13 May 2014, 14:10
ކުރިން ހަމަޖައްސާފައިވާ ވަކީލުގެ ބަދަލުގައި އެހެން ވަކީލަކު ކޯޓަށް ވަޑައިގެންފިނަމަ، ޖުވެނައިލް ކޯޓުން އެ ވަކީލަކު ބަލައިގަންނާނީ ބަދަލުގައި ހަމަޖެއްސިކަމުގެ ލިޔުން ހުށަހެޅުމުން ކަމަށް އެ ކޯޓުން ބުނެފި އެވެ.
ޖުވެނައިލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމުގައި ބޭފުޅަކު ހުންނެވި އިރު ވެސް އެ ކޯޓުން އަމަލުކޮށްފައި ވަނީ އެ އުސޫލުން ކަމަށާއި އެހެންކަމުން މިހާރު ވެސް އަމަލުކުރާނީ އެ އުސޫލަށް ކަމަށެވެ.
އޮފިޝަލް ވިދާޅުވީ މިއަދު 2:00 އަށް ތާވަލް ކޮށްފައިވާ މައްސަލައެއްގެ ޝަރީއަތަށް ޕީޖީ އޮފީހުން ހާޒިރުވެވަޑައިގެންފައި ވަނީ އެ މައްސަލައަށް އައްޔަންކޮށްފައިވާ ވަކީލުގެ ބަދަލުގައި އެހެން ވަކީލަކު ކަމަށެވެ. އަދި އެ ވަކީލު ކޯޓަށް ވަޑައިގަތް އިރު ބަދަލުގައި ހަމަޖެއްސި ކަމުގެ ލިޔުން ގެނެސްފައިނުވާތީ އެ ވަކީލު ބަލައިނުގަތުމަށް ކޯޓުން ނިންމާފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ބަދަލުގައި ހަމަޖެއްސި ކަމުގެ ލިޔުމާ ނުލައި ކޯޓަށް ވަޑައިގަތުމުން ކްރިމިނަލް ކޯޓުގެ އިސް ގާޒީ ސެކްޝަން ފިޔަވައި އެހެން ސެކްޝަންތަކުގެ މައްސަލަތައް ވަނީ ކެންސަލް ކޮށްފަ އެވެ.