ރޯދަ މަހާ ދިމާކޮށް ގިނަ މުދާތަކެއް އެއްތާކުން ފޯރުކޮށްދިނުމަށް ގޯމީޑިއާ އިން އިސްނަގައިގެން ބޭއްވި ނައިޓް މާކެޓަށް އާންމުންގެ ފަރާތުން ހީކުރި ވަރަށް ވުރެ ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް ގޯމީޑިއާ އިން ބުނެފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ގޯމީޑިއާ ޕްރިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އާމިރު މިއަދު ވިދާޅުވީ ވިއްސާރަ މޫސުމަކާ ނައިޓް މާކެޓް ދިމާވުމުން ނައިޓް މާކެޓަށް މާބޮޑު ތަރުހީބެއް ނުލިބޭނެ ކަމަށް ކުރިން ގަބޫލުކުރެއްވި ކަމަށެވެ.

"އަޅުގަނޑުމެން ހީކުރީ މިފަހަރު ވިއްސާރަ މޫސުމަކާ ދިމާވުމުން ނައިޓްމާކެޓަށް އާންމުންގެ ތަރުހީބު ވަރަށް ކުޑަވާނެ ކަމަށް. ނަމަވެސް އަޅުގަނޑުމެން އުންމީދު ކުރި ވަރަށް ވުރެ އާންމުންގެ ތަރުހީބު މާބޮޑު." އާމިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ނައިޓް މާކެޓް ފެށިގެން ފުރަތަމަ ދެތިން ދުވަހު ވިއްސާރަ ވުމުން ނައިޓް މާކެޓަށް ޒިޔާރަތް ކުރި މީހުން ވަރަށް މަދުވި ކަމަށެވެ. ނަމަވެސް މޫސުން ރަނގަޅުވެ ނައިޓްމާކެޓްގެ މުއްދަތު އިތުރު ކުރުމާ އެކު މާކެޓަށް ގާތްގަނޑަކަށް 150،000 މީހުން ޒިޔާރަތް ކުރިކަމަށް ލަފާކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެން ފަހަރުތަކުގައި މުޅިން ވެސް ވިއްކާނީ ފިހާރަތަކުގައި ނުވިކި ހުންނަ މުދާ. ނަމަވެސް މިފަހަރު ވިޔަފާރިވެރިން ވިއްކީ ހަފްތާއަކަށް ވާވަރަށް ބޭރުން މުދާ ގެނެސްގެން. އެއީވެސް ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔަ ކަމެއް." އާމިރު ވިދާޅުވި އެވެ.

މިފަހަރުގެ ނައިޓް މާކެޓްގައި އެއްޗެހި ވިއްކަން އުޅުނު ވިޔަފާރިވެރިންގެ ތެރެއިން ބައެއް ވިޔަފާރިވެރިންނާ ސުވާލުކޮށްލުމުން ބުނީ މިފަހަރުގެ ނައިޓް މާކެޓާ ދެތެރޭ ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށާއި އާންމުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ވިޔަފާރިތަކަށް ލިބިފައިވާ ކަމަށެވެ. އަދި އާންމު ރައްޔިތުންގެ ތެރެއިން ބައެއް މީހުންނާ ސުވާލުކޮށްލުމުން ބުނީ މިފަހަރުގެ މާކެޓަކީ އެންމެ ހިތްހަމަޖެހުނު އެއް މާކެޓް ކަމަށާއި އަގުތަކާ މެދު ވެސް ހިތްހަމަޖެހޭ ކަމަށެވެ.

ނައިޓް މާކެޓް ރޭ ނިންމާލާފައިވާ އިރު އެތަނަށް ވިޔަފާރިކުރުމަށް ގިނަ ބަޔަކު ވަނީ ޖަމާވެފަ އެވެ.