ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖިނަލް ކޯޕަރޭޝަން (ސާކް) ގެ ޔޫތު ޗާޓަރާއި އެކްޝަން ޕްލޭން އެކުވާލުވުމަށް މަސައްކަތު ބައްދަލުވުމެއް މިއަދު ފަށައިފި އެވެ.

މިއަދު ހެނދުނު ޓްރޭޑާސް ހޮޓެލްގައި ބޭއްވި ބައްދަލުވުން ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާނެ އެވެ. މި ބައްދަލުވުމުގައި ސާކްގެ ސެކްރެޓަރީ ޖެނެރަލްގެ މަންބޫދު އިބްރާހިމް ޒުހުރީ އާއި ޔުނައިޓެޑް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑް (ޔޫއެންއެފްޕީއޭ) ގެ އޭޝިއާ ޕެސިފިކް ރީޖަނަލް ޑިރެކްޓަރު ނޮބޫކޯ ހޮރީބޭ އާއި ރާއްޖޭގެ ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ބައިވެރިވަޑައިގެންނެވި އެވެ.

މި މަސައްކަތު ބައްދަލުވުމުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވަޑައިގެންނެވީ ރާއްޖޭގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން އެވެ.

ޓްރޭޑާސްގައި ކުރިއަށްދާ މަސައްކަތު ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސާކްގެ ސެކެރެޓަރީ ޖެނެރަލްގެ މަންދޫބު ޒުހުރީ ވިދާޅުވީ، އިއްޔެ ބޭއްވި ޔޫތު ވޯކްޝޮޕުގައި ސާކް ޔޫތު ޗާޓަރާއި އެކްޝަން ޕްލޭނާއި ބެހޭގޮތުން ގިނަ ގައުމުތަކުގެ އޮފިޝަލުން މަޝްވަރާކުރެއްވި ކަމަށެވެ.

"މި ބައްދަލުވުމުގައި އިއްޔެގެ ވޯކްޝޮފުން މަޝްވަރާކުރެވުނު ކަންތައްތައް ބަލައި، ފާސްކުރުމުގެ ކަންތައް ކުރިއަށްދާނެ. ކޮންމެ އަހަރަކު ވެސް ސާކް އިން ޒުވާނުންނަށް ހުރި ދަތިތަކާއި މައްސަލަތައް ފާހަގަކޮށް އެކަންތައް އެކްޝަން ޕްލޭންތަކުގައި ހިމެނޭނެ،" އޭނާ ވިދާޅުވި އެވެ.

މިއަދު ފެށުނު މަސައްކަތު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޔޫތު މިނިސްޓަރު މަލީހު ވިދާޅުވީ، ބައެއް ޒުވާނުން ކުރިއަށްދާނެ މަގެއް ހޯދަން ބޭނުންވާ ކަމަށާއި އެ ގޮތުން އެ މިނިސްޓްރީގެ މެންޑޭޓުގައި އެކަން ފާހަގަކޮށް ކުރިއަށް ދެވޭނެ މަގު ފަހިކޮށްދީފައިވާނެ ކަމަށެވެ.

"ރާއްޖޭގެ ރައީސް އަބްދުﷲ ޔާމީންގެ ވައުދުތައް ބިނާވެފައި ވަނީ ޒުވާނުންނަށް އަމާޒުކުރެވިގެން. އޭގެ ތެރޭގައި ޒުވާނުންނަށް ދިމާވާ އެކި ދަތިތައް ފާހަގަކޮށްފައިވާނެ. ބައެއް ޒުވާނުން އެބަ ބޭނުންވޭ ކުރިއަށްދާނެ ރަނގަޅު މަގެއް ހޯދަން. ވަޒީފާތަކުގައި އެ ޒުވާނުން ދެމިހުރެ، އެމީހުން ބޭނުންވާ ކަންތައްތައް ފުއްދުމަށްޓަކައި އަޅުގަނޑުމެންގެ މިނިސްޓްރީގެ މެންޑޭޓު އެކުލަވާލާފައި ވާނީ އެކަންތައްތައް ބެލުމަށްފަހު. އެގޮތުން އެ މެންޑޭޓުގެ ދަށުން ޒުވާނުންނަށް އެމީހުންގެ ހުނަރު ދައްކާލުމުގެ ފުރަސަތު ލިބިގެންދާނެ،" މަލީހު ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޔޫއެންއެފްޕީއޭގެ އޭޝިއާ ޕެސިފިކް ރީޖަނަލް ޑިރެކްޓަރު ހޮރީބޭ ވިދާޅުވީ، ޔޫތު ޗާޓަރާއި އެކްޝަން ޕްލޭން އެކުވާލުމަށް ޒުވާން މަންދޫބުންތަކެއް ބައިވެރިވެފައިވާ ކަމަށާއި ޒުވާނުންގެ އަޑު އަހަން ބޭނުންވާ ކަމަށެވެ.

"މިތަނުގެ ތެރޭގައި ތިބީ ޒުވާން މަންދޫބުންތަކެއް. ޒުވާނުންގެ އަޑުއަހައި އަހަރެމެން އެކަން ބަލައިގަންނާނަން. ޒުވާނުންނަށް ފުރުސަތު ހޯދައިދިނުމަށް ކޮންމެ ގައުމެއް ވެސް އިސްނަގައިގެން މަސައްކަތް ކުރަން އެބަ ޖެހޭ. ސާކް ސަރަހައްދުގެ ތައުލީމު ފެންވަރު ވެސް ރަނގަޅު ކުރަން އެބަޖެހޭ. އެގޮތުން ތައުލީމީ ފެންވަރު ރަނގަޅު ކުރުމަށް މުދައްރިސުންގެ އަދަދު އިތުރުކުރަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވީ، ބައްދަލުވުން ނިމޭ އިރު، އޭގެ ވަރަށް ފުރިހަމަ ނަތީޖާއެއް ނުކުންނާނެ ކަމަށާއި ޒުވާނުންނަކީ މުޖުތަމައުގައި ބޮޑު ދައުރެއް އަދާކުރާ ބައެއް ކަމަށެވެ.

"މި ބައްދަލުވުން ނިމޭއިރު، ޒުވާނުންނަށް ގިނަ ފުރުސަތުތަކެއް ލިބޭ ގޮތަށް ކަންތައްތަކެއް ނިމިގެންދާނެ. މިއަދު ޒުވާނުންނަކީ ގިނަ ތަރައްގީތަކެއް ގެނެވޭނެ ބައެއް. މިއަދު ދުނިޔޭގައި ޒުވާނުންގެ ނިސްބަތަކީ ގާތްގަނޑަކަށް 1.2 ބިލިއަން. އޭގެ ތެރެއިން 62 އިންސައްތަ އުޅެނީ އޭޝިއާގައި. އެ ނިސްބަތުގެ 26 އިންސައްތަ އުޅެނީ މި ސަރަހައްދުގައި. ޒުވާނުން މި ހުރިހާ ކަންތައްތަކާއި ޕްރޮގްރާމް އަމިއްލަ ގޮތުގައި ގެންގުޅެ، އެމީހުންނަކީ ބަދަލު ގެންނަން ތިބޭ ބަޔަކަށް ވާން އެބަ ޖެހޭ،" ފޮރިން މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގެ އިތުރުން މި ބައްދަލުވުމުގައި ނޭޕާލް، އިންޑިއާ، ބަންގްލަދޭޝް، ޕާކިސްތާން، ބޫޓާން، އަފްގާނިސްތާން، ސްރީލަންކާގެ މަންދޫބުންނާއި އެކި ގައުމުތަކުން ގާތްގަނޑަކަށް 100 އޮފިޝަލުން ވަނީ ބައިވެރިވެފަ އެވެ.