މީގެ 12 އަހަރު ކުރިން ދުނިޔޭގެ އެންމެ އަގު ބޮޑު ޑިފެންޑަރެއްގެ ގޮތުގައި މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވި ތަޖުރިބާކާރު ޑިފެންޑަރު ރިއޯ ފާޑިނަންޑްގެ ކޮންޓުރެކްޓު އާކުރުމުގެ ވިސްނުމެއް އެ ކުލަބުން ނުގެންގުޅޭތީވެ، ޔުނައިޓެޑް ދޫކޮށް އެހެން ކުލަބަކަށް ބަދަލުވާން ފާޑިނަންޑް ނިންމައިފި އެވެ.

"އަހަރެން މިހާރު ނިންމާފައި ވަނީ ކްލަބު ދޫކޮށްލުމަށް. ކްލަބުން އަހަރެންގެ ކޮންޓްރެކްޓް އާކުރުމުގެ ވިސްނުމެއް ނުގެންގުޅޭ. މިވަގުތު އެންމެ ރަނގަޅީ ކްލަބު ދޫކޮށް އެހެން ކުލަބަކަށް ދިއުން."އިނގިރޭސި ދަ ގާޑިއަން ނޫހަށް ދިން އިންޓަވިއުގައި ފާޑިނަންޑް ބުންޏެވެ.

އުމުރުން 35 އަހަރުގެ ފާޑިނަންޑް ބުނީ، ޔުނައިޓެޑުން އޭނާގެ ކޮންޓްރެކްޓު އާނުކުރި ނަމަވެސް ކްލަބާ މެދު އެއްވެސް ކަހަލަ ހިތް ހަމަ ނުޖެހުމެއް ނެތް ކަމަށާއި ކްލަބުން ފާއިތުވި 12 އަހަރު ކޮށްދިން ހިތުމަތް ތަކާއި ދިން އެއްބާރުލުމަށް ކްލަބުގެ އެންމެހައި ވެރިންނާއި ސަޕޯޓަރުންނަށް ޝުކުރު އަދާކުރާ ކަމަށެވެ.

އިނގިރޭސި ބައެއް މީޑިއާ ރިޕޯޓްތަކުގައި ބުނެފައި ވަނީ، ޔުނައިޓެޑުން އަންނަ ޓްރާންސްފާ ސީޒަނުގައި އެ ކްލަބު ވަރުގަދަ ކުރުމުގެ ގޮތުން މަޝްހޫރު ބޮޑެތި ކްލަބުތަކަށް ކުޅެމުން އަންނަ ގިނަ ކުޅުންތެރިންތަކެއް ގަތުމުގެ ގޮތުން 250 މިލިއަން ޕައުންޑް ކުރިއަށް އޮތް ޓްރާންސްފާ ސީޒަންގައި ހަރަދުކުރުމަށް ނިންމާފައިވާ ކަމަށެވެ. އެހެން ކަމުން ކްލަބުގައި މިވަގުތު ތިބި ގިނަ ކުޅުންތެރިންގެ ކޮންޓްރެކްޓު އާ ނުކުރުމަށް ޔުނައިޓެޑުން ނިންމާފައި ވާކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

މެންޗެސްޓާ ޔުނައިޓެޑް ތަށްޓަކާ ނުލައި ސީޒަން ނިންމައިލިއިރު، އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގައި ވެސް ހިމެނިފައި ނުވުމުން އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ވެސް ޔުނައިޓެޑަށް ވަނީ ޖާގަ ގެއްލިފަ އެވެ.

މި ސީޒަނުގައި ގިނަ ދަތިކަކާ ކުރިމަތިވެ ގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒުވެފައި ވުމުން ޔުނައިޓެޑަށް ގެނައި ކޯޗު ޑޭވިޑް މޮއެސް ވަނީ ހުސްވި މަހުގެ ތެރޭގައި މަގާމުން ދުރުކޮށްފަ އެވެ. މިހާރު އެޓީމުގެ ކޯޗް ކަމާ ވަގުތީ ގޮތުން ހަވާލުވެގެން ހުރީ ތަޖުރިބާކާރު މިޑްފީލްޑަރު ރަޔަން ގިގްސް އެވެ.