ދައުލަތުގެ މުސާރަ ކަނޑައެޅުމާއި މުސާރައިގެ ކުރިއެރުން ދިނުމާއި އިނާޔަތްތައް ދެވޭނެ މިންގަނޑުތައް ކަނޑައެޅުމަށް ނެޝަނަލް ޕޭ ކޮމިޝަން (އެންޕީސީ) އުފެއްދުމަށް ބަޔާންކުރާ ބިލު، މަޖިލީހުން ފާސްކޮށް ތަސްދީގު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވުމުން އެ ބިލު ތިން ވަނަ ފަހަރަށް އަނބުރާ މަޖިލީހަށް ފޮނުވާލައިފި އެވެ.

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި އެ ބިލު ދެ ފަހަރެއްގެ މަތިން މަޖިލީހުން ފާސްކޮށް ތަސްދީގު ކުރުމަށް ފޮނުވުން، އެ ބިލު އަނބުރާ ފޮނުވާލީ މަޖިލީހަށެވެ.

ރައީސް ޔާމިން އެ ބިލު އަނބުރާ މަޖިލީހަށް ފޮނުއްވާލެއްވި ސަބަބެއް ކަމަށް ރައީސް އޮފީހުން ބުނީ އެ ބިލު އިސްލާހު ގެންނަންޖެހޭ ކަމަށް އެޓާނީ ޖެނަރަލް (އޭޖީ) ލަފާ ދެއްވާފައިވާ ކަމަށާއި އޭޖީގެ ލަފާގެ މަތިން ތަސްދީގު ނުކުރެއްވީ ކަމަށެވެ.

"މި ބިލާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ‏‏ޢަބްދުﷲ ޝާހިދަށް ފޮނުއްވި ސިޓީފުޅުގައި، މި ބިލަށް އެޓާނީ ޖެނެރަލްގެ ގާނޫނީ ލަފާ ހޯއްދެވުމަށް ‏‏ފޮނުއްވުމުން، ބިލާ ގުޅޭގޮތުން އެޓަރނީޖެނެރަލް ފާހަގަކުރެއްވި މައްސަލަތަކަށް ތަފްޞީލުކޮށް ‏‏ބައްލަވާލައްވާފައިވެ އެވެ. އަދި އެޓާނީ ޖެނެރަލް ފާހަގަކުރައްވާފައިވާ މައްސަލަތަކަށް ރިޢާޔަތް ‏‏ކުރައްވައި، މި ބިލަށް އިޞްލާޙު ގެންނަވަން ފެނިވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ‏‏ވިދާޅުވެފައިވެ އެވެ،" ރައީސް އޮފީހުގެ ވެބްސައިޓުގައިވެ އެވެ.

ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ބިލުގައިވާ ގޮތުން ދައުލަތުގެ މުސާރަ ކަނޑައެޅުމާއި މުސާރައިގެ ކުރިއެރުން ދިނުމާއި އިނާޔަތްތައް ދެވޭނެ މިންގަނޑުތައް ކަނޑައެޅުމަށްޓަކައި ޕޭ ކޮމިޝަނެއް އުފައްދަން ޖެހެ އެވެ. ޕޭ ކޮމިޝަނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނެކެވެ. އަދި އެ ކޮމިޝަންގެ ރައީސްއަކަށް އަޔަން ކުރަންވާނީ ފިނޭންސް މިނިސްޓަރަކަށް ހުންނަވާ ބޭފުޅެއް ކަމަށާއި ކޮމިޝަންގެ އައްޔަން ކުރާ ފަސް މެންބަރުން ވެސް މަގާމުގައި ދެމިތިއްބަވާނީ ފަސް އަހަރު ދުވަހަށެވެ. ފަސް މެމްބަރުންގެ ތެރެއިން ރައީސާއި ނައިބު ރައީސް ފިޔަވައި އެހެން މެމްބަރުންނަކީ ޕާޓްޓައިމް އުސޫލުން މަސައްކަތް ކުރާ މެންބަރުން ކަމަށް ބިލުގައި ބަޔާން ކުރެ އެވެ. އެ ކޮމިޝަންގެ މެންބަރުންނަށް މުސާރަ ކަނޑައަޅުއް ވާނީ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ.

ޕޭ ކޮމިޝަންގެ މެންބަރަކު ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީވެފައި އޮތަސް، އެ ޕާޓީއެއްގެ އެއްވެސް މަގާމެއް ފުރައިގެން ނުވާނެ ކަމަށާއި ރިޝްވަތުގެ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ވެގެން ނުވާނެ ކަމަށް ބިލުގައިވެ އެވެ.

ހަތާވީސް މާއްދާއެއްގެ މައްޗަށް އެކުލެވޭ ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ބިލުގައިވާ ގޮތުން ދައުލަތުގެ މުވައްޒަފުންގެ މުސާރަ ކަނޑައެޅުމުގައި "ކޮންސިއުމާ ޕްރައިސް އިންޑެކްސް"އާ ވަޒަން ހަމަ ކުރާ މުސާރައެއް ކަނޑައަޅަންވާނެ އެވެ. އަދި އިންފްލޭޝަނަށް އިންޑެކްސް ކުރެވޭ މުސާރައަކަށް ދައުލަތުގެ މުސާރަ ވާން ޖެހޭނެ ކަމަށާއި މުވައްޒަފުންގެ ދިރިއުޅުމުގެ ފެންވަރު ހިފަހައްޓައިދޭ އަދި މަތިކޮށްދިނުމަށް އެހީތެރިވެދޭ މުސާރައަކަށް ވާންޖެހޭނެ ކަމަށް ބުނެފައިވެ އެވެ.

ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު 2011 އަހަރު މަޖިލީހަށް ހުށަހެޅުއްވި މުސާރައިގެ ސިޔާސަތުގެ ބިލުގެ 18 ވަނަ މާއްދާގައިވާ ގޮތުން މުސާރައިގެ ސިޔާސަތުތަކާ ގުޅިގެން ކޮމިޝަނުން ނިންމާ ނިންމުންތަކަށް އަމަލު ކުރާނީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތަކަށެވެ.