މާލޭ ސިޓީ ކައުންސިލްގެ ދަށުން ދަރުބާރުގެ ނެގުމަށް ފަހު، އެތަން މަރާމާތުކުރުމަށް ހައުސިންގް މިނިސްޓްރީން ބީލަމަށް ލައިފި އެވެ.

ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ދަރުބާރުގެ މަރާމާތު ކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ބީލަން އުސޫލުން ބަޔަކާ ހަވާލުކުރުމަށް ނިންމާފައި ވަނީ 60 ދުވަހުގެ ތެރޭގައި އެތަނުގެ މަރާމާތުގެ މަސައްކަތް ނިންމާ ގޮތަށް ކަމަށެވެ.

ހައުންސިން މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ދަރުބާރުގޭ ދޮށިމޭނާ މާލަމުގައި 10 އޭސީ ހުންނަ އިރު އެ ހުރިހާ އޭސީއެއް ވެސް ހުރި އިރު ފާށަނާ މާލަމުގައި ބޭނުން ކުރަމުން އަންނަ އަށް އޭސީގެ ތެރެއިން ބޭނުންކުރެ ވެނީ އެންމެ އޭސީއެއް ކަމަށެވެ. ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމޭ އިރު އެ މައްސަލަތައް ހައްލުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ދަރުބާރުގެއަކީ އެކިއެކި ޕާޓީ، ހަފްލާތަކާއި ބޮޑެތި ރަސްމިއްޔާތުތައް ބާއްވަމުން އަންނަ ތަނަކަށްވާ އިރު އެތަނުގައި ކުރިއަށް އެތައް ބުކިންސްތަކެއް ވަނީ ހަދައިފަ އެވެ.

ހައުސިންގް މިނިސްޓްރީން ވާހަކަ ދެއްކެވި އޮފިޝަލް ވިދާޅުވީ ބުކިންސްތައް އަދި ކެންސަލް ކުރަން ނުޖެހޭ ކަމަށާއި މިހާރު ވެސް މާލަންތައް ބުކްކުރަމުން އަންނަ ކަމަށެވެ.

"ބުކިންސް އެއް ކެންސަލްކޮށްފައެއް ނުވާނެ އެތަން މަރާމާތުކުރަން ޖެހޭތީއެއް އަދި. ނަމަވެސް ބީލަމުގެ އުސޫލުން އެތަން ބަޔަކާ ހަވާލުކުރެވުނީ އެ އޮންނަ އުސޫލެއްގެ ދަށުން ބުކިންސްއެއް ކެންސަލްކުރަންޖެހިއްޖެ ނަމަ ކުރާނެ،" އޮފިޝަލް ވިދާޅުވި އެވެ.

ބިޑް ސެކިއުރިޓީއެއްގެ ގޮތުގައި 30،000 ރުފިޔާ ބަހައްޓަން ޖެހޭ އެ ބީލަމާ ބެހޭ ފޮތްތައް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 18 އިން 25 އަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 8:30 މެންދުރު 2:30 އަށެވެ. ބީލަމް ފޮތެއްގެ އަގަކީ 500 ރުފިޔާ އެވެ.

ދަރުބާރުގެ މަރާމާތުކުރުމާ ބެހޭ ޕްރޮޖެކްޓްތަކުގެ ޕްރީބިޑް ބައްދަލުވުން މިމަހުގެ 21 މޭ 2014 ވާ ބުދަ ދުވަހުގެ 11:00ގައި ފިނޭންސް މިނިސްޓްރީގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ބިޑް ހުޅުވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 28 ވާ ބުދަ ދުވަހުގެ 11 ޖަހާއިރު ފިނޭންސް މިނިސްޓްރީގަ އެވެ.