13 May 2014, 14:10
މިމަހު 19 އިން 30 އަށް ރާއްޖޭގައި ބާއްވާ އޭއެފްސީ ޗެލެންޖް ކަޕްގެ ގްރޫޕް އޭގެ މެޗުތައް ކުޅެން ހަމަޖެހިފައިވާ ގަލޮޅު ރަސްމީ ބޯޅަދަނޑުގެ މަސައްކަތް އެއްކޮށް ނިންމައި، އިއްޔެ ހަވީރު ކުޅިވަރާ ބެހޭ މިނިސްޓްރީއާ ހަވާލުކޮށްފައިވާ ކަމަށް އަމީން ކޮންސްޓްރަކްޝަނުން ބުނެފި އެވެ.
އަމީން ކޮންސްޓްރަކްޝަންގެ އޮޕަރޭޝަން މެނޭޖަރު މުހައްމަދު ސާޖިދު ވިދާޅުވީ، ގަލޮޅު ދަނޑު އިއްޔެ މިނިސްޓްރީއާ ހަވާލުކުރީ ކޮންޓްރެކްޓުގައި ހުރި މަސައްކަތް ތަކުގެ އިތުރުން ވެސް ގިނަ މަސައްކަތްތަކެއް ކުރުމަށްފަހު ކަމަށެވެ. އަދި ކޮންޓްރެކްޓުގައި ވާގޮތައް އައްޑޫ ޒޯން ސްޓޭޑިއަމްގެ މަސައްކަތް ވެސް ނިމިފައިވާކަމަށާއި އެހެން ނަމަވެސް މިހާރު އެ ދަނޑުގައި ކުރަމުން އަންނަނީ ކޮންޓުރެކްޓުގެ ބޭރުން ކުރާ މަސައްކަތް ކަމަށާއި އެމަސައްކަތްތައްވެސް އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ނިންމައިލެވޭނެ ކަމަށް ސާޖިދު ވިދާޅުވި އެވެ.
ޗެލެންޖު ކަޕްގެ މެޗުތައް ކުޅޭ ދެ ދަނޑުގެ މަސައްކަތް ތަރައްގީ ކުރުމަށް ޔޫތު މިނިސްޓްރީން، އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައި ވަނީ 71.5 މިލިއަން ރުފިޔާ އަށެވެ.
ކުޅިވަރާ ބެހޭ މިނިސްޓަރު މުހައްމަދު މަލީހް މިއަދު ވިދާޅުވީ، ގަލޮޅު ދަނޑު ރަސްމީކޮށް ހުޅުވުން އަންނަ ބުރާސްފަތި ދުވަހުގެރޭ އޮންނާނެ ކަމަށާއި އައްޑޫ ޒޯންސްޓޭޑިއަމް ހުޅުވުމުގެ ގޮތުން ކުޅޭ ފުޓްބޯޅަ މެޗެއް އަންނަ ހަފުތާގެ ކުރީކޮޅުގެއި އައްޑޫގައި އޮންނާނެ ކަމަށެވެ.
ހިތަދޫ ޒޯން ސްޓޭޑިއަމް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން މިހާރު ހުރި، ސިޑިބަރި ދެ ފަރާތުން ބޮޑުކޮށް، ސިޑިބަރީގެ ދަށުގައި އެކިއެކި ކަންކަމަށް ބޭނުން ކުރާނެ ރޫމްތައް ވަނީ ހަދައި ނިމިފަ އެވެ. އަދި އެ ދަނޑުގެ ލައިޓިން ސިސްޓަމް ހަރުކުރުމުގެ މަސައްކަތް ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ފެށޭނެ ކަމަށް ވެސް ޔޫތު މިނިސްޓްރީން މައުލޫމާތު ދެއެވެ.
ގަލޮޅު ދަނޑުގައި މެޗު ކޮމިޝަނަރާއި ރެފްރީން ތިބޭނެ ތަނަކާއި، ޕްރެސް ރޫމެއްގެ އިތުރުން މީޑިޔާ ތަކަށް ހާއްސަކުރެވިގެން ރޫމްތަކެއް ވެސް މިހާރު ވަނީ ހަދައިފަ އެވެ.
މުބާރާތުގައި ރާއްޖެ ހިމެނޭ ގްރޫޕް އޭގެ މެޗުތައް ކުރިއަށް ގެންދާނީ، ގަލޮޅު ރަސްމީ ބޯޅަ ދަނޑުގަ އެވެ. އަދި ގްރޫޕް ބީގެ މެޗުތައް ކުޅޭނީ އައްޑޫ ޒޯން ސްޓޭޑިއަމްގަ އެވެ.