13 May 2014, 16:56
އެމްޓީސީސީ އަށް ސަރުކާރުން ދޫކޮށްފައިވާ ވ. އަތޮޅު ފޮއްތެޔޮ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުރާނެ ބަޔަކު ހޯދުމަށް ހަފްތާ އަކަށް ވުރެ ކުރު މުއްދަތާ އެކު ބީލަމަށް ހުޅުވާލައިފި އެވެ.
އެއާޕޯޓާ ކައިރީ ހިސާބެއްގައި އޮންނަ ފޮއްތެޔޮ އަކީ މެދު އުތުރު ޕްރޮވިންސްގެ ޓްރާންސްޕޯޓް ނެޓްވޯކް ސަބްސިޑައިޒް ކުރުމަށް އެމްޓީސީސީ އަށް ދީފައިވާ ރަށެކެވެ.
ފޮއްތެޔޮ ތަރައްގީ ކުރުމަށް ބަޔަކު ހޯދުމަށް އެމްޓީސީސީ އިން ހުޅުވާލާފައި ވަނީ އިއްޔެ އިން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށެވެ. އެ މުއްދަތުގެ ތެރޭގައި ބަންދު ދެ ދުވަސް އާދެ އެވެ.
ފޮއްތެޔޮ ތަރައްގީ ކުރާނެ ބަޔަކު އެމްޓީސީސީ އިން ހޯދަނީ ސަބްލީސް އެގްރިމަންޓްއެއްގެ ދަށުންނެވެ.
އެ ރަށް ތަރައްގީ ކުރުމަށް ބަޔަކު ހޯދުމަށް ކުރު މުއްދަތެއް އެމްޓީސީސީ އިން ދީފައިވާ އިރު އެކަމާ ގުޅޭ ގޮތުން އެމްޓީސީސީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ހަތް ދުވަހުގެ މުއްދަތެއް އެކަމަށް ދިނީ އެއީ ކުރިން ވެސް ހުޅުވާލާފައިވާ ބީލަމަކަށް ވާތީ ކަމަށެވެ.
މީގެ ކުރިން އެމްޓީސީސީ އިން ހުޅުވާލާފައި ވަނީ އެ ކުންފުންޏާ ގުޅިގެން ފޮއްތެޔޮ ތަރައްގީ ކުރުމަށެވެ.
އެމްޓީސީސީގެ އޮފިޝަލް ވިދާޅުވީ ހަތް ދުވަހުގެ މުއްދަތަކީ ފޮއްތެޔޮ ތަރައްގީ ކުރުމަށް ބިޑަށް ލުމަށް ރަނގަޅު މުއްދަތެއް ކަމަށް އެކުންފުނިން ގަބޫލް ކުރާ ކަމަށެވެ.
ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި، އެމްޓީސީސީ އަށް ރިސޯޓް ހަދަން ދޫކޮށްފައިވާ ވ. ފޮއްތެޔޮ ތަރައްގީ ކުރުމަށް ކުރި އިއުލާނު ބާތިލުކޮށް އެ ރަށް އެއްވެސް ބަޔަކާ ހަވާލު ނުކުރުމަށް ސިވިލް ކޯޓުން މީގެ ކުރިން ވަނީ ވަގުތީ އަމުރެއްނެރެފަ އެވެ.
ކުރީގެ ސަރުކާރުން އެ ރަށް އެކުއާސަން ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑަށް ހަވާލުކޮށްފައިވީ ނަމަވެސް އެ މައްސަލަ އޭސީސީ އިން ބެލުމަށް ފަހު އެމްޓީސީސީ އަށް އަންގާފައި ވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްފައި ވާތީ އެ ރަށް އަލުން ބީލަމަށް ލުމަށެވެ.