އޭއެފްސީ ޗެލެންޖް ކަޕަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމާއި ލާއޯސްގެ ގައުމީ ޓީމް މިރޭ ކުޅޭ އެކުވެރިކަމުގެ މެޗަށް ވިއްކުމަށް ހަމަޖެހިފައިވާ ޓިކެޓުގެ ތެރެއިން މިހާތަނަށް ދެ ބައިކުޅަ އެއްބަޔަށް ވުރެ، ގިނަ ޓިކެޓް ވިކިފައިވާ ކަމަށް އެފްއޭއެމުން ބުނެފި އެވެ.

އެފްއޭއެމްގެ ނާއިބް ރައީސް އަބްދުލް މުހުސިން ހަމީދު (ޖޭފޯ) "ސަން"އަށް މިއަދު ވިދާޅުވީ، މިރޭގެ މެޗަށް 6000 އަށް ވުރެ މަދުނޫން އަދަދަކަށް ޓިކެޓް ޕްރިންޓުކޮށް ވިއްކަން ފަށާފައިވާއިރު، މިހާތަނަށް ގާތް ގަނަޑަކަށް 3000 އާއި ގާތް އަދަދަކަށް ޓިކެޓް ވިކިފައިވާ ކަމަށެވެ. އަދި މިރޭގެ މެޗް ފެށެން ވާއިރަށް އެއަދަދު ވަރަށް ބޮޑުތަން އިތުރު ވާނެ ކަމަށް ވެސް ޖޭފޯ ވިދާޅުވި އެވެ.

މިރޭ ކުޅޭ މެޗުގެ ޓިކެޓް ވިއްކަނީ، ގޮނޑި ބަރިން 50 ރުފިޔާ އަށް އަދި ސިޑިބަރިން 25 ރުފިޔާއަށް ޓިކެޓެކެވެ. ރެއިން ފެށިގެން އެފްއޭއެމް އިން އަދި ގަލޮޅު ދަނޑުން ޓިކެޓު ދަނީ ވިއްކަމުންނެވެ.

ގަލޮޅު ދަނޑުގައި މިރޭ 9:00ގައި ކުޅެން ފަށާ މި މެޗަކީ ޗެލެންޖް ކަޕްގެ ކުރިން ކުޅުންތެރިން އިތުރު ހިތްވަރެއް ހޯދަން ވަރަށް މުހިންމު މެޗެއް ކަމަށް ގައުމީ ޓީމުގެ ކޯޗު ކްރޮއޭޝިއާގެ ޑްރާގޯ މަމިޗް ބުނެފައި ވާއިރު، މިރޭގެ މެޗުގައި ދިވެހި ޓީމަށް ސަޕޯޓް ކޮށްދިނުމަށް ވީހާވެސް ގިނަ ބަޔަކު ދަނޑަށް ވަނުމަށް އެފްއޭއެމްގެ ރައީސް އިއްޔެ ވަނީ އެދިވަޑައިގެންފަ އެވެ.