13 May 2014, 16:04
(ތެލްއަވީވް) އިސްރާއީލުގެ ކުރީގެ ބޮޑުވަޒީރު އިހޫދު އޮލްމާޓް ހަ އަހަރަށް ޖަލަށްލުމަށް އެގައުމުގެ ކޯޓަކުން މިއަދު ހުކުމްކޮށްފިއެވެ.
އޭނާ ޖަލަށް ލުމަށް ހުކުމްކުރީ ރިޝްވަތު ހިފިކަމުގެ ކުށް ސާބިތުވެގެން ކަމަށް އެސޯސިއޭޓެޑް ޕްރެސް ( އޭޕީ) ބުންޏެވެ. އޮލްމާޓް ރިޝްވަތު ހިފީ 2006 ވަނަ އަހަރު އޭނާ ބޮޑުވަޒީރަކަށް ވުމުގެ ކުރިންނެވެ.
އޮލްމާޓާ ދެކޮޅަށް 2009 ވަނަ އަހަރު ކޮރަޕްޝަންގެ ދައުވާ އުފުލީ އޭނާ ޤުދުސްގެ މޭޔަރަކަށް ހުރި އިރު ކުންފުންޏަކުން ގަވައިދާ ހިލާފަށް ކުރިއަށް ގެންދިޔަ ރިއަލް އެސްޓޭޓް ( ގެދޮރު އިމާރާތްކޮށް ވިއްކުމުގެ) މަޝްރޫއެއް ކުރިއަށް ގެންދަން ފުރުސަތުދިން ކަމުގެ މައްސަލަ ފެންމަތިވެގެންނެވެ. އޭނާ ޖަލަށްލާން މިއަދު ހުކުމްކުރީ އެކަމުގައި ރިޝްވަތު ހިފިކަން ސާބިތު ވެގެންނެވެ.
އޮލްމާޓް ޖަލަށްލާން ހުކުމް ކުރުމުން އޭނާގެ ތަރުޖަމާނު އާމިރު ޑޭން ބުނެފައި ވަނީ އެއީ ބޭއިންސާފު ހުކުމެއް ކަމަށެވެ. އަދި އެމައްސަލަ ސުޕްރީމްކޯޓްގައި އިސްތިއުނާފު ކުރާނެ ކަމަށާއި އެކޯޓަށް އިތުބާރު ކުރާ ކަމަށް އޭނާ ބުންޏެވެ.
އުމުރުން 68 އަހަރުގެ އޮލްމާޓް ޖަލަށްލާން ހުކުމް ކުރުމުން އޭނާ މިހާރު ވެފައި ވަނީ އިސްރާއީލުގައި އެފަދަ ހުކުމެއް އައި، ބޮޑުވަޒީރުކަން ކޮށްފައިވާ ފުރަތަމަ މީހާ ކަމަށެވެ.