13 May 2014, 14:01
ފެންނަން ބޭނުންނުވާ ޓްވީޓްތައް ފޮރުވާލެވޭ ފަދަ މިއުޓް ބަޓަން އެއް ޓްވިޓާ އިން ތައާރަފް ކޮށްފި އެވެ.
މެސެޖެއްގައި ގިނަވެގެން 140 އަކުރު ލިޔެލުމަށްފަހު ޕޯސްޓްކޮށްލެވޭ މަޝްހޫރު މައިކްރޯ ބްލޮގިން ސައިޓް އެއް ކަމަށްވާ ޓްވިޓާ އަށް މިއުޓް ބަޓަން އެއް ތައާރަފް ކުރަން ނިންމިކަން އިއުލާނުކޮށްފައި ވަނީ ހޯމަ ދުވަހުއެވެ.
ކުރިއަށް އޮތް ދެތިން ހަފްތާގެ ތެރޭގައި ޓްވިޓާގެ ވެބްސައިޓް، އައިއޯއެސް އަދި އެންޑްރޮއިޑް އެޕްލިކޭޝަން ތަކަށް މިއުޓް ބަޓަން ފެންނަން ފަށާނެ ކަމަށް ޓްވިޓާ އިން ވަނީ ބުނެފައެވެ.
މިއުޓް ބަޓަން ލިބުމަށް ފަހު، ވެބްސައިޓްގައި ފެންނަ ޓްވީޓްގެ“މޯރ” ބަޓަން އަށް ފިތާލުމުން މިއުޓް ބަޓަން ފެންނާނެއެވެ. އަދި މިއުޓް ކުރަން ބޭނުންވާ ޕްރޮފައިލް އަށް ގޮސް “ގިއަރ” އައިކަން އަށް ފިތާލުމުން ވެސް މިއުޓް ބަޓަން ފެންނާނެއެވެ.
“މިއުޓް ކޮށްފައި ހުއްޓަސް މަގޭ ޓްވީޓްތައް ފޭވަރިޓް، ރިޕްލައި، އަދި ރީޓުވީޓް ކުރެވޭނެ،” ޓްވިޓާ ގެ ރަސްމީ ބްލޮގްގައި އެ ކުންފުނީގެ ޕްރޮޑަކްޓް މެނޭޖަރ ޕޯލް ރޮސާނިއާ ބުންޏެވެ.
“މިއުޓްކުރެވިފައިވާ މީހާއަށް އެކަމެއް ނޭންގޭނެ. އަދި ބޭނުން އިރަކު އަންމިއުޓް ކުރެވިދާނެ،” ޕޯލް ރޮސާނިއާ ގެ ލިއުމުގައި ވެއެވެ.
ޓްވިޓާ އަށް މިއުޓް ފީޗާއެއް ތައާރަފްކުރުމަކީ ރަނގަޅު ހިޔާލެއް ކަމަށް ގިނަ ބަޔަކު ބުނަމުން ގެންދާތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. "އަހަރެން ފޮލޯ ކުރާ މީހެއް، އަހަންނަށް އެހާ މުހިއްމު ނޫން ޓްވީޓްތަކެއް ކުރާނަމަ، މިސާލަކަށް، ތަނެއްގައި ކުރިއަށް ދާ ހަފްލާ އަކާ ގުޅޭ ޓްވީޓްތަކެއް، ނުވަތަ އަހަރެންގެ ޝައުގުވެރިކަމެއް ނެތް ފުޓުބޯޅަ މެޗަކާ ބެހޭ ޓްވީޓްތައް ކުރަމުން ގެންދާނަމަ، އޭނާގެ ޓްވީޓްތައް މިއުޓްކޮށްލެވިދާނެއެވެ."
ފަހަކަށް އައިސް ދިވެހިން ޓްވިޓާ ބޭނުންކުރާ މިންވަރު ވަނީ ވަރަށް ބޮޑުތަން އިތުރުވެފައެވެ. ހާއްސަކޮށް ސިޔާސީ ވާދަވެރިކަން ޓްވިޓާގެ ތެރެއަށް ބަންޑުންވާތަން ފަހަކަށް އައިސް ވަނީ ފެނިފައެވެ. އަދިސިޔާސީ ވާހަކަތަކުން ފުރިފައިވާ ޓްވިޓާ ކޮމިއުނިޓީއެއް އޮތް ދިވެހިރާއްޖޭގައި ބައެއް މީހުންގެ ޓްވިޓާ ބަހުރުވަ އަޑުއަހާލަން ދަތިވާފަހަރު އާދެއެވެ. ޓްވިޓާގެ އައު މިއުޓް ބަޓަން އަކީ ދިވެހި ޓްވިޓާ ކޮމިއުނިޓީއިންވެސް މަރުހަބާ ކިޔާނެ ކަމެކެވެ.