13 May 2014, 19:52
2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ތަށި ދިވެހި ގައުމީ ޓީމު އުފުލައިލައި ދިވެހި ގައުމުގެ ކަރުގައި އުފާވެރިކަމާއި ފަޚުރުވެރިކަމުގެ ހާރު އަޅުވައިލަދިން އިރު ސްރީލަންކާގެ ސުގަތަދާސަ ސްޓޭޑިމް އެއްކޮށް އޮތީ ރަތްވެފަ އެވެ. ސަރަހައްދީ ފުޓްބޯޅައިގެ އެންމެ ގަދަ އެއްބާރު ކަމަށްވާ، އަދި ދުނިޔޭގެ ދެވަނައަށް އެންމެ އާބާދީ ވެސް ބޮޑު ގަދަފަދަ އިންޑިއާ އާއި އެކު ފައިނަލު މެޗުގައި ރާއްޖެ ކުޅުނުއިރު، ސްޓޭޑިއަމް އޮތީ ދިވެހި ވެފަ އެވެ. މުޅި ސްޓޭޑިއަމް އޮތީ ދިވެހި ގައުމީ ކުލަތަކުން އެއްކުލަ ވެފަ އެވެ. ހުދާއި ރަތާއި ފެއްސެވެ. ލަންކާގެ ސުގަތަދާސަ ސްޓޭޑިއަމް އަށް އެތައް ސަތޭކަ ދިވެހީންނެއް ވަދެ ތިބީ ދިވެހި ގައުމީ ޓީމުގެ ރަތް ޖޯޒީ ލައިގެނެވެ.
މީ އޭގެ ހައެއްކަ އަހަރު ފަހެވެ. މި ފަހަރު ޗެލެންޖު ކަޕުގެ ހުރިހާ މެޗެއް ކުޅޭން ހަމަޖެހިފައި މި އޮތީ ރާއްޖޭގަ އެވެ. މާލެ އާއި އައްޑޫގަ އެވެ. މުބާރާތް ފެށެން އެންމެ ހަތަރު ދުވަހަށް ވީ އެވެ. ހުރިހާ ކަމެއް މިއޮތީ ދިވެހީންނަށް ފަހިކޮށެވެ. އެކަމަކު ގައުމީ ޓީމުގެ ޖޯޒީއެއް ލައިގެން އުޅޭ މީހަކު ނުފެނެއެވެ. ގައުމީ ޓީމާ އެކު ހުރިހާ ދިވެހީން ތިބެންވީ ވަގުތު އައިސް ޖެހުނު އިރު ޓީމުގެ ޖޯޒީ ފަސޭހައިން ލިބޭނެ ގޮތެއް ނެތެވެ. ގައުމީ ޓީމުގެ ފަޚުރުވެރި ޖޯޒީއެއް ލާން ހިތް އެދުނަސް އަގުތައް ހުރީ އެންމެ ހިތްފަސޭހަ ހިސާބުގައޭ ބުނެވޭކަށް ނެތެވެ. އާއިލާގެ 10 ވަރަކަށް މެންބަރުންނަށް ޖޯޒީ ގަނެލާ އިރު ހަތަރެއް ނުވަތަ ފަސް ހާސް ރުފިޔާ ޚަރަދު ވުމަކީ ގައުމީ ޓީމުގެ ޖޯޒީ ލާން ބޭނުންވާ އިރު އެކަމަށް އޮތް ހުރަހެއް ކަމަށް ބުނެވޭނެ ޖާގަ އެބަ އޮތެވެ.
ގައުމީ ޓީމުގެ ޖޯޒީގެ އަގު މަތިވެގެން މި އުޅެނީ ކީއްވެގެން ހެއްޔެވެ؟ އެފްއޭއެމް އިން ބުނާ ގޮތުގައި ގައުމީ ޓީމުގެ ރަސްމީ ޖޯޒީ ހަދައި ވިއްކުމުގެ ހުއްދަ އޮތީ ސޮނީ ސްޕޯޓްސް އަށް އެކަންޏެވެ. އެއީ އެފްއޭއެމްގެ ނިމިގެން ދިޔަ ދައުރުގައި ހަދާފައި އޮތް އެއްބަސްވުމެއްގެ ދަށުން އެކަން އޮތްގޮތް ކަމަށްވެ އެވެ. އެހެން ކަމުން އެހެން ބަޔަކަށް އެފްއޭއެމްގެ ލޯގޯ ޖަހައިގެން ގައުމީ ޓީމުގެ ޖޯޒީ އެ ގޮތަށް ހަދައިގެން ނުވިއްކޭނެ ކަމަށް އެފްއޭއެމް އިން ބުނެ އެވެ.
ގައުމީ ޓީމުގެ ޖޯޒީއެއް ސޮނީ ސްޕޯޓްސް އިން ލިބެން ހުރީ 300 އާއި 500 ރުފިޔާ އާއި ދެމެދުގެ އަގުތަކެއްގަ އެވެ. އެކި ސައިޒުގެ ޖޯޒީ ތަކަށް އަގު ތަފާތުވެ އެވެ.
މާލޭގައި އާންމު ގޮތެއްގައި މި ފަދަ ޚާއްސަ މުނާސަބާތަކާ ގުޅިގެން ޖޯޒީ ހަދައިގެން ވިއްކާ ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ގައުމީ ޓީމުގެ ޖޯޒީ އަގުހެޔޮކޮށް ވިއްކަން ބޭނުންވި ނަމަވެސް އެ މީހުނަށް އެކަން ކުރެވޭނެ ގޮތެއް މިފަހަރަކު ނެތެވެ. އެއީ އެފްއޭއެމްގެ ލޯގޯ ބޭނުންކުރުމުގެ ހުއްދަ ނުލިބޭތީ ކަމަށް އެމީހުން ބުނެ އެވެ.
"އަހަރެމެން ހަމަ ރަނގަޅު ކޮލިޓީ ފޮތީގައި ގައުމީ ޓީމުގެ ރަތް ޖޯޒީ ހަދައިގެން ނެރެން ބޭނުންވި. އެކަމަށް އެފްއޭއެމްއާ ވާހަކަވެސް ދެއްކިން. އެކަމަކު އެމީހުން ބުނީ އެފްއޭއެމްގެ ލޯގޯ ބޭނުން ނުކުރެވޭނެ ކަމަށް،" ރާއްޖޭގައި މިފަދަ ވިޔަފާރީގައި ނަން މަޝްހޫރު ކުންފުންޏަކުން ބުންޏެވެ.
ބައެއް ފަރާތްތަކުން ބުނީ ގައުމީ ޓީމުގެ ޖޯޒީ ސީދާ އެ ގޮތަށް ނުހެދުނު ނަމަވެސް ސަޕޯޓަރުންނަށް ޚާއްސަކޮށްގެން ރަތް ޖޯޒީ ބާޒާރަށް ނެރޭނެ ކަމަށެވެ. އެ ގޮތުން އެ ޖޯޒީތައް 175 އާއި 250 އާއި ދެމެދުގައި ލިބޭނެ ކަމަށް ވެސް އެ މީހުން ބުންޏެވެ.
ކޮންމެ ގޮތެއް ވިޔަސް ފާހަގަކޮށްލަން ޖެހޭ ކަމަކީ މުބާރާތަށް ތިން ހަތަރު ދުވަހަށްވީ އިރު، ގައުމުގައި ފޯރި ހިފަންވީ ވަރަށް ނުހިފާ ކަމެވެ. ގައުމީ ޓީމުގެ ޖޯޒީ ލައިގެން ގިނަ ބަޔަކު އުޅޭން ބޭނުންވާ އިރު އަގުތައް ހުރީ އެކަން ކުރެވޭ ހިސާބުގައި ނޫން ކަމެވެ. މި ވަގުތު މުހިންމީ ވީހާ ވެސް ގިނަ ބަޔަކަށް ގައުމީ ޓީމުގެ ޖޯޒީ ލިބުން ކަމެވެ. އަގު ހެޔޮކޮށް ޖޯޒީ ވިއްކައިގެން ގިނަ ބަޔަކަށް އެ ގަނެވޭނެ ފުރުސަތު ފަހިކޮށްދިނުން ކަމެވެ. ގައުމުގައި ގައުމީ ޓީމުގެ ފޯރި ޖެއްސޭނީ އަތްފޯރާ ފަށަށް ޖޯޒީގެ އަގުތައް ވެސް އައިސްގެން ކަމެވެ.