13 May 2014, 16:43
އޭއެފްސީ ޗެލެންޖް ކަޕަށް ތައްޔަރުވުމުގެ ގޮތުން ލާއޮސްއާ ދެކޮޅަށް މިރޭ ކުޅޭ އެކުވެރިކަމުގެ މެޗަކީ ރާއްޖޭ ޓީމަށް ވަރަށް މުހިންމު މެޗެއް ކަމަށް ގައުމީ ޓީމުގެ ކޯޗު ޑްރާގޯ މަމިޗް ބުނެފި އެވެ.
މިރޭ ލާއޮސްއާ ރާއްޖެ ކުޅޭ މެޗަކީ މިމަހު 19 ވަނަ ދުވަހު ރާއްޖޭގައި ފަށާ އޭއެފްސީ ޗެލެންޖް ކަޕުގެ ކުރިން ދެ ޓީމު ވެސް ކުޅޭނެ އެންމެ ފަހު މެޗެވެ. ރާއްޖޭގެ ކޯޗު މަމިޗް ބުނީ، މި މެޗުން މޮޅުވުމުން ޓީމަށް ހިތްވަރެއް ލިބޭނެ ކަމަށެވެ.
"މި މެޗު މުހިންމުވާ ދެ ސަބަބެއް އެބައޮތް. އެއް ސަބަބަކީ މެޗުން މޮޅުވުމުން ހިތްވަރެއް ލިބޭނެ. ފަރިތަކުރުންތަކުގައި ލިބުނު އިރުޝާދުތަކާއެކު ކުޅުންތެރިންގެ ފެންވަރު މި މެޗުގައި ފެންނާނެ. ފަރިތަކުރުންތަކާއި އެކުވެރިކަމުގެ މެޗުން ލިބުނު ތަޖުރިބާ ބަލައިލުމަށް މި މެޗު ވަރަށް މުހިންމު،" އޭނާ ބުންޏެވެ.
މަމިޗް ބުނީ، ރާއްޖޭ ޓީމުގެ ކޮންމެ ކުޅުންތެރިއަކީ ވެސް ފުރަތަމަ އެގާރައިގައި ހިމެނޭ ކުޅުންތެރިއެއް ކަމަށާއި ކޮންމެ ކުޅުންތެރިއަކީ ޓީމަށް މުހިންމު ކުޅުންތެރިއެއް ކަމަށެވެ.
"މި މުބާރާތަކީ މުޅިން ތަފާތު މުބާރާތެއް. އަހަރެން ޓީމުގެ ކުޅުންތެރިން ކައިރީ ބުނި ވާހަކަ އަކީ ވަކި ފުރަތަމަ އެގާރައެއް ނޯންނާނެ ކަމަށް. ކޮންމެ ކުޅުންތެރިއަކީ ވެސް ފުރަތަމަ އެގާރައިގައި ހިމެނޭ ކުޅުންތެރިއެއް ކަމަށް އަހަރެން ބުނިން. މުބާރާތުގައި ފުރަތަމަ ދެ މެޗުގައި ކުޅޭ ކުޅުންތެރިއެއް ނުހިމެނިދާނެ ތިންވަނަ މެޗުގައި. އެހެންކަމުން ކޮންމެ ކުޅުންތެރިއަކީ މުހިންމު ކުޅުންތެރިއެއް،" އޭނާ ބުންޏެވެ.
ގައުމީ ކޯޗު ބުނީ، ލާއޮސް ޓީމުގެ ކުޅުން އޭނާ ބަލައިފައި ވާނެ ކަމަށާއި އެ ޓީމަކީ ވަރަށް ޑިސިލްޕިން ކުޅުމެއް ކުޅޭ ޓީމެއް ކަމަށެވެ.
"ލާއޮސް އަކީ ވަރަށް ޑިސިޕްލިން ފުޓްބޯޅަ އެއް ކުޅޭ ބައެއް. މިޔަންމާއާ ދެކޮޅަށް 2009 ވަނަ އަހަރު ލާއޮސް ކުޅުނު މެޗު އަހަރެން ބެލިން. އެ މެޗުގައި ކުޅުނު ކުޅުންތެރިންތަކެއް މި އަހަރުގެ މުބާރާތުގައި ބައިވެރިވޭ. ލާއޮސް ޓީމުގައި ހުނަރު ހުރި ކުޅުންތެރިންތަކެއް ތިބިކަން ފާހަގަކޮށްލެވޭ،" މަމިޗް ބުންޏެވެ.
ގަލޮޅު ދަނޑުގައި ރާއްޖެ އާއި ލާއޮސް ބައްދަލުކުރާ މެޗު ފަށާނީ މިރޭ 9:00 ގަ އެވެ.