30 Dec 2010, 04:38
16:00- އަޑުގަދަކުރަމުން ދިޔަ މީހުން މުޒާހަރާ ނިންމާލައިފި އެވެ.
13:59- މެންބަރު މަހުލޫފާއި އަލީ ވަހީދު ޑިޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ރިޝްވާން މަޖިލީހުގެ ގޭޓް ކުރިމަތީގައި ހޫނުކޮށް ޒުވާބު ކުރަމުން އެބަދެ އެވެ. އަލީ ވަހީދާއި މަހުލޫފު ބުނަމުން ދަނީ އެއްވެފައިވާ މީހުން ފޮނުވާލުމަށެވެ. ފޮނުވާ ނުލެވިގެން އުޅެނީ ކީއްވެގެންތޯ ވެސް ސުވާލު ކުރަމުން އެބަދެ އެވެ.
13:58- ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދު އާމިރުގެ ހަށިކޮޅަށް ނުރުހުން ފާޅުކުރަމުން ދިޔަ މީހުން ފެނާއި ވެލި ޖަހައިފި އެވެ.
13:54- ނުރުހުން ފާޅުކުރަމުން ދިޔަ ބަޔަކު އައިސްކޯން ރެސްޓޯރެންޓް ތެރޭ ތިއްބެވި މަޖިލިސް މެމްބަރުންތަކަކާ ދިމާއަށް ހަޑިހުތުރު ބަހުން އެއްޗެހި ގޮވައި އަޑުގަދަކުރަމުން އެބަދެ އެވެ. އެކަން ކޮންޓްރޯލްކުރުމަށް ފުލުހުން ރެސްޓޯރެންޓް ތެރެއަށް ވަދެއްޖެ އެވެ.
13:45- ދަރުމަވަންތަ ސްކޫލް ފުރަގަހުގައި ތިބެ މުޒާހަރާކުރުމަށް ބައިވެރިންނަށް އިލްތިމާސްކުރުމަށްފަހު ފުލުހުން އެ ސަރަހައްދުން ދިޔުމުން، އަނެއްކާވެސް އެއްވެ ތިބި މީހުން މަޖިލިސް ކައިރިއަށް އެއްވެއްޖެ އެވެ.
12:55- މަޖިލިސް ކައިރިއަށް އެއްވެ، އެކި ތަންތަނުގައި އަޑުގަދަކުރަމުންދިޔަ މީހުން ދަރުމަވަންތަ ސްކޫލް ފުރަގަހަށް ފުލުހުން ޖަމާކޮށްފި އެވެ. އެ ސަރަހައްދުގައި ތިބެގެން އަޑުގަދަކުރިޔަސް މައްސަލައެއް ނެތް ކަމަށް ފުލުހުން ދަނީ ބުނަމުންނެވެ.
12:10- މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާ ނިންމާލައިފި އެވެ. އެ ޖަލްސާއާ އެކު މިއަހަރުގެ މަޖިލީހުގެ ފަހު ދައުރު ވަނީ ނިންމާލައިފަ އެވެ.
މަޖިލިސް ޖަލްސާ ހުއްޓާލީ މިހާރު ކުރިއަށްދާ މުޒާހަރާއާ ގުޅިގެން ތަޅުން ހޫނުވެ، މެމްބަރުން އަޑުގަދަކުރައްވަމުން ގެންދަވަނިކޮށެވެ.
12:09- ޓްރޭޑާސް ހޮޓެލް ކައިރީ މުޒާހަރާކުރަމުންދާ މީހުންގެ ތެރެއިން ފަހަރަކު ފަސް މީހުން ފުލުހުންގެ ބެލުމުގެ ދަށުން މަޖީދިއްޔާ ކައިރިއަށް އެބަގެންދެ އެވެ. ފުލުހުން ބުނަނީ މަޖީދިއްޔާ ކައިރީ މުޒާހަރާ ކުރިއަސް މައްސަލައެއް ނެތް ކަމަށެވެ.
12:08- މުޒާހަރާއާ ގުޅިގެން މަޖިލިސްގެ ތަޅުން ހޫނުވެ، މެމްބަރުން ފުލުފުލުން ނިޒާމީ ނުކުތާ ނަންގަވައި، މަޖިލިސް ސެކިއުރިޓީ ވަރުގަދަކުރުމަށް ގޮވާލަމުން އެބަގެންދަވަ އެވެ.
12:02- ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޝްވާން މަޖިލިސް ދޮށަށް ވަޑައިގެން މުޒާހަރާގެ ބައިވެރިންނާ ވާހަކަދެއްކެވުމަށްފަހު މަޖީދިއްޔާއާ ހިސާބަށް މުޒާހަރާ ފަހަތަށް ޖައްސައިފި އެވެ.
12:00- ހެލްތު މިނިސްޓްރީގެ ހުރިހާ މުވައްޒަފުންތަކެއް ރައްޔިތުންގެ މަޖިލީސް އާ ދެކޮޅަށް ކުރާ މުޒާހަރާގައި ބައިވެރިވުމަށް އޮފީސް ދޫކޮށް، ނައްޓާލައިފި އެވެ. އެއީ ސިވިލް ސާވަންޓުންގެ މުސާރައިގެ މައްސަލައިގައި ހިތްހަމަނުޖެހިގެންނެވެ.
11:57- ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މިއަދު މަޖިލީހަށް ވަޑައިގަންނަވަން އުޅުއްވިއިރު، މުޒާހަރާގެ ބައިވެރިން އެ މެމްބަރުންނަށް ހުރަސްއެޅުއްވި މައްސަލަ ބައްލަވާ، ފިޔަވަޅު އަޅުއްވާނެ ކަމަށް މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ޝާހިދު ވިދާޅުވީ، އެ މުއައްސަސާ ހިމާޔަތްކުރައްވަން ކުރަން ޖެހިވަޑައިގަންނަވާ ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ.
11:50- ޓްރޭޑާސް ހޮޓެލް ކައިރިއަށް ޖަމާވެފައިވާ ގިނަ އަދަދެއްގެ މީހުން މުޒާހަރާ ވަރުގަދަކޮށްފައި ވަނިކޮށް ޑިޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ރިޝްވާން މުޒާހަރާގެ ބައިވެރިންގެ ތެރެއަށް ވަދެވަޑައިގެން ވާހަކަފުޅު ދެއްކެވުމަށް އެބަ މަސައްކަތް ކުރައްވަ އެވެ. ޑިޕިއުޓީ ކޮމިޝަނާ މަސައްކަތް ކުރައްވަމުން ގެންދަވަނީ އެއްވެފައިވާ މީހުންނާ ވާހަކަފުޅު ދައްކަވައި ފަހަތަށް މުޒާހަރާ ކުރާ މީހުން ފަހަތަށް ޖެއްސެވުމަށެވެ. ކޮމިޝަނާ ވާހަކަފުޅު ދައްކަވާއިރު އެންމެ ދަނީ އަޑުގަދަކުރަމުންނެވެ.
11:44- އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑާ މޫސަ ވިދާޅުވީ، މެމްބަރުންނަށް ދޭ 20000ރ. ގެ ކޮމިޓީ އެލަވަންސްގެ މައްސަލައިގައި ރައްޔިތުންނަށް އުޅެނީ އޮޅިގެން ކަމަށެވެ. މަޖިލީއަށް މާރިޔާ ހުށަހެޅުއްވި ގަރާރު ފާސްވުމުން މުސާރަ އިތުރު ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
11:40- މަޖިލިސް މެމްބަރުން މުޒާހަރާއަށް ފާޑުވިދާޅުވަމުން އެބަގެންދަވަ އެވެ. އެ މެމްބަރުން ވިދާޅުވަނީ، މަޖިލިސް މެމްބަރުންނަށް އަމާންކަމެއް ނެތް ކަމަށެވެ. ބިރުން ތިއްބަވައިގެން މަސައްކަތް ނުކުރެއްވޭނެ ކަމަށް ވިދާޅުވަމުން އެބަގެންދަވަ އެވެ.
ތޮއްޑޫ ދާއިރާގެ އަލީ ވަހީދު ވިދާޅުވަނީ "ބަޔަކު ޖަހައި ބެރެއްގައި ފޯކަސް ގެއްލިގެން ނުވާނެ" ކަމަށެވެ.
11:36- ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ވެސް މެމްބަރުން މުސާރަ ބޮޑުކުރުމާ ދެކޮޅަށް ވާހަކަދައްކަވަމުން އެބަ ގެންދަވަ އެވެ. އެގޮތުން މިނިވަން މުއައްސަސާތަކުގެ އޮނިގަނޑުގައި މަޖިލީހުގެ މެމްބަރުންނަށް ދިނުމަށް ކަނޑައަޅާފައިވާ 20000ރ. ގެ ކޮމިޓީ އެލަވަންސް އުނިކުރުމަށް މާރިޔާ ވަނީ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފަ އެވެ.
11:02- އަޑުގަދަކުރާއާއި، ބެނާތަކާއި، ބޯޑުތައް އަޅާފައި ހުރި އިތުރު ފޮށިތަކެއް ޓްރޭޑާސް ހޮޓެލް ކައިރިއަށް ބާލައިފި އެވެ. އެތަކެތި ހިފައިގެން ބައިވެރިން މުޒާހަރާ އިތުރަށް ވަރުގަދަކޮށްފި އެވެ.
10:56- މަޖިލިސް ތެރެއަށް ވަދެގަންނާނެ ކަމުގެ އިންޒާރު އެއްވެ ތިބި މީހުން ދީފި އެވެ.
10:51- އެއްވެ ތިބި މީހުން އަޑުގަދަ ބޭނުންކުރާ ބޭނުންކޮށްގެން މެމްބަރުންނާ ދެކޮޅަށް މިހާރު ހަޅޭއްލަވަމުން އެބަދެ އެވެ.
10:46- ޓްރެފިކް ލައިޓް ކައިރީ ތިބެ އަޑުގަދަކުރަމުންދަނީ ފުޅާދާއިރާއެއްގައި ހަރަކާތްތެރިވާ ޖަމިއްޔާތައް ކަމުގައިވާ ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި ޑިމޮކްރެސީ ނެޓްވޯކްގެ މެމްބަރުންނެވެ. އަމިއްލަ ހައިސިއްޔަތުން ހަރަކާތްތެރިވާ އެމީހުން ބުނަމުންދަނީ، މަޖިލިސް މެމްބަރުންނަކީ މުޅި އަހަރު ނިޒާމީ ނުކުތާ ނަންގަވައިގެން 82500 ރުފިޔާ ހޯއްދަވަން އުޅުއްވާ ބަޔެއް ކަމަށެވެ.
10:45- ސިވިލް ސާވަންޓުން ތަމްސީލުކުރާ އިތުރު ގްރޫޕެއް މުލިއާގެއާ ކައިރީގައި ހުންނަ ޓްރެފިކް ލައިޓް ސަރަހައްދުގައި ބެނާތަކެއް ހިފައިގެން އަޑުގަދަކުރަމުން އެބަދެ އެވެ. އެމީހުން ބުނަނީ، މަޖިލީއަކީ "ސިވިލް ސާވަންޓުންނަށް ދެރަގޮތް ހަދާ ތަނެއް" ކަމަށެވެ.
10:40- މަޖިލިސް މުޒާހަރާގައި ބައިވެރިވާ އަންހެނުންތަކެއް ހޮލިޑޭ އިން ކައިރީ މަޑުކޮށްގެން ތިބެ އަޑުގަދަކުރަމުން އެބަދެ އެވެ. ސިވިލް ސާވަންޓުން ތަމްސީލުކުރާ އެ އަންހެނުންގެ ގްރޫޕުން ބުނަމުންދަނީ، "ސިވިލް ސާވަންޓުން ބޯންޖެހެނީ ވަޅު ފެން، މެމްބަރުން ބޮނީ މިނަރަލް ވޯޓާ" ކަމަށެވެ. އެ ތަފާތުކުރުން ނައްތާލުމަށް އެމީހުން ގޮވަމުން އެބަދެ އެވެ.
ޖޭއެސްސީ މެމްބަރު ވެލެޒިނީ ވަކި ޖަމާއަތެއްގައި އެ ސަރަހައްދުގައި އަޑުގަދަކުރަމުން އެބަދެ އެވެ.
އޭނާ ވިދާޅުވަނީ، މަޖިލީހާ ދެކޮޅަށް އަޑުގަދަކުރައްވަނީ ޖޭއެސްސީގެ މައްސަލަތަކެއް ތަހުގީގުކޮށްދިނުމަށް އެދި މަޖިލީހަށް ފޮނުވި ސިޓީއެއް ޖޭއެސްސީގައި ހިމެނޭ އުނގޫފާރު ދާއިރާގެ މެމްބަރު ޑރ.އަފްރާޝީމް އަލީ ހިފަހައްޓަވާފައިވާތީ އެވެ.
10:19- އެއްވި މީހުން މަޖިލިސް އުވާލުމަށް ގޮވާލަމުން އެބަދެ އެވެ. އެމީހުންގެ ތެރޭގައި ޖުޑީޝަލް ސާވިސް ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފަ ހުންނަވާ މެމްބަރު އައިޝަތު ވެލެޒިނީ ވެސް ހިމެނިވަޑައިގަންނަވަ އެވެ.
10:08- މަޖިލިސް ގޭޓް ކައިރީ އިށީނދެގެން ތިބެ ނުރުހުން ފާޅުކުރަމުންދިޔަ މީހުން ރައަޓް ފުލުހުން އެތަނުން ދުރަށް ޖައްސައިފި އެވެ. މިހާރު މަޖިލިސް ކައިރީ ހުރި ހަނި ގޯޅިތަކުގައި އެއްވެ ތިބި މީހުން އަޑުގަދަކުރަމުން އެބަދެ އެވެ.
10:03- ގިނަ އަދަދެއްގެ މީހުން ތިބީ މަޖިލީހުގެ މެމްބަރުން އެތެރެއަށް ވަޑައިގަންނަވާ މަޖިލީހުގެ މައި ގޭޓް ކައިރީ އިށީނދެގެންނެވެ. މިހާރު ރައަޓް ފުލުހުން ގޮސް، އެ ސަރަހައްދު ދޫކޮށް ދިއުމަށް އެއްވެ ތިބި މީހުންނަށް އިޒާރުކުރަމުން އެބަދެ އެވެ.
10:01- އެއްވެ ތިބި މީހުން އެއް އަޑަކުން ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކުގެ އިސްތިއުފާއަށް ގޮވަމުން އެބަދެ އެވެ. މަޖިލީހުގެ މެމްބަރު އަލީ އާރިފް ފުލުހުންގެ ހިމާޔަތުގައި މަޖިލީހަށް ވަދެވަޑައިގެންފި އެވެ.
9:57- އެއްވެ ތިބި މީހުން ބުނާ ގޮތުގައި އެމީހުންނަކީ ވަކި ޕާޓީއެއް ތަމްސީލުވާ ގޮތަށް ނުރުހުން ފާޅު ކުރަން ދިޔަ ބައެއް ނޫނެވެ. އެމީހުންގެ އަތުގައި އެއްވެސް ދިދައެއް ބެނާއެއް އަދި ބޯޑެއް ވެސް ނެތެވެ.
9:51- ނުރުހުން ފާޅުކުރާ ފަރާތްތަކުން މެންބަރު އަބްދުލް އަޒީޒު ޖަމާލު އަބޫބަކުރާ ދިމާކޮށްލައި އެނާ ހިފަހައްޓަން އުޅެނިކޮށް ފުލުހުން އޭނާ ހިމާޔަތްކޮށްފި އެވެ. މެންބަރު އާމިރު އާއި އިތުރު މެންބަރެއްގެ ދަތްދޮޅި ދަށަށް ވެސް ދެންމެ އަތްލި މަންޒަރު ސަންގެ ނޫސްވެރިންނަށް ފެނިފައި ވެއެވެ.
9:49- މަޖިލިސް ބޭރުގައި ނުރުހުން ފާޅު ކުރަމުންދާ ފަރާތްތަކާ މެންބަރު މާރިޔާ އަހުމަދު ދީދީ ދެންމެ ބައްދަލުކުރެއްވެވި އެވެ. މުސާރައިގެ އޮނިގަނޑާ ބެހޭ ގޮތުން އޭނާ ވަނީ ބައެއް މައުލޫމާތު އޮޅުން ފިލުވައިދެއްވައިފަ އެވެ.
9:46- މަޖިލީހުގެ މެންބަރު ޔޫސުފް ނައީމް ދެންމެ މަޖިލީހަށް ވެދެ ވަޑައިގަންނަވަން ދަނިކޮށް އޭނާ ހިފަހައްޓަން މަސައްކަތް ކޮށްފި އެވެ. އޭނާ މަޖިލީހަށް ވަދެވަޑައިގަތީ ފުލުހުންގެ ހިމާޔަތުގަ އެވެ.
ރައްޔިތުންނަށް އެއްވެސް ފައިދާ ހުރި މަސައްކަތެއް މަޖިލީހުން ނުކުރާ ކަމަށް ބުނެ ގިނަ އަދަދެއްގެ މީހުން ރައްޔިތުންގެ މަޖިލިސް ކައިރިއަށް އެއްވެ ނުރުހުން ފާޅު ކުރަމުން އެބަދެ އެވެ. އެމީހުން ގޮވައިލަމުން ދަނީ ރައްޔިތުންނަށް މުހިންމު ގިނަ އަދެއްގެ ބިލްތައް ހުއްޓައި އެއިން އެއްވެސް ބިލެއްގެ މަސައްކަތް ނުކޮށް މަޖިލީހުގެ މެންބަރުން މަސައްކަތް ކުރަނީ އަމިއްލަ މަސްލަހަތަށާއި މެންބަރުންގެ މުސާރައާ އިނާޔަތްތައް ބޮޑު ކުރުމަށް ކަމަށެވެ. އެ ސަރައްދުގައި މިހާރު ގިނަ އަދަދެއްގެ ފުލުހުން ވެސް ހަރަކާތްތެރިވަމުން އެބަދެ އެވެ.
(ތަފުސީލު އަންނަނީ)