13 May 2014, 12:32
ރާއްޖޭގެ އާބާދީގެ 62 ޕަސެންޓް މީހުން ރައްޔިތުންގެ މަޖިލީހަށް އެއްގޮތަކަށް ވެސް އިތުބާރު ނުކުރާ ކަމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ހެދި ސާވޭއަކުން ދައްކައިފި އެވެ.
މިދިޔަ ރިޔާސީ އިންތިހާބުގެ ދެހަފުތާ ކުރިން ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ކުރި އެސާވޭ އިން އެނގިފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ފަހު ދެން އެންމެ ގިނަ މީހުން އިތުބާރު ނުކުރަނީ ސިޔާސީ ޕާޓީތަކަށެވެ. އެގޮތުން 58 ޕަސެންޓް މީހުން ސިޔާސީ ޕާޓީތަކަށް އެއްވެސް އިތުބާރެއް ނުކުރެ އެވެ. ސިޔާސީ ޕާޓީތަކުގެ ކަންތައްތައް ބަލަހައްޓައި އިންތިހާބުތައް ބޭއްވުމާ ހަވާލުވެފައިވާ އިލެކްޝަންސް ކޮމިޝަނަށް 26 ޕަސެންޓް މީހުން އިތުބާރެއް ނުކުރެ އެވެ.
ރޭންޑަމްކޮށް މުޅި ރާއްޖެ އިން 1000 މީހުންނާ ސުވާލުކޮށްގެން ކުރި ސާވޭ އިން އެނގިފައިވާ ގޮތުގައި ތިންވަނަ އަށް އެންމެ ގިނަ ބަޔަކު އިތުބާރު ނުކުރަނީ ލޯކަލް ކައުންސިލްތަކަށެވެ. އެގޮތުން 50 ޕަސެންޓް މީހުން ލޯކަލް ކައުންސިލްތަކަށް އެއްގޮތަކަށް ވެސް އިތުބާރެއް ނުކުރެ އެވެ. އަދި 46 ޕަސެންޓް މީހުން ކޯޓްތަކަށް އިތުބާރު ނުކުރާއިރު 43 ޕަސެންޓް މީހުން ރައީސުލްޖުމްހޫރިއްޔާ އަށް އިތުބާރެއް ނުކުރެ އެވެ. އަދި އެނގިފައިވާ ގޮތުގައި ބޮޑެތި ވިޔަފާރިތަކާއި މީޑިއާ އަށް 40 ޕަސެންޓް މީހުން އިތުބާރެއް ނުކުރެ އެވެ.
ފާހަގަކޮށްލެވޭ އަނެއް ކަމަކީ ރާއްޖެއާ ގުޅުން ހުރި ބައިނަލް އަގުވާމީ ދެ ޖަމާއަތަކަށް ވެސް ގިނަ ބަޔަކު އިތުބާރު ނުކުރާ ކަމެވެ. އެގޮތުން 28 ޕަސެންޓް މީހުން ކޮމަންވެލްތަށް އިތުބާރު ނުކުރާ އިރު 27 ޕަސެންޓް މީހުން ޔުނައިޓެޑް ނޭޝަންސް ( ޔޫއެން) އަކަށް އިތުބާރެއް ނުކުރެ އެވެ.
ސާވޭ އިން އެނގިފައިވާ ގޮތުގައި ރާއްޖޭގެ ދީނީ ފަރާތްތަކަށް 21 ޕަސެންޓް މީހުން އަދި މަދަނީ ޖަމިއްޔާތަކަށް 18 ޕަސެންޓް މީހުން އިތުބާރެއް ނުކުރެ އެވެ.
ސިފައިންނާއި ފުލުހުންނަށް އެއްގޮތަކަށް ވެސް އިތުބާރު ނުކުރާ ގިނަ އަދަދެއްގެ މީހުން ތިބި ކަން ވެސް ސާވޭއިން ވަނީ އެނގިފަ އެވެ. އެގޮތުން 32 ޕަސެންޓް މީހުން ފުލުހުންނަށް އިތުބާރު ނުކުރާއިރު 29 ޕަސެންޓް މީހުން ސިފައިންނަކަށް އިތުބާރެއް ނުކުރެ އެވެ.
ޓްރާންސް ޕޭރެންސީ މޯލްޑިވްސްގެ ސާވޭގެ ނަތީޖާ ރިޕޯޓް އާއްމުކުރުމަށް ސޯލްޓް ގައި މިއަދު ބޭއްވި ނޫސްކޮންފަރެންސްގައި ޓްރާންސް ޕޭރެންސީ މޯލްޑިވްސް އިން ބުނީ ސާވޭކޮށްފައި ވާނީ ބައިނަލްއަގުވާމީ މިންގަނޑަށް ކަމަށެވެ. އަދި އެސާވޭ ކުރުމުގައި ކެނެޑާގެ މާހިރެއް ކަމަށްވާ ޕްރޮފެސަ ނީލް ނެވިޓްއާއި އެމެރިކާގެ ޖަމިއްޔާއެއް ކަމަށްވާ ނެޝަނަލް ޑިމޮކްރެޓިކް އިންސްޓްޓިއުޓްގެ އެހީތެރިކަން ހޯދި ކަމަށް ވެސް ބުންޏެވެ.