13 May 2014, 15:24
ލެމަންގްރާސް އާ ރެސްޓޯރެންޓް އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުން ހުއްޓުވާފައި ބޭއްވުމަށްފަހު އެ މަސައްކަތް އަލުން ކުރިއަށް ގެންދިއުމުގެ ހުއްދަ ހައުސިން މިނިސްޓްރީން ދީފި އެވެ.
އަލިމަސް ކާނިވާ ސަރައްދުގައި ލެމަންގްރާސްގެ އާ ރެސްޓޯރެންޓް އިމާރަތްކުރަމުންދަނީ ގަވާއިދާ ހިލާފަށް ކަމަށް ބުނެ އިމާރާތުގެ މަސައްކަތް ފުލުހުން މެދުވެރިކޮށް ހުއްޓުވާފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ އެވެ.
ލެމަންގްރާސްގެ ޑިރެކްޓަރު އަތީފް ހުސެއިން އަހްމަދު "ސަން" އަށް މިއަދު ވިދާޅުވީ، ލެމަންގްރާސް އާ އިމާރާތުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ހުއްދަ ހައުސިން މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ދީފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ، ކުރިއެކޭ އެއްގޮތަށް އެ ރެސްޓޯރެންޓް ކުރިއަށް އޮތް ރަމަޟާން މަހުގެ ފުރަތަމަ ދިހައިގެ ތެރޭގައި ހުޅުވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
"މިދިޔަ ބުރާސްފަތިދުވަހު ވަނީ މަސަކަތްކުރިއަށް ގެންދިއުމުގެ ހުއްދަ ދީފައި. ރަމަޟާން މަހުގެ ފުރަތަމަ ދުވަހު ނުވަތަ ފުރަތަމަ ދިހައިގެ ތެރޭގައި ހުޅުވޭތޯ މަސައްކަތް ކުރަމުން މިދަނީ، " އަތީފް ވިދާޅުވި އެވެ.
މިދޔަ އަހަރުން ފެށި ލެމަންގްރާސް އާ އިމާރާތުގެ މަސައްކަތް ކުރަމުން އައިސްފައިވަނީ މާލެ ސިޓީ ކައުންސިލްގެ ހުއްދަ ލިބިގެންނެވެ. އަދި މާލެ ސިޓީ ކައުންސިލުން ބުނެފައިވަނީ އެ މަސައްކަތް ކުރަމުން އަންނީ ގަވާއިދާ އެއްގޮތަށް ހުއްދަ ލިބިގެން ކަމަށެވެ.
ލެމަންގްރާސް އާ ރެސްޓޯރަންޓްގެ މަަސައްކަތް ފުލުހުން މެދުވެރިކޮށް ހައުސިން މިނިސްޓްރީން ހުއްޓުވާފައިވާތީ، އެތަން ފުލުހުންގެ ބެލުމުގެ ދަށުން ނެގުމަށް ވަގުތީ އަމުރަަކަށް އެދުނު ނަމަވެސް އެ އަމުރު ސިވިލް ކޯޓުން ނެރެދީފައެއް ނުވެ އެވެ.