13 May 2014, 12:02
ހުޅުމާލޭގައި ހަތަރު މީހަކު ވެގެން ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ހޯދަމުން ދިޔަ ދެ މީހުންގެ ތެރެއިން އެކަކު ހައްޔަރު ކޮށްފި އެވެ.
މިދިޔަ އޭޕްރީލް މަހުގެ 20 ވަނަ ދުވަހު ހިނގި އެ ހާދިސާއާ ގުޅިގެން ވަނީ މީގެ ކުރިން 19 އަހަރުގެ ފިރިހެނަކާއި 21 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފަ އެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ތިން ވަނަ މީހާ ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހަވީރުގެ ވަގުތެއްގަ އެވެ. އިއްޔެ ހައްޔަރުކޮށްފައި ވަނީ އުމުރުން 21 އަހަރުގެ ފިރިހެނެކެވެ.
ފުލުހުން ބުނީ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާ ގަދަކަމުން ޖިންސީ ގޯނާ ކުރި މައްސަލައާ ގުޅިގެން އަދި ވެސް އެކަކު ހޯދަމުން އަންނަ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރު ކުރި ތިން މީހުންގެ ވަނަވަރެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއްނުވެ އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އެ އަމަލު ހިންގާފައި ވަނީ ހުޅުމާލޭގައި ހުންނަ ދުވަހު ކުއްޔަށް ކޮޓަރިދޭ ތަނަކަށް އެ އަންހެން ކުއްޖާ ގެންދިއުމަށް ފަހުގަ އެވެ.
މިދިޔަ އަހަރުގެ މެދު ތެރޭގައި ހުޅުމާލޭގައި ބިދޭސީއަކު ވަނީ ހިނގާފައި ދިޔަ އަންހެން ކުއްޖަކު ގަދަކަމުން ގަސްތަކެއްގެ ތެރެއަށް ގެންގޮސް ބަނުމަށް ފަހު ޖިންސީ ގޯނާކޮށްފަ އެވެ.