ބްރާވިއާ އައިޑިއާސް ކަޕްގައި އިއްޔެ ކުޅުނު މެޗުތަކުން ފިނޭންސް މިނިސްޓްރީއާއި ކިހައްޑިހަ އަދި ސޮސައިޓީ ފޯ އަލިފުށީ ޔޫތު (ސޭ) މޮޅުވެއްޖެ އެވެ.

މާފަންނު މިނީ ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި ރޭ ތިން މެޗެއް ކުރިއަށް ދިޔަ އިރު، 8:00 ގައި ބައްދަލުކުރީ ރައްޔިތުންގެ މަޖިލީސް ޓީމާއި ފިނޭންސް މިނިސްޓްރީގެ ޓީމެވެ. މި މެޗުން ފިނޭންސް މޮޅުވީ 5-1 ލަނޑުންނެވެ. މެޗުގައި މުހައްމަދު ޝިފާނާއި އަހްމަދު ހަލީމް، މިއިން ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ކާމިޔާބުކުރި އިރު، ބާކީ ލަނޑު ކާމިޔާބުކުރީ އަހްމަދު ފަޔާޒެވެ.

މަޖިލީހުގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހިމް ސައިފް އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފިނޭންސްގެ ޖާޒީ ނަންބަރު ދިހައެއް އަހްމަދު ފަޔާޒެވެ.

މުބާރާތުގައި ރޭ 9:00 ގައި ބައްދަލުކުރީ ނަސަންދުރަ އާއި ކިހައްޑިހަ އެވެ. މި މެޗު ކިހައްޑިހަ ކާމިޔާބުކުރީ 6-2 ލަނޑުންނެވެ. ކިހައްޑިހަގެ ގާސިމް ލަތީފާއި އާސިފް ނައީމް، މިއިން ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ކާމިޔާބުކުރި އިރު، އެ ޓީމުގެ ބާކީ ލަނޑުތައް ކާމިޔާބުކޮށްދިނީ ހުސައިން ނިސްފާހާއި މުހައްމަދު ޝައްމޫން އަލީ އެވެ.

ނަސަންދުރަ އިން ކާމިޔާބުކުރި ދެލަނޑުގެ ތެރެއިން އަހްމަދު ނިޝާން އެއް ލަނޑު ކާމިޔާބުކުރި އިރު އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އަލީ ރަޝީދެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކިހައްޑިހަ ޓީމުގެ ޖާޒީ ނަންބަރު ދިހައެއް އާސިފް ނައީމެވެ.

ރޭ ކުޅުނު ފަހު މެޗުގައި ބައްދަލުކުރީ ތުރާކުނު އައިލެންޑް ޑިވެލޮޕްމެންޓް ސޮސައިޓީ (ޓިޑްސް) އާއި ސޮސައިޓީ ފޯ އަލިފުށީ ޔޫތު (ސޭ) އެވެ. މި މެޗު ސޭ ކާމިޔާބުކުރީ 4-6 ލަނޑުންނެވެ. ސޭގެ އިސްމާއިލް މަމްދޫހު (މަންޑޭ) އަދި އަހްމަދު މުއާޒް، މިއިން ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ކާމިޔާބުކުރި އިރު، އެ ޓީމުގެ ބާކީ ލަނޑުތައް ކާމިޔާބުކޮށްދިނީ އަބްދުﷲ ޔޫނުސް އާއި އަލީ އަފްސަލް އެވެ.

މެޗުގައި ޓިޑްސް އިން ކާމިޔާބުކުރި ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ނަސްރުﷲ ސައީދު ކާމިޔާބުކޮށްދިން އިރު، އެ ޓީމުގެ ބާކީ ދެ ލަނޑު ކާމިޔާބުކޮށްދިނީ ހަސަން އިމްރާނާއި އަބްދުﷲ އަހްމަދެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސޭ ޓީމުގެ ޖާޒީ ނަންބަރު 11 އިސްމާއިލް މަމްދޫހެވެ.

ބްރާވިއާ އައިޑިއާސް ކަޕުގައި މިރޭ ވެސް ތިން މެޗެއް ކުރިއަށް ދާނެ އެވެ. މިރޭ 8:00 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ އިސްލާމިކް އެފެއާޒާއި ޓޮރެންޓެވެ. މިރޭ 9:00 ގައި މެކާނޯއާ ދެކޮޅަށް މާފަރު ނުކުންނަ އިރު، ފަހު މެޗުގައި ބައްދަލުކުރާނީ ސްޓެލްކޯ އާއި އަޔާޑީ އެވެ.

އައިޑިއާސް ކަޕުގެ މެއިން ސްޕޮންސަރަކީ ރީފްސައިޑް އެވެ. ކޯ ސްޕޮންސަރަކީ އެލައިޑް އިންޝުއަރެންސް އެވެ. މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ސަން އޮންލައިން އެވެ. އަދި ޕްރިންޓިންގް ޕާޓްނަރަކީ އެމް ސެވަން ޕްރިންޓް އެވެ.