމާ ގުޅޭގޮތުން މިއަހަރުގެ މިހާތަނަށް 23 ބައްދަލުވުމެއް ބާއްވައި، އެއްކުއްޖަކަށް އެ ފުރުސަތު ދިނުމަށް ނިންމާފައިވާ ކަމަށެވެ.