13 May 2014, 15:37
ޕެނަލްޓީ ޖަހައިގެން ހިޓާޗީ އިންޓަ ސްކޫލް 18 އަހަރުން ދަށުގެ އުމުރުފުރައިގެ ޗެމްޕިއަންކަން މަދުރަސަތުލް އަހްމަދިއްޔާ ހޯދައިފި އެވެ.
އިއްޔެ ހަވީރު ލައިފް ބޯއީ ޓާފް ދަނޑުގައި ކުޅުނު ފައިނަލުގައި ގަލޮޅު މަދަރުސާ އަތުން ޕެނަލްޓީ ޖަހައިގެން އަހުމަދިއްޔާ މޮޅުވީ 3-1 ލަނޑުންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައި ވެއެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި ތިން ޕެނަލްޓީ ކާމިޔާބުކުރި އިރު، ގަލޮޅު މަދަރުސާ އަށް ކާމިޔާބުކުރެވުނީ އެންމެ ޕެނަލްޓީއެކެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އަހުމަދިއްޔާގެ އިބްރާހިމް ޝަފީގެވެ.
ފައިނަލު މެޗަށް ފަހު، ވަނަވަނަ އަށް ހޮވުނު ކުޅުންތެރިންނާއި ޓީމުތަކަށް އިނާމު ހަވާލުކުރި އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީ ގަލޮޅު މަދަރުސާގެ ހަމްދޫން އަހްމަދަށެވެ. އެންމެ މޮޅު ފޯވަޑްގެ މަގާމު ވެސް ލިބުނީ އޭނާ އަށެވެ. މުބާރާތުގެ އެންމެ މޮޅު މިޑްފީލްޑަރަކަށް ގަލޮޅު މަދަރުސާގެ ޖުނާމް އަބްދުލް މަޖީދު ހޮވުނު އިރު، އެންމެ މޮޅު ޑިފެންޑަރަކަށް ހޮވުނީ އިމާދުއްދީން ސްކޫލްގެ އިބްރާހިމް ރިޝްފާނެވެ. އަދި އެންމެ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ލިބުނީ ދިހަ ލަނޑު ކާމިޔާބުކުރި އަހުމަދިއްޔާގެ އިބްރާހިމް ޠާއިފެވެ.