ޑިސެބިލިޓީ އެވޯޑް މިއަހަރު ދޭނެ ހަތް ދާއިރާ އިއުލާންކޮށް، އެވޯޑްތަަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ޑިސެބިލިޓީ އެވޯޑް ދިނުމަށް ނިންމާފައިވާ ހަތް ދާއިރާއަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ފަސް ފަރާތަކާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ތައުލީމު ފޯރުކޮށްދޭ ދެ ފަރާތަކާއި ފަރުދީގޮތުން އެހީތެރިކަން ފޯރުކޮށްދޭ ތިން ފަރާތެއްގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތަކަށް އެހީތެރިކަން ފޯރުކޮށްދޭ އަމިއްލަ ޖަމިއްޔާ ތަކުގެ ތެރެއިން އެއް ފަރާތަކަށެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަންނީ ގޮތުން އެހީތެރިކަން ފޯރުކޮށްދޭ ދެ ފަރާތަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށް އަދި ރާއްޖެއަށް އެކި ގޮތްގޮތުން ރީތިނަން ހޯދައިދީފައިވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތަކަށް އެވޯޑް ދިނުމަށް ވަނީ ނިންމާފަ އެވެ.

ޑިސެބިލިޓީ ކައުންސިލުން ބުނީ މިމަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އެ ފަރާތްތަކަށް އެހީތެރިވެދޭ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން 2012 ވަނަ އަހަރު ތައާރަފް ކުރި އެވޯޑް ބާއްވަމުން ގެންދަނީ ކޮންމެ ދެ އަހަރުން އެއް އަހަރު އެވެ.

ޑިސެބިލިޓީ ކައުންސިލުން ބުނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހާލަތު ދުވަހެއް ދުވަހަކަށް ދަށަށް ދިޔަނުދީ ރަނގަޅު ކުރުމުގެ ގޮތުން މިއަހަރުގެ ތެރޭ ޑިސެބިލިޓީ ފަންޑެއް ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ޑިސެބިލިޓީ ކައުންސިލުން ކުރަމުން އަންނަ މަސައްކަތްތައް މުޖުތަމައުއަށް އަންގައި މުޖުތަމައުގެ އެހީތެރިކަން ވީހާވެސް ބޮޑަށް ހޯދުމުގެ ގޮތުން ޑިސެބިލިޓީ ކައުންސިލުގެ ވެބްސައިޓެއް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެ ކައުންސިލުން ބުންޏެވެ.