ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ވަކީލުން ހާޒިރުވި ނަމަވެސް ގާނޫނީ މައްސަލައެއް ދިމާވެ ކްރިމިނަލް ކޯޓުން ގިނަ މައްސަލަތައް ކެންސަލް ކޮށްފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ޕީޖީ އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ ސެކްޝަން ފިޔަވައި އެހެން ސެކްޝަންތަކުގައި ހުރި ގިނަ މައްސަލަތައް ކެންސަލް ކޮށްފައި ވަނީ ޕްރޮސިކއުޓާ ޖެނެރަލް ކަނޑައަޅާފައިވާ ވަކީލު ކޯޓަށް ހާޒިރުވެވަޑައި ނުގަތުމުން ކަމަށެވެ.

"ޖިނާއީ މައްސަލަތަކުގައި ދައުލަތުގެ ފަރާތުން ކޯޓުތަކުގައި ވަކާލާތު ކުރައްވާނެ ވަކީލުން ކަނޑައެޅުމުގެ ބާރު ގާނޫނީ ގޮތުން ލިބިގެން ވަނީ ޕްރޮސިކިއުޓާ ޖެނެރަލް އަށް. ނުވަތަ ޕީޖީ ނެތް ހާލަތެއްގައި ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް އަށް. ކްރިމިނަލް ކޯޓުގައި ޝެޑިއުލްކުރި ގިނަ މައްސަލަތަކަށް ޕީޖީ އޮފީހުން މިއަދު ވަޑައިގަތީ ކުރިން ކަނޑައަޅުއްވާފައިވާ ވަކީލު ފިޔަވައި އެހެން ވަކީލުން އެހެންވެ މައްސަލަތައް ކެންސަލް ކުރީ،" އޮފިޝަލް ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓުގެ އެހެން ސެކްޝަންތަކުން އެގޮތަށް އަމަލުކުރި ނަމަވެސް ޕީޖީ އޮފީހުގެ ކޮންމެ ވަކީލަކު ހާޒިރުވެވަޑައިގަތަސް އިސްގާޒީ ސެކްޝަނުން މައްސަލަތައް ކުރިއަށްގެންދާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.